ގެދޮރު އެޅުމަށް ދޭ މާލީ އެހީގެ ސްކީމް އާދީއްތަ ދުވަހު ހުޅުވާލަނީ

ގެދޮރު ބިނާކުރުމަށް ދޫކުރާ މާލީ އެހީއަށް އެދުމުގެ ފުރުސަތު އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށް، ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
މިއީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދޭ މި އެހީއަކީ، ”ބޯހިޔާވަހިކަން އެންމެންނަށް“ މަޝްރޫޢުގެ ”ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު“ގެ ދަށުން ކުރިއަށްގެންދާ ސްކީމެކެވެ.
ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދިންގޮތުގައި، ގެދޮރު އިމާރާތް ކުރުމަށް ދޭ ހިލޭ އެހީއާ ގުޅޭ ”ހެލްޕް-ޓު-ބިލްޑް“ ސްކީމުގެ އުސޫލު މިހާރު ވަނީ ގެޒެޓް ކޮށްފައެވެ.
މި ސްކީމުގެ ދަށުން، މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް ހިލޭ އެހީގެ ގޮތުގައި ދޫކުރާނީ 200،000 ރުފިޔާއެވެ. މާލޭގައި ގެދޮރު އެޅުމަށް 200،000 ރުފިޔާއިން ފެށިގެން 1،000،0000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޫކުރާނެއެވެ.
މި އުސޫލުގެ ދަށުން ގެދޮރު ބިނާކުރުމަށް މާލީ އެހީތެރިކަން ދޭ ފަރާތްތަކުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި:
- އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށް ވުން
- ގޯތި ހުރި ތަނަކީ އެ މީހަކު ދިރިއުޅެމުންދާ ރަށަށް ވުން.
- ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެކަށީގެންވާ ގެދޮރެއް ހުރި މީހަކަށް ނުވުން.
- ސަރުކާރުގެ ސްކީމަކުން ނުވަތަ އެނޫންވެސް ގޮތަކުން އަދި އެއްމެދު އިމާރާތަކުން ނަމަވެސް ގެދޮރު ލިބިފައިވާ ފަރާތަކަށް ނުވުން
- އަނބިމީހާ ނުވަތަ ފިރިމީހާގެ ގެދޮރު ނެތުން ހިމެނެއެވެ.
ހައުސިންގ މިނިސްޓްރީން ބުނިގޮތުގައި، މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00ން ފެށިގެންނެވެ. އަދި އެޕްލިކޭޝަން ހުށަހަޅާނީ hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެެއެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.