ޑިސެމްބަރު 16 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ޝެއިޚް ހަސީނާ އަނެއްކާވެސް ވިދާޅުވެއްޖެ

ޑިސެމްބަރު 16 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަނެއްކާވެސް ވިދާޅުވެއްޖެއެވެ.ހަސީނާގެ ތަރުޖަމާން ވަނީ ރައްކާތެރިކަމާއެކު އެކަމަނާ ޑާކާ އަށް ގެންގޮސްދިނުމަށް ބަންގްލާދޭޝް ސަރުކާރުގެ ކިބައިން އެދި ވަޑައިގެންފައިވާކަން ހާމަ ކޮށްފައެވެ.
ކޮރަޕްޝަނާއި ދެކޮޅަށް އާންމުން ނިކުމެ މުޒާހަރާ ކުރުމުގެ ސަބަބުން 2024ގެ އޮގަސްޓްމަހު ހަސީނާގެ ސަރުކާރު ވެއްޓުނު ފަހުން އަމިއްލަފުޅަށް އަރުވާލެއްވިގެން
އެކަމަނާ އުޅުއްވަމުން ގެންދަވަނީ އިންޑިޔާގައެވެ.
ޝެއިޚް ހަސީނާ އެނބުރި ގައުމަށް ވަޑައިގަންވަން ގަސްތުކުރައްވާކަން އިއުލާން ކުރިހަމައިން އެކަމަނާގެ ސަޕޯޓަރުން ގެންދަނީ،ޕާޓީ އުވާލާފައި ވީނަމަވެސް މަގުތަކަށް ނިކުމެ އެކަމަނާއަށް ސަޕޯޓް ކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.
ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުންނާ ދެކޮޅަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން ސާދަސަތޭކައެއްހާ މީހުން މަރުވެފައިވާތީ ބަންގްލާދޭޝް ގެ ކޯޓަކުން މިދިޔަ އަހަރު ވަނީ ޝެއިހް ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.
ހަސީނާ ގެންދަވަނީ މި ތުހުމަތު ތަކަށް ދެކޮޅު ހައްދަވަމުންނެވެ.
ބަންގްލާދޭޝްގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާސް ހިއުމަޔޫން ކަބީރު ވަނީ ހަސީނާ ބޭނުންފުޅުވާ ޝަރުތު ތަކާއެކު އެނބުރި ގައުމަށް ވަޑައި ނުގެންނެވޭނެ ކަމަށް ވިދާޅުވެފައެވެ.އެކަމަނާ އަށް އާދައިގެ ކޮމާޝަލް ފަސިންޖަރެއްގެ ގޮތުގައި އެނބުރި ގައުމަށް ވަޑައިނުގެންނެވޭނެ މަށާ ގެނެވޭނީ ބިޑި އަޅުވައިގެން ކަމުގައި އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ބަންގްލާދޭޝްގައި ފާއިތުވި ދުވަސް ތަކުގައި ކުރިޔަށް ދިޔަ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ހަސީނާ އާއި ޑެލްހީ އިންކަމަށާ ބަންގްލާދޭޝްގައި ޓެރަރިސްޓް އަމަލްތައް ހިންގަން އެފަރާތްތަކުން އެބާރުލުން ދެމުން ގެންދާކަމަށްވެސް މިނިސްޓަރު ތުހުމަތު ކުރައްވާފައި ވެއެވެ.
ޝެއިޚް ހަސީނާގެ މައްސަލައިގައި އިންޑިޔާގެ ފޮރިން މިނިސްޓްރީން އަދި މިފަހަރު އެއްޗެއް ނުބުނާ ކަމަށް ވެއެވެ.އެޕްރިލްމަހު އިންޑިޔާއިން ބުނެފައިވަނީ ޝެއިޚް ހަސީނާ އަނބުރާ ފޮނުވާ ދިނުމަށް ބަންގްލާދޭޝް އިން އެދިފައިވާތީ އެކަން ބަލަމުން ދާކަމުގައެވެ.މީގެ އިތުރުން ބަންގްލާދޭޝް ގެ އައު ސަރުކާރާއެކު ގުޅުންތައް ބަދަހިކުރަން ބޭނުން ކަމަށްވެސް އިންޑިޔާއިން ބުނެފައި ވެއެވެ.
15 އަހަރު ދުވަހުގެ ވެރިކަމެއް ނިމުމަކަށް ގެންނަވަމުން ޝެއިޚް ހަސީނާ ގައުމު ދޫކުރައްވާ ވަޑައިގެންނެވީ 2024 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 5ވަނަ ދުވަހުއެވެ.
ކިޔަވާކުދިންގެ މުޒާހަރާތަކެއްގެ ގޮތުގައި ފެށުނު އިހްތިޖާޖްތައް ފުޅާވެ ސަރުކާރު މުވައްޒަފުންނާއި އާންމުންގެ ގިނަ ބަޔަކުވެސް ވަނީ މުޒާހަރާތަކާއި ގުޅިފައެވެ.އަދި މުޒާހަރާކުރި މީހުން ވަނީ ހަސީނާގެ ގަނޑުވަރަށް ވެސް ވަދެގަނެ އެތަނުގެ ތަކެއްޗާއި ތަންތަނަށް ވެސް ގެއްލުން ދީފައެވެ.
ޝެއިޚް ހަސީނާގެ ތަރުޖަމާން ސައީދު މުޒައްމަލް އަލީ އަންގާރަ ދުވަހުވަނީ ޝެއިޚް ހަސީނާ ގައުމު ދޫކުރައްވާ ވަޑައިގަންވަން މަޖްބޫރުވީ ކަމަށާ،އެއީ ގާނޫނުއަސާސީއާއި ޚިލާފަށް ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށް ބުނެފައެވެ.އަދި އެކަމަނާ ވަޑައިގެންނެވީ ބަންގްލޭޝް ސަރުކާރުން ހަމަޖެއްސި ބޯޓެއްގައި ކަމަށާ އެކަމަނާ މިހާރުވެސް އެދި ވަޑައިގަންނަވަނީ އެގޮތަށް ސަރުކާރުން ދަތުރު ހަމަޖައްސާ ދިނުމަށް ކަމަށް ތަރުޖަމާން ބުނެފައި ވެއެވެ.
ޝެއިޚް ހަސީނާ އެބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވާ ތާރީޙް، ޑިސެމްބަރު 16 ވަނަ ދުވަހަކީ ބަންގްލާދޭޝްގައި ވިކްޓަރީ ޑޭ ގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ.އެއީ ޕާކިސްތާންގެ ކިބައިން ގައުމު މިނިވަންވި ތާރީޚެވެ. ބަންގްލާދޭޝްގެ މިނިވަން ކަމުގެ ޖިހާދުގައި އިސްކޮން ހުންނެވީ ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހްމާން އެވެ. އެހެން ކަމުން އެދުވަހާ ދިމާކޮށް ހަސީނާ އަށް ތާއީދުކުރާ ގިނަބަޔަކު މަގުތަކަށް ނިކުންނާނެ ކަމަށް ދަނީ ބެލެމުންނެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.