Skip to content
ޚަބަރު

މިލިއަނަކަށްވުރެ ގިނަ ފައިސާ އޮފީހަކުން ވަގަށް ނެގި 3 މީހުން ހައްޔަރުކޮށްފި

މަރްޔަމް މަލާކްމަރްޔަމް މަލާކް

މިލިއަނަކަށްވުރެ ގިނަ ފައިސާ އޮފީހަކުން ވަގަށް ނެގި 3 މީހުން ހައްޔަރުކޮށްފިއެވެ.


މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ފުއްޓަރު، އަޙްމަދު ނާޡިމް (31އ) އާއި، ރ. މަޑުއްވަރި / މުޝްތަރީގެ، ޙުސައިން ޞަބާޙް (42އ) އަދި ރ. މަޑުއްވަރި / ސްޓާރލައިން، ޢާއިޝަތު ނަޝާޔާ (32އ) އެވެ. މި މީހުންގެ ތެރެއިން އަޙްމަދު ނާޡިމް ހައްޔަރުކޮށްފައިވަނީ މި މަހު 22 ވަނަ ދުވަހުއެވެ. އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 23 ވަނަ ދުވަހުއެވެ.
މާލޭގައި ހިންގާ އޮފީހަކުން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2026 ނޮވެމްބަރު 18 ވަނަ ދުވަހުއެވެ. މި މައްސަލަ ހުށަހެޅުމާއެކު އެ މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ވަނީ ދެނެގަނެފައެވެ. އަދި އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުުމުގެ ތެރެއިން 1,093,122.25ރ. (އެއްމިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އާއި 8845 ޔޫއެސް ޑޮލަރު ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ އޮފީހުން 1,252,505ރ. (އެއްމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސް ރުފިޔާ) އާއި 11470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ނާޡިމް (31އ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ޙުސައިން ޞަބާޙް (42އ) 30 ދުވަހަށް އަދި ޢާއިޝަތު ނަޝާޔާ (32އ) ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply