ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ އިންޒާރެއް ދީފި

ލީބިޔާ އަދި ބޯލްޓިކް ކަނޑުގައިވާ ރަޝިޔާގެ އުޅަނދުފަހަރަށް ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން، އޭގެ ”ހިތި ނަތީޖާއާ“ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ރަޝިޔާއިން ޔޫކްރެއިނަށް އިންޒާރު ދީފިއެވެ. އަދި ކީވްއިން ސަރަޙައްދީ ނުތަނަވަސްކަން އިތުރުކުރަމުންދާ ކަމަށްވެސް ރަޝިޔާއިން ވަނީ ތުހުމަތުކޮށްފައެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ހޯމަ ދުވަހު ވިދާޅުވީ، ރަޝިޔާގެ ޑިފެންސް މިނިސްޓްރީން މި ހާދިސާތައް ބަލަމުންދާ ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި އިތުރު ތަފުސީލު ހާމަކުރާނެ ކަމަށެވެ. މީގެ އިތުރުން، މިކަމުގެ ބަދަލުހިފުމުގެ ގޮތުން ޔޫކްރެއިނުގެ އަސްކަރީ އުމްރާނީ ވަސީލަތްތަކަށް މޮސްކޯއިން ކޮންމެ ދުވަހަކު ދެމުންގެންދާ ހަމަލާތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިޔާއާ ގުޅުންހުރި ދެ އުޅަނދެއް އާދީއްތަ ދުވަހު ޔޫކްރެއިންގެ ފައުޖުތަކުން ފައްތާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޯވެޓް މާކިއުރީ އާއި، ހަތިޔާރު އުފުލުމަށް ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މުދާ އުފުލާ ބޯޓެއް ހިމެނެއެވެ.
ލީބިޔާގެ އިރުމަތީ ސަރަޙައްދުގައި ޤާއިމުވެފައިވާ ސަރުކާރުން ވަނީ މި ހަމަލާތަކަކީ އެ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުން ކަމަށް ބުނެ އދ. އަށް ޝަކުވާ ހުށަހަޅައި، މި މައްސަލައިގެ ބައިނަލްއަޤްވާމީ ތަޙުޤީޤަކަށް ގޮވާލާފައެވެ.
މީގެ އިތުރުން، ހޮނިހިރު ދުވަހު ދިން ޑްރޯން ހަމަލާއެއްގައި ބޯލްޓިކް ކަނޑުގެ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި އޮތް ރަޝިޔާގެ ކާގޯ ބޯޓު ”ސްޕާޓާ II“ ގައި ވަނީ އަލިފާން ރޯވެފައެވެ. ފިންލޭންޑްގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާގެ ޒިންމާ އުފުލަންޖެހެނީ ޔޫކްރެއިނުން ކަމަށް ބެލެވޭ ކަމަށެވެ.
މި ހަމަލާތަކަކީ ރަޝިޔާގެ ކަނޑުގެ އަސްކަރީ ވަސީލަތްތަކަށާއި، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް ރަޝިޔާއަށް އެހީތެރިވެދޭ ވިޔަފާރި އުޅަނދުފަހަރު ނުވަތަ ”ޝެޑޯ ފްލީޓް“ އާ ދެކޮޅަށް ޔޫކްރެއިނުން ހިންގަމުންދާ ކެމްޕޭނުގެ ބައެކެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.