ހުރްމުޒް ކަނޑުއޮޅީގައި އޮތް ތިން ތެޔޮ ޓޭންކަރުގައި އަލިފާން ރޯވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި އަޅާފައިވާ ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި، ތިން ތެޔޮ ޓޭންކަރުގައި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފިއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
އައި.އާރް.ޖީ.ސީން ބުނި ގޮތުގައި އެ އުޅަނދުތައް މައިންތަކުގައި ޖެހުމުގެ ސަބަބުން ބާރުގަދަ ގޮވުންތަކެއް ގޮވައި، ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. ނަމަވެސް، އެ ބޯޓުތަކާ ބެހޭ އިތުރު ތަފުސީލެއް، އެއީ ކޮން ގައުމުތަކަކަށް ނިސްބަތްވާ ބޯޓުތަކެއް ކަމެއް އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވުމަށް ކެތްކުރުމުގެ ކުޅަދާނަކަން އެ ސަރަހައްދުގައި ނެތް ކަމަށް ޤަޠަރުން ވަނީ އިންޒާރު ދީފައެވެ.
ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު، ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީ ވިދާޅުވީ، ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވޮޝިންގޓަންގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.
މި ދަނޑިވަޅުގައި، އީރާނުގެ އަސްކަރިއްޔާއަށާއި ހަތިޔާރުގެ ޕްރޮގްރާމްތަކަށް ފަންޑުކުރުމަށް ބޭނުންކުރާ ވިއުގަތަކަށް ވާގިވެރިވާ ކަމަށް ތުހުމަތުކޮށް، އީރާނުގެ 20 އަށް ވުރެ ގިނަ މަނީ އެކްސްޗޭންޖްތަކަށާއި، ފްރަންޓް ކުންފުނިތަކަށާއި ވަކިވަކި ފަރުދުންނަށް އަމާޒުކޮށް އެމެރިކާއިން ވަނީ އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
މީގެ އިތުރުން، ހަކަތައާއި ކެމިކަލް އުފެއްދުންތައް އުފުލާ ދިހަ ބޯޓަކަށް އަމާޒުކޮށް ދީފައިވާ ކަމަށް ބެލެވޭ ސައިބަރ ހަމަލާތަކެއް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ހަމަލާތަކުގެ މައިގަނޑު ތުހުމަތު އީރާނަށް ކުރެވުނު ނަމަވެސް، އެކަމުގައި އީރާނުގެ ބައިވެރިވުމެއް އޮތްކަން ކަށަވަރުކޮށްދޭ އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ވޮޝިންގޓަނުން ވަނީ ބުނެފައެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.