އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ހެބްރޯންގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ހަތް މަހުގެ ތުއްތު ކުއްޖަކު ޝަހީދުކޮށްލުމާއި ގުޅިގެން، ފަލަސްތީނުގެ އާއިލާއަކުން ދަނީ ބަޔާންކުރަންދަތި ބޮޑު ހިތާމައެއް ތަހައްމަލު ކުރަމުންނެވެ. މި ހާދިސާގެ ސަބަބުން އެ އާއިލާ ވަނީ މާޔޫސްކަމެއްގެ ތެރޭގައެވެ.
ތުއްތު ސޭމް އަބޫ ހައިކަލް ދަތުރުކުރަމުން ދިޔައީ އޭނާގެ މައިންބަފައިންނާއި، ބޭބެ އަދި މާމައާއެކު ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ. އާއިލާއިން ބުނާ ގޮތުގައި، އެމީހުން ހެބްރޯންގެ ތެލް ރުމައިދާ ސަރަހައްދުން ކާރުގައި ދަނިކޮށް، ކުއްލިއަކަށް ކާރުގެ ކުރިމަތިން އަނދިރިގަނޑުގެ ތެރެއިން އިސްރާއީލު ސިފައިން ފެނުނެވެ.ސޭމްގެ ބައްޕަ، ފަހުދު އަބޫ ހައިކަލް ބުނި ގޮތުގައި، އޭނާ ވަގުތުން ކާރު ހުއްޓާލުމަށްފަހު، އެމީހުންގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތްކަން އެންގުމުގެ ގޮތުން ދެއަތް މައްޗަށް އުފުލިއެވެ. ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ސިފައިންގެ މީހަކު ބަޑިޖެހި ކަމަށް އޭނާ ތުހުމަތު ކުރެއެވެ. އެންމެ ވަޒަނެއް ކާރުގެ ކުރިމަތީ ބިއްލޫރިގަނޑު ފޫއަޅުވާލައި، ފަހުދުގެ އަތަށް އެރުމަށްފަހު، ތުއްތު ސޭމްގެ މޫނަށް އަރައި، އެ ކުއްޖާ ވަގުތުން ޝަހީދުވިއެވެ.އެ ވަޒަން ކާރުގެ ތެރެއިން ގޮސް ސޭމްގެ މަންމަ، ދާނިއާ ސަލާމާގެ ދަތްދޮޅިއަށް ވެސް އެރިއެވެ. ޑޮކްޓަރުންނަށް ފަހުން ފެނުނު ގޮތުގައި، ވަޒަނުގެ އެތިކޮޅެއް އޭނާގެ ހިތާ ވަރަށް ކައިރީގައި ވަނީ ތާށިވެފައެވެ. ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެތީ، އޮޕަރޭޝަންކޮށްގެން އެ އެތިކޮޅު ނުނެގުމަށް ސާޖަނުން ވަނީ ނިންމާފައެވެ.ކާރުގެ ތެރެއަށް ލޭ އޮހެމުން ދިޔައިރު، ފަހުދު ވަރަށް ބޮޑަށް އެދިގެން އެމީހުން އެމްބިއުލާންސަކަށް ގުޅިއެވެ. ނަމަވެސް، އޭނާގެ އަންހެނުންނާއި ދަރިފުޅު އެމްބިއުލާންސް އަންނަންދެން މަޑުކޮށްފިނަމަ ސަލާމަތް ނުވާނެ ކަމަށް ބިރުން، މަގުމަތިން ދިޔަ އެހެން އުޅަނދެއް ހުއްޓުވައި، އަމިއްލައަށް އެމީހުން ހޮސްޕިޓަލަށް ގެންދިޔައެވެ. ދާނިއާގެ ހާލު ސީރިއަސްކޮށް އޮތުމުގެ ސަބަބުން، އެމީހުންގެ ދަރިފުޅު މަރުވި ވާހަކަ ނުބުނެ ފަހުދު އެއް ދުވަސް ވަންދެން ދުވަހަކު މަޑުކުރިއެވެ.“އަހަރެމެންގެ ދިރިއުޅުން އެންމެ ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެން ހިނގައްޖެ..“ އޭނާ ބުންޏެވެ.އާއިލާއިން ބުނާ ގޮތުގައި ބަޑިޖެހުމަށްފަހު އެ ސަރަހައްދުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައެއް ނުވެއެވެ. އަދި ފަހުން ސިފައިން އެ ސަރަހައްދުގެ ސެކިއުރިޓީ ކެމެރާ ފުޓޭޖްތައް ގެންދިޔަ ކަމަށްވެސް ފަހުދު ތުހުމަތު ކުރެއެވެ. އޭނާ ގާނޫނީ ފިޔަވަޅު އެޅުމަށް ގަސްދުކުރި ނަމަވެސް، އެއްވެސް މީހަކު ޒިންމާދާރު ކުރެވޭނެ ކަމުގެ މާ ބޮޑު އުންމީދެއް ނެތް ކަމަށް އޭނާ އެއްބަސްވެއެވެ.މި ހާދިސާގެ ސަބަބުން ސޭމްގެ 11 އަހަރުގެ ބޭބެ، ކިނާންއަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ. އޭނާއަކީ ސޭމްދެކެ ވަރަށް ލޯބިވާ ކުއްޖެކެވެ. އާއިލާއިން ބުނާ ގޮތުގައި އޭނާއަށް މި ހިތާމައިން އަރައިގަތުމަށް ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ.ސޭމްގެ މާމަ، ފެރިއާލް ހަނދާންކުރި ގޮތުގައި، ހާދިސާ ހިނގުމުގެ މަދު ގަޑިއިރުތަކެއް ކުރިން އޭނާ ވަނީ ހިނިތުންވެފައި ހުރި އެ ތުއްތު ކުއްޖާގެ ވީޑިއޯއެއް ފޯނުން ނަގާފައެވެ. ”އޭނާއަކީ އަބަދުވެސް ހޭނ ކުއްޖެއް..“ އޭނާ ބުންޏެވެ. ”އަހަރެން އޭނާގެ ފޮޓޯއާއި ވީޑިއޯ ނަގަން ވަރަށް ލޯބިކުރަން، އެއީ ވަކިން އުޅޭ ކޮންމެ ވަގުތަކު އޭނާ މަތިން ވަރަށް ހަނދާންވާތީ.“މި ހާދިސާއާއެކު، ހުޅަނގު އައްސޭރީގެ އެންމެ ބޮޑަށް މައްސަލަޖެހިފައިވާ އެއް ސަރަހައްދު ކަމަށްވާ ހެބްރޯންގެ ހާލަތަށް އަނެއްކާވެސް ސަމާލުކަން ވަނީ ހުއްޓިފައެވެ. ތެލް ރުމައިދާގެ ރައްޔިތުން ބުނާ ގޮތުގައި، އަސްކަރީ ޗެކްޕޮއިންޓްތަކާއި ތަކުރާރުވާ އަނިޔާވެރިކަމުގެ ތެރޭގައި އެމީހުން ދިރިއުޅެމުންދަނީ އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭގައެވެ.ނަމަވެސް، އަބޫ ހައިކަލްގެ އާއިލާއަށް، ސިޔާސީ ބަހުސްތަކަށްވުރެ ބޮޑީ އެމީހުންގެ އަމިއްލަ ހިތާމައެވެ. ގެއަށް ދިއުމަށް ކުރި ދަތުރު ބިރުވެރި ހުވަފެނަކަށް ބަދަލުވެ، ތުއްތު ކުއްޖެއްގެ ދިރިއުޅުން އެ ފެށުނުތަނާހެން ވަނީ ނިމިފައެވެ.
![]()
