Skip to content
ރިޕޯޓް

ރަސްމާލޭގެ ސިއްރުތައް: ސަރުކާރުގެ ހޮޅި ބަހަނާތަކަށް އޮތް ގާނޫނީ ޖަވާބު!

ރަސްމާލެ މަޝްރޫޢުގެ ނުރައްކާތަކާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުން، ސަރުކާރުން ދޭ ޖަވާބުތައް:

  • ސަރުކާރުގެ ބަހަނާ: އެކެއް: ރަސްމާލޭގައި ފުލުހުންގެ އޮފީހެއް ހުންނާނެ، ކުށް ނުކުރެވޭނެ:
    ސަރުކާރުން ބުނަނީ ރަސްމާލޭގައި ފުލުހުންގެ މުއައްސަސާއެއް ހުރުމުން ކުށްތައް ނުކުރެވޭނެ ކަމަށެވެ. މިއީ މުޅިން ޖާހިލު ވާހަކައެކެވެ.
    ގާނޫނީ ހަގީގަތް: ފުލުހުންގެ މުއައްސަސާއަކީ ކުށް ކުރިމަތިވުމުން އެކަމަށް އިޖާބަދޭ ބައެކެވެ. މުޖުތަމަޢެއްގެ އާބާދީގެ ނިސްބަތް ކުއްލިއަކަށް ބަދަލުވެ، ބޭރުގެ އެކި ނުފޫޒުތައް ވަދެ، ތޮއްޖެހުން ބޮޑުވުމުން އުފެދޭ ”އިޖުތިމާޢީ ބަލިމަޑުކަން“ ހަމައެކަނި ފުލުހުން ބައިތިއްބައިގެން ނުހުއްޓުވޭނެއެވެ.
    ދުނިޔޭގެ މިސާލު: ދުނިޔޭގެ އެންމެ ބޮޑެތި، ކުށް ގިނަ ސިޓީތަކުގައި ފުލުހުންގެ މައި މަރުކަޒުތައް ހުރެއެވެ. ނަމަވެސް ބައިނަލްއަޤްވާމީ އިންސާނީ ވަގުފާރިއާއި، މަނީ ލޯންޑްރިންގް އަދި ސައިންޑިކޭޓް ގޭންގުތަކުގެ ބާރު ކަނޑުވައެއް ނުލެވެއެވެ. ޤާނޫނުގެ ބާރު ނުހިންގޭ ގޮތަށް ސިއްރު އެއްބަސްވުންތަކުގެ ދަށުން އުފައްދާ ސިޓީއެއްގައި ފުލުހުންގެ ބާރު ވެސް އޮންނާނީ ހަނިވެފައެވެ.
  • ސަރުކާރުގެ ބަހަނާ: ދޭއް: ސަރުކާރުން ބޭނުންވާ ބަޔަކަށް އެކަނި ފްލެޓް ގަނެވުން:
    ސަރުކާރުން ބުނަނީ ބޭރު މީހުންނަށް ފްލެޓް ގަނެވޭނީ ސަރުކާރުން ”ސްކްރީން“ ކޮށް، ބޭނުންވާ ބަޔަކަށް އެކަނި ކަމަށެވެ. އެކަން ކުރާނި ކިހިނަކުންތޯއެވެ؟ މިއީ ޤާނޫނީ ގޮތުން މާ ނުރައްކާތެރި ވާހަކައެކެވެ.
  • ޤާނޫނީ ޙަޤީޤަތް: ބައިނަލްއަޤްވާމީ ވިޔަފާރީގެ އުޞޫލުތަކާއި، ރިއަލް އެސްޓޭޓް ޤާނޫނުތައް ބުނާގޮތުން، ބިމެއް ނުވަތަ ފްލެޓެއް މިލްކުކުރުމުގެ ޙައްޤު ބޭރުގެ އިންވެސްޓަރަކަށް ދިނުމަށްފަހު، އެ މިލްކިއްޔާތު ބޭނުންހާ ގޮތަކަށް ހިފަހައްޓާ، ވަކި ބަޔަކަށް ތަފާތުކުރުން ގެންގުޅުމަކީ ބައިނަލްއަޤްވާމީ ކޯޓުތަކާއި އާބިޓްރޭޝަންތަކުގައި ދައުލަތް ކުށްވެރިވާނެ ކަމެކެވެ.
    ވެރިކަމުގެ ބާރުގައި ތިބެ، ޤާނޫނުތަކުގެ ލޫޕްހޯލްސް ބޭނުންކޮށްގެން ދައްކާ މިފަދަ ވާހަކަތަކުން އޮޅުވާލެވިދާނެއެވެ. ނަމަވެސް، ޤައުމުގެ ދިގުމުއްދަތުގެ މިނިވަންކަމާއި އިޖުތިމާޢީ ރައްކާތެރިކަން ބޭރުގެ ކުންފުނިތަކުގެ ވިޔަފާރީގެ މަންފާއަށް ގުރުބާން ކުރުމަކީ ހަމަހޭގައި ހުރި އެއްވެސް ދިވެއްސަކު ޤަބޫލުކުރާނެ ކަމެއް ނޫނެވެ.
  • ސަރުކާރުގެ ބަހަނާ: ތިނެއް: ޣައިރު މުސްލިމުންނަށް ރަސްމާލޭއިން ފުލެޓު ނުވިއްކުން:
    ”ޣައިރު މުސްލިމުންނަށް ފްލެޓް ނުގަނެވޭނެ“ ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ޤާނޫނީގޮތުން ޖާހިލު ވާހަކައެކެވެ.
    ރަސްމާލެ މަޝްރޫޢުން ބޭރުގެ ފަރާތްތަކަށް ފްލެޓާއި ބިން މިލްކުކުރެވޭ ގޮތަށް ހުޅުވާލުމަށްފަހު، ”ޣައިރު މުސްލިމުންނަށް އެތަންތަން ނުގަނެވޭނެ“ ކަމަށް ސަރުކާރުން ބުނުމަކީ ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމުގެ ކުރިމަތީގައި ދެކޮޅުނުޖެހޭ ބޮޑު އިތުރުފުޅެކެވެ. މީގެ ޙަޤީޤަތަކީ މިއެވެ.
    ހ- ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ތަފާތުކުރުން:
    ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ ޖަމްޢިއްޔާ (WTO) ގެ މެންބަރެކެވެ. އަދި ބައިނަލްއަޤްވާމީ އިންވެސްޓްމަންޓް މުޢާހަދާތަކުގައި ސޮއިކޮށްފައިވާ ޤައުމެކެވެ. ހަމަ މިވަރުވެސް ނޭގެނީތޯއެވެ؟ ނުވަތަ އެގެން ބޭނުން ނުވަނީތޯއެވެ.
  • ޤާނޫނީ ޙަޤީޤަތް: ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުން، ބޭރުގެ އިންވެސްޓަރުންނަށް ވިޔަފާރީގެ މާކެޓް ހުޅުވާލުމަށްފަހު، ދީނަށް، ނަސްލަށް ނުވަތަ ކުލައަށް ބަލައި މީހުން ތަފާތުކުރުމަކީ ބައިނަލްއަޤްވާމީ ގޮތުން މަނާކަމެކެވެ. ބޭރުގެ ކުންފުނިތަކަށް ބިން ވިއްކާ މާކެޓެއްގައި، ”މިއީ މުސްލިމެއްތޯ ނުވަތަ ޣައިރު މުސްލިމެއްތޯ“ ބަލައި ބިން ވިއްކުން މަނާކޮށްފި ނަމަ، ބައިނަލްއަޤްވާމީ ކޯޓުތަކުން އެކަން ބާތިލުކުރާނެއެވެ.
    ށ- ބޭރުގެ ބޮޑެތި ކުންފުނިތަކުގެ މިލްކުވެރިކަން:
    ރަސްމާލޭގެ ބިންތައް 99 އަހަރުން 99 އަހަރުން އޮޓެމެޓިކުން ރިނިއުވާ ގޮތަށް ދެނީ ބޭރުގެ ބިޔަ ކުންފުނިތަކަށެވެ.
  • ޤާނޫނީ ޙަޤީޤަތް: ބައިނަލްއަޤްވާމީ ޤާނޫނުގައި ކުންފުންޏަކީ އަމިއްލަ ޝަޚުޞެއް ކަމަށް ވާއިރު، ކުންފުންޏެއްގެ ދީނަކީ ކޮބައި ހެއްޔެވެ؟ އެ ކުންފުނިތަކުގެ ހިއްސާދާރުންނާއި ބޯޑު މެންބަރުންނަކީ ކޮންމެ ދީނެއްގެ ބަޔަކަށް ވެސް ވެވިދާނެއެވެ. ސަރުކާރުން ބިން ދޫކޮށްފައިވާ ބޭރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި، ޑިރެކްޓަރުންނާއި، ހިއްސާދާރުންނަކީ ޣައިރު މުސްލިމުން ކަމަށް ވާއިރު، އެމީހުންގެ ކޮންޓްރޯލް އޮންނަ ކުންފުނިތަކަށް ބިން މިލްކުވުމަކީ ޤާނޫނީ ގޮތުން ޣައިރު މުސްލިމުންނަށް ބިން މިލްކުވުމެވެ.
    ނ- ޝެލް ކުންފުނިތަކާއި“ ޕްރޮކްސީ ބޭނުންކުރުން
    ބައިނަލްއަޤްވާމީ މާލީ ނިޒާމުގައި، ވަކި ޤައުމެއްގެ ބަޔަކަށް ނުވަތަ ވަކި ދީނެއްގެ ބަޔަކަށް އެއްޗެއް ނުގަނެވޭ ގޮތަށް ހެދުމަކީ އެންމެ ފަސޭހައިން އޮޅުވާލެވޭ ކަންކަމެވެ. އެއީ އެންމެ ބޮޑު އިންސާނީ ހައްގައް އަރާގަތުމެވެ.
  • ޤާނޫނީ ޙަޤީޤަތް: ޣައިރު މުސްލިމް އިންވެސްޓަރަކު، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ނުވަތަ މުސްލިމް ނަމެއްގައި ހުންނަ ”ޝެލް ކުންފުންޏެއް“ މެދުވެރިކޮށް ފްލެޓް ގަންނައިރު، އޭގެ ޙަޤީޤީ ބެނިފިޝަލް އޯނަރަކީ ކާކުކަން ދެނެގަތުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫނެވެ.
    ރ- ޝަރުޢީ އަދި ސިޔާދަތީ ނުރައްކާ:
    މުދަލުގެ މިލްކުވެރިކަން ބޭރު ބަޔަކަށް ދިނުމަށްފަހު، ސަރުކާރުގެ ހިތަށްއެރިހާ ގޮތަކަށް އޭގެ މާކެޓް ކޮންޓްރޯލް ކުރަން އުޅުމަކީ ”ސޮވެރިން ރިސްކް“ މަތިވެ، ޤައުމުގެ އިޤްތިޞާދީ އަގު ވެއްޓޭނެ ކަމެކެވެ. ޣައިރު މުސްލިމުންނަށް ނުގަނެވޭނެ ކަމަށް ބުނެ ސިއްރުން އެއްބަސްވުންތައް ހެދުމަކީ، މާދަމާ ބައިނަލްއަޤްވާމީ އާބިޓްރޭޝަނަކުން ދިވެހި ދައުލަތް ބިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ދަރަނިވެރިކޮށްލާނެ ޤާނޫނީ މަގެކެވެ.
    ސަރުކާރުން ދައްކާ މި ވާހަކައަކީ ރައްޔިތުންގެ ދީނީ ޖަޒުބާތާ ކުޅެގެން ޙަޤީޤީ ޤާނޫނީ އަދި އިޤްތިޞާދީ ނުރައްކާތައް ފޮރުވަން ދައްކާ ހޮޅި ވާހަކައެކެވެ. ބައިނަލްއަޤްވާމީ ވިޔަފާރީގެ މައިދާނުގައި މިފަދަ ”ކުޑަކުދިންގެ“ އުޞޫލުތަކެއް ނުހިނގާނެއެވެ.
  • ސަރުކާރުގެ ބަހަނާ: ހަތަރެއް: ޔަހޫދީންނަށް ރަސްމާލެއިން ފްލެޓް ނުވިއްކުން
    ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ރިއަލް އެސްޓޭޓް މާކެޓް ހުޅުވާލުމަށްފަހު، ”ޔަހޫދީންނަށް ފްލެޓް ނުވިއްކާނެ“ ކަމަށް ބުނުމަކީ ރައްޔިތުންގެ ޖަޒުބާތާ ކުޅެގެން ޙަޤީޤީ ޤާނޫނީ ނުރައްކާތައް ފޮރުވަން ދައްކާ ހޮޅި ވާހަކައެކެވެ. މީގެ ޤާނޫނީ ބާތިލުކަން ހާމަވާ މައިގަނޑު ސަބަބުތަކަކީ މިއެވެ.
    ހ- ކުންފުންޏެއްގެ ނަމުގައި އަސްލު ވެރިފަރާތް ފޮރުވައިގެން ގަނެވޭނެ: ބައިނަލްއަޤްވާމީ ވިޔަފާރީގެ މައިދާނުގައި ފްލެޓްތަކާއި ބިންތައް ގަންނާނީ ވަކިވަކި ފަރުދުން އެމީހުންގެ އަމިއްލަ ނަމުގައެއް ނޫނެވެ. ގަންނާނީ ބޭރުގެ ބޮޑެތި ކުންފުނިތަކާއި، އިންވެސްޓްމަންޓް ފަންޑުތަކުންނެވެ.
  • ޤާނޫނީ ޙަޤީޤަތް: ބައިނަލްއަޤްވާމީ ޤާނޫނުގައި ކުންފުންޏަކީ ވަކި ދީނެއް ނުވަތަ ނޭޝަނަލިޓީއެއް އޮންނަ އެއްޗެއް ނޫނެވެ. ސަރުކާރުން ބިންތައް ހަވާލުކުރާ ބޭރުގެ ކުންފުނިތަކުގެ ބެކް-އިންޑް ހިއްސާދާރުންނަކީ ނުވަތަ އެ ކުންފުނިތަކަށް ލާރި ފަންޑުކުރާ މީހުންނާއި ބައިނަލްއަޤްވާމީ ބޭންކުތަކާއި ފަންޑުތަކުގެ ވެރިންނަކީ ޔަހޫދީން ކަމަށް ވިޔަސް، އެކަން ހުއްޓުވުމުގެ އެއްވެސް ޤާނޫނީ ޤާބިލުކަމެއް ދިވެހި ދައުލަތަކަށް ނުލިބޭނެއެވެ. ވުމާއެކު، ކުންފުނިތަކުގެ ނަމުގައި ރަސްމާލޭގެ ބާރު ޔަހޫދީ ކެޕިޓަލިސްޓުންގެ އަތްމައްޗަށް ދިއުމުގެ މަގު މިހާރު ވެސް އޮތީ ހުޅވިފައެވެ.
    ށ- ބޭރުގެ ބޮޑެތި ކުންފުނިތައް މެދުވެރިކޮށް ގަނެވޭނެ:
    ޔަހޫދީންގެ ބޮޑެތި ވިޔަފާރިތަކަކީ އެމެރިކާ، ޔޫރަޕް ނުވަތަ ސިންގަޕޫރު ފަދަ ޤައުމުތަކުގައި ރަޖިސްޓްރީކޮށްފައިވާ މަލްޓި-ނޭޝަނަލް ކުންފުނިތަކެވެ.
    -ޤާނޫނީ ޙަޤީޤަތް: އެމެރިކާ، ޔޫއޭއީ ނުވަތަ ސިންގަޕޫރުގެ މިފަދަ ކުންފުންޏަކުން ރަސްމާލެއިން ބިން ނުވަތަ ފްލެޓް ގަންނަން އުޅުމުން، ”ތިޔައީ ޔަހޫދީންގެ ނުފޫޒު އޮތް ކުންފުންޏެކޭ“ ބުނެ ސަރުކާރުން އެކަން މަނާކޮށްފި ނަމަ، އެއީ ބައިނަލްއަޤްވާމީ ވިޔަފާރީގެ އެއްބަސްވުންތަކާ (ޚާއްޞަކޮށް ވިޔަފާރީގެ މުޢާހަދާތަކާ) ޚިލާފުވުމެވެ. އެފަދަ ޙާލަތްތަކުގައި ބައިނަލްއަޤްވާމީ ކޯޓުތަކުން ދިވެހި ދައުލަތް ބޮޑު ޢަދަދުން ޖޫރިމަނާކުރާނެއެވެ. ސަރުކާރަކަށް ބޭރުގެ ބޮޑެތި ކުންފުނިތަކުގެ އަސްލު ވެރިންނަކީ ކޮން ދީނެއްގެ ބައެއްކަން ސްކްރީން ކުރުމުގެ ޤާނޫނީ ހައްގެއް އަދި ބާރެއް ވެސް ނޯންނާނެއެވެ.
    ނ- ސިއްރު އެކައުންޓްތަކާއި އެހެން މީހެއްގެ ނަމުގައި ބިން ގަތުން:
    ބައިނަލްއަޤްވާމީ ރިއަލް އެސްޓޭޓް މާކެޓުގައި މުދާ ގަތުމަށް ”ޓްރަސްޓް“ ނުވަތަ އޮފްޝޯ ކުންފުނިތައް ބޭނުންކުރެއެވެ.
    -ޤާނޫނީ ޙަޤީޤަތް: އިންވެސްޓަރަކު އޭނާގެ އަސްލު ނަން ސިއްރުކޮށް، ޤާނޫނީ ވަކީލުންގެ ފާމެއް މެދުވެރިކޮށް ނުވަތަ އެހެން މުސްލިމް ޤައުމެއްގެ ކުންފުންޏެއްގެ ނަމުގައި ރަސްމާލެއިން ފްލެޓް ގަންނައިރު، އޭގެ ފަހަތުގައި ހުރީ ޔަހޫދީއެއްކަން ނުވަތަ ނަސްރަނީއެއްކަން ދެނެގަނެވޭނެ އެއްވެސް އޮޑިޓް ނިޒާމެއް ދިވެހި ސަރުކާރުގެ ނެތެވެ. އަދި އެއީ އެއްވެސް ސަރުކާރެއްގައި އޮންނަ އެއްޗެއް ވެސް ނޫނެވެ. ބިމާއި ފްލެޓް މިލްކުކުރުމުގެ ޙައްޤު ބޭރު މީހުންނަށް ދިނުމުން، އެ މުދާ ދެން ބަދަލުވަމުންދާނީ ބައިނަލްއަޤްވާމީ މާކެޓުގެ އުޞޫލުންނެވެ.
    ރ- މުދާ އަތުލަން އުޅުމުން ޤައުމު ބަނގުރޫޓުވުމުގެ ބިރު:
    ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް ފްލެޓް ވިއްކުމަށްފަހު، ސަރުކާރު ބޭނުންވާ ވަގުތެއްގައި ”މިއީ ވަކި ދީނެއްގެ ބަޔެކޭ“ ބުނެ އެ މީހުންގެ މުދާ އަތުލަން ނުވަތަ ވިއްކުން ހުއްޓުވަން އުޅުމަކީ ބައިނަލްއަޤްވާމީ އާބިޓްރޭޝަނުން ދިވެހި ދައުލަތް ބަނގުރޫޓުކޮށްލާނެ ކަމެކެވެ. މުދަލުގެ ޙައްޤުތައް ބޭރު ބަޔަކަށް ދިނުމަކީ ޤައުމުގެ ބިމުގެ ކޮންޓްރޯލް ދޫކޮށްލުމެވެ. އެއީ ސަރުކާރުގެ ސިިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ކަހަލަ ޖަޒުބާތީ ވާހަކަތަކުން ކޮންޓްރޯލް ކުރެވޭނެ ނިޒާމެއްނޫނެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply