ގައުމު ދޫކޮށް އޮސްޓްރޭލިޔާ އަށްދިޔަ އީރާންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ދެކުޅުންތެރިންނަށް އެގައުމުގެ ރަށްވެހިކަން ދީފި

Loading

Facebook
Twitter
WhatsApp

ގައުމު ދޫކޮށް އޮސްޓްރޭލިޔާ އަށްހިޖްރަ ކުރި އީރާންގެ ނެޝަނަލް އަންހެން ފުޓްބޯޅަ ޓީމުގެ ދެކުޅުންތެރިއަކަށް އެގައުމުގެ ރަށްވެހިކަން ދީފިއެވެ.


އުމުރުން 22 އަހަރުގެ ފާތިމާ ޕަސަންދީދާ އަދި އުމުރުން 34 އަހަރުގެ އާތިފާ ރަމިޒަންޒާދޭ އަށް އޮސްޓްރޭލިޔާގެ ސިޓިޒަންޝިޕް ދިނުމަށް ބޭއްވި ބައްދަލްވުން އޮތީ ބުދަދުވަހު ބްރިސްބޭންގައި ކަމަށް ރަސްމީ އިދާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި އެދެމީހުންނަށް ހުވާލާދެއްވީ އޮސްޓްރޭލިޔާގެ އިމިފްރޭޝަން މިނިސްޓަރ ޓޯނީ ބަރކް ކަމަށްވެސް ބުނެފައި ވެއެވެ. މި ބައްދަލްވުމުގައި ބްރިސްބޭން ގައި އުޅޭ އީރާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.


ހުވާ ކުރުމަށް ފަހު ދެމީހުންވެސް ބުނެފައިވަނީ މިއީ އެމީހުންގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއްދުވަސްކަމުގައެވެ.އަދި މިއަދުގެ އިހުސާސްތައް ލަފްޒް ތަކަކުން ބަޔާންވެސް ކޮށް ނުދެވޭނެ ކަމަށް ބުނެފައި ވެއެވެ.
މާޗްމަހު އޮސްޓްރޭލިޔާގައި އޮތް ވިމެންސް އޭޝިއަން ކަޕް ގައި ކުޅުމަށް ދިޔަ އީރާންގެ ހަތް ކުޅުން ތެރިންގެތެރޭގައި ފާތިމާ ޕަސަންދީދާ އާއި އާތިފާ ރަމިޒަންޒާދޭ ހިމެނެއެވެ. އެމީހުން ދިޔައީ އީރާން ސަރުކާރުގެ އެންގުންތަކަށް ގޮންޖަހާފައިކަމުން އޭރު އެމީހުންނަށް އޮސްޓްރޭލިޔާ ސަރުކާރުން ހިއުމެނިޓޭރިއަން ވިސާ ދިނެވެ. ފަހުން އޭގެ ތެރެއިން ފަސް ކުޅުންތެރިން ވަނީ އެނބުރި ގައުމަށް ގޮސްފައެވެ.
ވިމެންސް އޭޝިއަން ކަޕް ބާއްވާފައިވަނީ ފެބްރުއަރި 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ފެށިތާ މާގިނަ ދުވަހެއް ނުވެއެވެ. އަދި މާރޗް މަހުގެ ދެވަނަ ދުވަހު އޮތް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އީރާން ޓީމުން އީރާނުގެ ގައުމީ ސަލާން ނުކިޔާ މަޑުން ތިބީކަމަށް ވެއެވެ. މިކަމުގެ ސަބަބުން ކުޅުންތެރިނަށް ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށް ގިނަބަޔަކު ގަބޫލު ކުރިއެވެ.
ފަސްކުޅުންތެރިން އެނބުރި ގައުމަށް ދިޔައީ އެމީހުންގެ ކިބައިގައި ހުރި ގައުމީ ލޯބި އަދި ވަތަނީ ރޫހު ވަރުގަދަކަމުން ދުޝްމަނުންގެ ރޭވުންތައް ބަލިކޮށް ކަމަށް އީރާނުގެ ސްޕޯޓްސް މިނިސްޓްރީން ބުނެފައި ވެއެވެ. ނަމަވެސް އިންސާނީ ހައްގުތަކާބެހޭ ފަރާތްތަކުން ބުނަނީ އެމީހުން އެބުރި ގައުމަށް ދިޔައީ އާއިލާގެ މެމްބަރުންނަށް އެކި އަނިޔާތައް ދޭނެ ކަމުގެ ބިރު ދައްކައިގެން ކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް