Skip to content
ދުނިޔެ

ޕެރޫއަށް 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފި

އިބްރާހީމް ރަޒީންއިބްރާހީމް ރަޒީން

ޕެރޫގެ މެދުތެރޭގައިވާ އެންޑީސް ފަރުބަދަމަތީ ސަރަޙައްދަށް 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން، ވެރިރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެއްޖެއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ނުވަތަ ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އިން ބުނި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހުކުރު ދުވަހުގެ އިރުއޮއްސި 7:09 ގައެވެ. މި ބިންހެލުމުގެ އެޕިސެންޓަރ ހުރީ އެންޑީސް ސަރަޙައްދުގެ ޖުނީންގެ އުތުރުން ގާތްގަނޑަކަށް 34 ކިލޯމީޓަރު ދުރުގައި، ބިމުގެ 108 ކިލޯމީޓަރު އަޑީގައެވެ.

ޕެރޫގެ ޖިއޯފިޒިކަލް އިންސްޓިޓިއުޓުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނުކަމުގެ ނުވަތަ މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މި ބިންހެލުމުގެ ލޮޅުން ޕެރޫގެ ވެރިރަށަށް ވެސް އިހުސާސް ކުރެވުނުއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ބަޔަކު ވަނީ ގެދޮރުން ނުކުމެ މަގުތަކަށް އެއްވެފައެވެ.

ޕެރޫ އޮންނަނީ ޕެސިފިކް ކަނޑު ވަށައިގެން 40،000 ކިލޯމީޓަރަށް ދެމިގެންވާ އަލިފާން ފަރުބަދަތަކާއި ފޯލްޓް ލައިންތައް ހިމެނޭ ”ޕެސިފިކް ރިންގް އޮފް ފަޔަރ“ ސަރަޙައްދުގައެވެ. ދުނިޔޭގައި އަންނަ ބިންހެލުންތަކުގެ ބޮޑުބައި އަންނަނީ މި ސަރަޙައްދަށެވެ.

މި އަހަރުގެ ތެރޭގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ބައެއް ބިންހެލުންތައް ވަނީ އައިސްފައެވެ. އެގޮތުން، މިދިޔަ އޯގަސްޓް މަހު ޕެރޫގެ އެންޑީސް ސަރަޙައްދަށް އައި 6.7 މެގްނިޓިއުޑްގެ ބިންހެލުމެއްގައި ދެ މީހަކަށް އަނިޔާވެ، ގެދޮރަށާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން ސްކޫލްތަކަށް ގެއްލުން ލިބުނެވެ. އަދި ޖުލައި މަހު ޖުނީން ސަރަޙައްދަށް އައި 5.5 މެގްނިޓިއުޑްގެ ބިންހެލުމެއްގައި ހަ މީހުން މަރުވެ، 30 މީހުން ޒަޚަމްވިއެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply