Skip to content
ރިޕޯޓް

2034ގެ ނިޔަލަށް ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް އިސްލާމްދީން ވެދާނެ!

އިބްރާހީމް ރަޒީންއިބްރާހީމް ރަޒީން

ޕިއު ރިސާޗް ސެންޓަރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ މުސްލިމުންގެ އާބާދީ 80 އިންސައްތަ އިތުރުވެ، 2070 ވަނަ އަހަރު އަންނަންވާއިރަށް 3.64 ބިލިއަނަށް އަރާނެއެވެ. އަދި މިއާއެކު، 2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް އިސްލާމްދީން ވުން އެކަށީގެންވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ އަދަދު 2020 ވަނަ އަހަރު ހުރި 2.02 ބިލިއަނުން، 2070 ވަނަ އަހަރުގެ ނިޔަލަށް 3.64 ބިލިއަނަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ހަމައެއާއެކު، ހަމަ އެ މުއްދަތުގެ ތެރޭގައި ކްރިސްޓިއަނުންގެ އާބާދީ 30 އިންސައްތަ އިތުރުވެ، 2.96 ބިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ދަރިމައިވުމުގެ ރޭޓު މަތިވުމެވެ. 2020 އާއި 2025 އާ ދެމެދު، މުސްލިމް އަންހެނަކަށް އެވްރެޖްކޮށް 3.1 ކުދިން ލިބިފައިވާއިރު، ކްރިސްޓިއަން އަންހެނުންގެ މެދުގައި މިއަދަދު އުޅެނީ 2.5 ގައެވެ. އަދި އެހެނިހެން ދީންތަކުގެ އަންހެނުންގެ މެދުގައި މިއަދަދު ހުރީ 1.6 ގައެވެ.

މީގެ އިތުރުން، އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮތް ގައުމުގެ ގޮތުގައި އޮތް އިންޑޮނޭޝިއާ ފަހަތަށް ޖައްސާލުމަށްފަހު، ޕާކިސްތާން ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. 2070 ވަނަ އަހަރާ ހަމައަށް ޕާކިސްތާނުގެ މުސްލިމުންގެ އާބާދީ ދެގުނަ އިތުރުވެ 461 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އިންޑިއާގެ މުސްލިމުންގެ އާބާދީ 334 މިލިއަނަށް އަރައި، ދެވަނައަށް އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ ގައުމަކަށް އިންޑިއާ ވާނެ ކަމަށް ބެލެވެއެވެ.

ތިންވަނައިގައި 282 މިލިއަން މުސްލިމުންނާއެކު ނައިޖީރިއާ ހިމެނޭނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ފަހަތުން ދެން އަންނާނީ އިންޑޮނޭޝިއާއެވެ.

މި އަންދާޒާތައް އެކުލަވާލާފައިވަނީ ދުނިޔޭގެ އާބާދީގެ 99.98 އިންސައްތަ ހިއްސާކުރާ 201 ގައުމާއި ސަރަހައްދެއްގެ މައްޗަށެވެ. އަދި މިއީ ދަރިމައިވުމުގެ މިންވަރާއި، މީހުން މަރުވާ މިންވަރުގެ އިތުރުން، ދީން ބަދަލުކުރުމުގައި މިހާރު ހުރި ޓްރެންޑްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އަންދާޒާތަކެކެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply