Skip to content
ދުނިޔެ

ނޫކުލައިގެ ހަންގަނޑަކާއެކު އުފަންވި އާދަޔާޚިލާފު އާއިލާ

ސަންދާނު ނިއުސްސަންދާނު ނިއުސް

އިންޑިއާގައި، ލޭގެ ގުޅުމުން ގާތްތިމާގެ މީހުންގެ މެދުގައި ކުރެވޭ ކައިވެނިތަކަށް ގާނޫނީ ހުރަސްތަކެއް އެޅުމާމެދު ދަނީ ރާވަމުންނެވެ. ”ކެންޓަކީގެ ނޫކުލައިގެ މީހުން“ ގެ ނަމުން މަޝްހޫރުވި މި އާދަޔާޚިލާފު ހާދިސާގެ ސަބަބުން، ގާތްތިމާގެ މީހުންނާ ކައިވެނިކުރުމުން ދިމާވާ ވިރާސީ ނުރައްކާތަކަށް އަނެއްކާވެސް ސަމާލުކަން ވަނީ ލިބިފައެވެ.

އެމެރިކާގެ އިރުމަތީ ކެންޓަކީގެ ދުރު ހިސާބެއްގެ ފަރުބަދަމަތީ އަވަށެއްގައި ވަޒަންވެރިވި ފިއުގޭޓް އާއިލާ މަޝްހޫރުވެގެން ދިޔައީ، އެ އާއިލާގެ ބައެއް މެންބަރުންގެ ހަމުގެ ކުލަ އާދަޔާޚިލާފަށް ނޫކުލައިގައި ހުރުމުންނެވެ. މި ބައްޔަކީ ”މެތެމޯގްލޯބިނީމިއާ“ ގެ ނަމުން މަޝްހޫރު، ހަށިގަނޑުގައި އޮކްސިޖަން ދައުރުކުރުމުގެ ނިޒާމަށް އަސަރުކުރުވާ، ވާރުތަވަމުން އަންނަ ނާދިރު ލޭގެ ބައްޔެކެވެ.

މި އާއިލާގެ ތާރީޚު ފެށެނީ 1820 ވަނަ އަހަރު ފަރަންސޭސިވިލާތުން ހިޖުރަކުރި މާޓިން ފިއުގޭޓް، އެލިޒަބަތު ސްމިތާ ކައިވެނިކުރި ހިސާބުންނެވެ. އެމީހުންގެ ހަތް ދަރިންގެ ތެރެއިން ހަތަރު ކުދިން އުފަންވީ ނޫކުލައިގެ ހަންގަނޑަކާއެކު އެވެ. މި އާއިލާ ދިރިއުޅެމުން ދިޔައީ އެހެން މީހުންނާ ވަކިން އޮތް އެކަހެރި އަވަށެއްގައި ކަމަށްވާތީ، އާއިލާގެ ތެރޭގައި ތިމާގެ މީހުންނާ ކައިވެނިކުރުން އާންމުވެ، ޖީލުތަކަކަށް މި ވިރާސީ ބަލި ވާރުތަވަމުން ދިޔުމަށް މަގުފަހިވިއެވެ.

މިކަމަށް ސިއްހީ ދާއިރާގެ ސަމާލުކަން ލިބުނީ 1960 ވަނަ އަހަރު، މި ބަލި ތަހައްމަލު ކުރަމުންދިޔަ އެއްބަނޑުއެއްބަފާ ދެބެއިންގެ ހާލަތު ދިރާސާކުރަން ފެށުމުންނެވެ. ތަހުލީލުތަކުން ދެއްކި ގޮތުގައި އެ އާއިލާގެ މީހުންގެ ގައިގައި ”މެތެމޯގްލޯބިން“ ހުންނަންޖެހޭ މިންވަރަށްވުރެ ބޮޑުތަނުން މައްޗެވެ. ނަމަވެސް، މިއީ ބޭސް ބޭނުންކޮށްގެން ކޮންޓްރޯލް ކުރެވިދާނެ ހާލަތެކެވެ. އެ އާއިލާގެ މީހެއްގެ ގައިން އެންމެ ފަހުން މި ބަލި ފެނިފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ 1975 ވަނަ އަހަރުއެވެ.

މި މައްސަލަ އަލުން ފެންމަތިވެގެން މިއައީ، އިންޑިއާގެ ބެންގަލޫރުގެ ގާނޫނީ ދަރިވަރެއް ކަމަށްވާ ޗާރވީ އެސް އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އޭނާ ވަނީ ލޭގެ ގުޅުން އޮންނަ މީހުންގެ މެދުގައި ކައިވެނިކުރުމުގެ ހުއްދަދޭ ގާނޫނުތައް އަލުން މުރާޖާކުރުމަށް އެދިފައެވެ. އެއީ އުފަންވާ ކުދިންނަށް ވާރުތަވާ ބަލިތަކާއި ޖިސްމާނީ އުނިކަންތައްތައް ކުރިމަތިވުމުގެ ފުރުސަތު އޮތުމުންނެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply