Skip to content
ދުނިޔެ

 ނޭޓޯގެ މެމްބަރަކަށްވުމަށް ޑޮންބަސް ރަޝިޔާއަށް ދޭން އެމެރިކާއިން ހުށަހަޅައިފި

ސަންދާނު ނިއުސްސަންދާނު ނިއުސް

ރަޝިޔާގެ ކާރގޯ ޝިޕް ސްޕަރޓާ 2 އަށް ނޮވެމްބަރ 21 ވަނަދުވަހު ބޯލްޓިކް ކަނޑު ތެރެއިން ދިން ޑްރޯން ހަމަލާއެއްގައި ރޯވެދާނެ ކަމުގެ ބިރު އުފެދުމުން ގިނަ ގައުމުތަކަކުން ބައިވެރިވެގެން ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ގެންދެއެވެ.


ޔޫކްރެއިން ހަނގުރާމަ ހުއްޓުވައި އެ ގައުމަށް ނޭޓޯގެ މެމްބަރ ކަން ދިނުމާބެހޭގޮތުން އެމެރިކާއިން ކޮށްފައިވަނީ އެންމެ ސުވާލެކެވެ. ޔޫކްރެއިނަށް ނޭޓޯގެ މެމްބަރު ކަން ދީފިނަމަ އެ ގައުމުގެ ޑޯންބަސް ސަރަހައްދު ރަޝިޔާއަށް ދޭނަން ހެއްޔެވެ ؟ މި ސުވާލުގެ ޖަވާބުގައި ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ޔޫރަޕްގެ ގައުމުތަކުން އެމެރިކާގެ ހުށައެޅުން ޔަގީން ކަށަވަރު ނުކުރެވޭހާ ހިނދަކު ޔޫކްރެއިންގެ ރައްޔިތުން ގޮތެއް ނުނިންމާނެ ކަމަށެވެ. އަދި މިހާރު ރަޝިޔާގެ ސިފައިން އަތުލާފައިހުރި ޔޫކްރެއިންގެ ބިންތަކަކީ ރަޝިޔާގެ ބިންތަކެއް ކަމުގައި ޔޫކްރެއިނުން ދުވަހަކުވެސް ގަބޫލު ނުކުރާނެ ކަމަށެވެ.
ޔޫކްރެއިނަށް ނޭޓޯގެ މެމްބަރކަން ދިނުމަކީ ރަޝިޔާއިން ކަނޑައަޅާފައިވާ ރެޑް ލައިނެވެ. އަދި ނޭޓޯގެ ލަޝްކަރެއް ރަޝިޔާއާއި ޔޫކްރެއިން ގުޅޭ ސަރަހައްދަށް ފޮނުވުމަށްވެސް ރައީސް ޕޫޓިން އެއްބަސްވެ ވަޑައި ނުގަންނަވާނެއެވެ.
ހުޅަނގުގެ ގައުމުތަކާއެކު ޔޫކްރެއިންގެ ގުޅުން ތަކާބެހޭގޮތުން ވާހަކަ ދައްކަވަމުން ނޭޓޯގެ މެމްބަރ ކަން ބޭނުންވާނަމަ ޔޫކްރެއިންގެ ބައެއް ބިންތައް ރަޝިޔާއަށް ދިނުމަށް އެމެރިކާއިން ވަނީ މަޝްވަރާދީފައެވެ. ފިނިމޫސުމާ ދިމާކޮށް ރަޝިޔާގެ ނުފޫޒު ފެތުރިދާނެ ހުރިހާ ގޮތަކަށް އެ ގައުމުން މަސައްކަތްކުރަމުން ގެންދާނަމަވެސް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ހުންނެވީ ފަހަތަށް ޖެހިވަޑައިގަންނަވާގޮތަކަށް ނޫނެވެ. އަބޫދާބީގެ މަޝްވަރާތަކުގައި ޔޫކްރެއިނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ދެކެވުނު ވާހަކަތައްވެސް ރައީސް ޒެލެންސްކީވަނީ ގަބޫލު ނުކުރައްވާފައެވެ. އެމަނިކުފާނުބާރު އަޅުއްވަމުން ގެންދެވީ ފުރަތަމަ ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ.
އެމެރިކާގެ އެންވޯއީން ކަމުގައިވާ ސްޓީވް ވިކްޓޯފް އާއި ޖާރެޑް ކުޝްނަރ އަބޫދާބީއަށް ވަޑައިގެން ޔޫކްރެއިންގެ މައްސަލާގައި ނާކާމިޔާބު މަޝްވަރާތަކެއް ކުރެއްވުމަށްފަހު މިދިޔަ ބުރާސްފަތިދުވަހު އެ ދެބޭފުޅުންވަނީ ރައީސް ޕޫޓިންއާއި އަދި ރައީސް ޒެލެންސްކީއާ ބައްދަލު ކުރައްވާފައެވެ. އަބޫދާބީގެ ބައްދަލުކުރެއްވުމުގައި ހާސިލު ކުރެވުނު ހަމައެކަނި ކާމިޔާބީ އަކީ ކުރިއަށް އޮތްތަނުގައި ޔޫކްރެއިންގެ މައްސަލާގައި ކުރެވޭ މަޝްވަރާތަކުގައި ޔޫރަޕްގެ ގައުމުތަކުން ބައިވެރިވާނެކަމަށް އެއްބަސްވުމެވެ. އެ މަޝްވަރާތަކުގައި ޔޫރަޕުން ބައިވެރިވާނީ ޖަރުމަނާއި ފަރަންސޭސި ވިލާތާއި އިޓަލީ އަދި ޕޯލޭންޑާއި އިނގިރޭސި ވިލާތުންނެވެ. ރަޝިޔާއާ ދެކޮޅަށް ފަސްއަހަރުދުވަހު ކުރަމުން މިގެންދާ ހަނގުރާމައިން ޔޫކްރެއިން ސިފައިންނަށް ވަރަށް ގިނަ ތަޖްރިބާތަކެއް ހާސިލު ކުރެވިއްޖެ ކަމަށާއި ޔޫކްރެއިންގެ ސިފައިން ނޭޓޯގެ ފައުޖުތަކާ ގުޅުމަކީ ނޭޓޯއަށް ލިބޭ އިތުރު ބާރަކަށް ވާނެކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.
2021 ވަނަ އަހަރު ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފެށުމުގެ ކުރިން ނޭޓޯގެ ސިފައިން އިރުމަތީ ޔޫރަޕުން އަނބުރާ ގެންދިއުމަށް ރައީސް ޕޫޓިން ވަނީ އެމަނިކުފާނުގެ އެންމެ ފަހުގެ އިންޒާރު ދެއްވާފައެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕުގައި މިހާރު ކުރެވެމުންދާ އެންމެ ނުރައްކާތެރި މި ހަނގުރާމަ ހުއްޓުވުމަށްޓަކައި ޔޫރަޕްގެ ސެކިއުރިޓީވެސް ހިމެނޭގޮތުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ރަޝިޔާއިން ބޭނުންވެއެވެ. މިކަމަށް އިޝާރާތް ކުރައްވައި ކްރެމްލިން އިން ބޭނުންވަނީ މުޅިން އާ ޔެލްޓާއެއްގެ މައްޗަށް މަޝްވަރާކޮށް ގޮތެއް ނިންމަން ކަމަށް މިދިޔަ ހަފުތާގައި ރަޝިޔާގެ ޗީފް ނެގޯޝިއޭޓަރ ލަޑިމީރް މެޑިންސްކީ ވިދާޅުވެފައިވެއެވެ. މުޅިން އާ ޔެލްޓާއެއް ކަމަށް އެމަނިކުފާނު އިޝާރާތް ކުރައްވާފައިވަނީ 1945 ވަނައަހަރު ޔޫރަޕް ބައިބައިކޮށްލުމަށްޓަކައި ޖޯސެފް ސްޓާރލިންއާއެކުހުޅަނގުގެ ލީޑަރުން ބޭއްވި ކޮންފަރެންސްއަށެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply