Skip to content
ދުނިޔެ

އޭއައިގެ ސުޕަޕަވަރަކަށް ވުމަށްޓަކައި އިސްރާއީލުން މި ކުރަނީ ކީއް؟

އިބްރާހީމް ރަޒީންއިބްރާހީމް ރަޒީން

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިނާޢަތުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބާރަކަށް ވުމަށްޓަކައި، އިސްރާއީލުން އޭއައި ޑޭޓާ ސެންޓަރުތައް ބިނާކުރުމުގެ މަސައްކަތް އަވަސްކޮށްފިއެވެ.

އެ ޤައުމުގެ ބޮޑުވަޒީރު، ޔަހޫދީ ބެންޖަމިން ނަތަންޔާހޫ ވަނީ އޭއައި އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް އަވަސްކުރުމަށް ޤައުމީ ޕްލޭނެއް އިޢުލާނު ކުރައްވާފައެވެ. މި ޕްލޭނުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އޭއައި ބާރަކަށް އިސްރާއީލު ހެދުމެވެ.

މި އިސްނެގުމުގެ ދަށުން ހިންގާ މައިގަނޑު އެއް މަޝްރޫޢަކީ 1.5 ބިލިއަން ޑޮލަރުގެ ”އޮފެކް ޑޭޓާ ސެންޓަރ“ އެވެ. މި ސެންޓަރުގެ މަސައްކަތް 2029 ވަނަ އަހަރުގެ ފަހު ދެބައިގައި ނިމުމުން، މިއީ އިސްރާއީލުގެ އެންމެ ބޮޑު ޑޭޓާ ޕްރޮސެސިންގ މަރުކަޒަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. ފުރަތަމަ މަރުޙަލާގައި މި ސެންޓަރުގައި 130 މެގަވޮޓްގެ ކެޕޭސިޓީއެއް ހުންނާނެ ކަމަށާއި، ފަހުން އެ އަދަދު 200 މެގަވޮޓަށް އިތުރުކުރުމަށް ވަނީ ރޭވިފައެވެ.

މިހާރުވެސް އިސްރާއީލުގައި 67 ޑޭޓާ ސެންޓަރު އެބަހުއްޓެވެ. މީގެއިތުރުން، ސަރުކާރުން ވަނީ އިދާރީ ހުރަސްތައް ކުޑަކޮށް، ޢިމާރާތްކުރުމުގެ މަސައްކަތް އަވަސްކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

އެހެންނަމަވެސް، ކަރަންޓު ފޯރުކޮށްދިނުމަކީ އަދިވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ޤައުމީ ކަރަންޓު ވިއުގައަށް ބާރުބޮޑުވުމުގެ ސަބަބުން، ކަމާބެހޭ ފަރާތްތަކުން ވަނީ އަލަށް ހަދާ ޑޭޓާ ސެންޓަރުތަކުގެ ކެޕޭސިޓީ 200 މެގަވޮޓަށް ވުރެ އިތުރުނުކުރެވޭ ގޮތަށް ލިމިޓްކޮށްފައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޤައުމުގެ އެތެރޭގައި ޤާއިމުކުރެވޭ އޭއައި އިންފްރާސްޓްރަކްޗާގެ ސަބަބުން އިސްރާއީލުގެ އަސްކަރީ ޤާބިލުކަމާއި، އިޤްތިޞާދީ ނުފޫޒާއި ޓެކްނޮލޮޖީގެ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބާރު ވަރުގަދަވެގެންދާނެއެވެ. އިސްރާއީލުން މީގެ ކުރިންވެސް ވަނީ ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި އޭއައި ބޭނުންކޮށްފައެވެ.

މި ކަމުގެ ސަބަބުން، ބޭރުގެ ކޮންޓްރޯލް އޮންނަ ކޮމްޕިއުޓިންގ އިންފްރާސްޓްރަކްޗާތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާތީ ކަންބޮޑުވުންތައްވެސް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް ވިލާތުގެ ޤައުމުތަކުގައި ކަރަންޓުގެ ދަތިކަމާއި، ހުއްދަ ހޯދުމުގެ މަރުޙަލާތައް ދިގުލައިގެން ދިއުމުގެ ސަބަބުން ޑޭޓާ ސެންޓަރުތައް ތަރައްޤީކުރުމުގެ ދުވެލި ވަނީ މަޑުޖެހިފައެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply