59.7 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީގެ މެންބަރުން އެ ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ބަލައިގަތުމެއް ނެތިއެވެ.
ބަޖެޓް ދިރާސާކޮޮށް، މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓަށް އެމްޑީޕީގެ މެންބަރުން 23 އިސްލާހެއް ފޮނުވި ނަމަވެސް މަޖިލީހުގެ ގަވައިދަށް ފެތޭ ކަމަށް ރިޔާސަތުން ކަނޑައެޅީ އެންމެ ހަތް އިސްލާހެވެ.
އެ ހަތް އިސްލާހަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ނަމަވެސް އެންމެ އިސްލާހެއް ވެސް ފާސްވެފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބަޖެޓް އެގޮތަށް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފިނޭންސުން ހުށަހެޅީ، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އެއީ މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫތަކަށް 9.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ޑެފިސިޓުގެ ގޮތުގައި 9.4 ބިލިއަން، އަދި ޖީޑީޕީގެ ގޮތުގައި 129.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދަރަނީގެ ގޮތުގައި 161.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.