ގިނަ ދުވަސްތަކަކަށް ދެމިގެން ދިއުމަށްފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިންމުމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދުއްރައިގެ ކުރިމައްޗަށް ޔޫކްރެއިން ރައީސް ޒެލެންސްކީ ނިކުމެ ވަޑައިގަންނަވަން މި ޖެހިވަޑައިގަތީ ހަމައެކަނި 2 ޗޮއިސް އަކަށެވެ.
ފުރަތަމަ ޗޮއިސްއަކީ ނޯ ޗޮއިސް އެވެ. ދެވަނަ ޗޮއިސްއަކީ އެންމެ ގޯސް ޗޮއިސް އެވެ. ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ ސުލްހަވެރި ހައްލެއް ގެނައުމަށެވެ.
އެކަމަކު އެމަނިކުފާނުގެ ޚާއްސަ މުޝީރު ސްޓީވް ވިކްޓޯފް މޮސްކޯގައި ކުރިއަށް ގެންދަވާ މާޝްވަރާތަކުގެ އަލީގައި އެނގި ހާމަވެގެންދަނީ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއިން އަވަސް އަރުވާކަން ބޭނުން ނުވާކަމަށާއި މި ހާލަތުގައި ފިނި މޫސުމާ ދިމާކޮށް ހަނގުރާމަ ކުރިއަށް ގެންދިއުމަކީ ޔޫކްރެއިނުން އަމިއްލައަށް ގެއްލުމާ ހަލާކުގެ ތެރެއަށް ވެއްޓިގަތުން ކަމަށާއި ހަނގުރާމަ ހުއްޓާލަން އެއްބަސްވާނަމަ ޔޫކްރެއިންގެ ބިންތަކެއް ރަޝިޔާއަށް ދޭނެ ޖެހޭނެކަމަށް ސީ އެން އެންގެ ޚަބަރުގައި ބުނެފައިވެއެވެ. މިއިން އެއްގޮތަކީ ވެސް ޔޫކްރެއިނުން ގޮތެއް ނިންމަން ފަސޭހަ ޗޮއިސް އެއް ނޫނެވެ.
ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމްކުރުމަށް ދެފަރަތުގެ ދުލުކޮޅުން ބުނަމުންދާ ވާހަކައާއި ކޮންމެފަދަ ގުރުބާނީއެއް ވުމަށް ތައްޔާރަށް ތިބިކަން ދޭހަވާ މޭރުމަކުން ވާހަކަ ދެއްކިނަމަވެސް އެ ގުރުބާނީ އޮތީ ދެފަރާތުން މަރުވަމުންދާމީހުންގެ ލެއިން ތަތްތެޅިފައެވެ. ކްރެމްލިން އާއި ކީވް ކައިރި ކުރެވޭނެ މަގެއް ނުފެނެއެވެ.
ރައީސް ޓްރަމްޕްގެ 28 ނުކުތާގެ މައްޗަށް އެކުލެވޭ ހުށައެޅުން މިދިޔަ ހަފުތާގައި ލީކް ވުމާގުޅިގެން އޭގެ ބައެއް ނުކުތާތައް ޔޫކްރެއިނުން ގަބޫލުކުރެވިދާނެގޮތަކަށް ވަނީ ބަދަލު ކޮށްފައިކަން މީޑިއާތަކުން ގެންދަނީ ބުނަމުންނެވެ.
އެހެންނަމަވެސް އެއީ ކިހާވަރެއްގެ ބަދަލެއްކަން އެނގޭނީ މިފެށޭ ހަފުތާގައި ސްޓީވް ވިކްޓޯފް ކްރެމްލިންއަށް ވަޑައިގެން އެ ފޮތް ހުޅުވާލުމަށްފަހު ގައެވެ. މިވަގުތަށް އެނގި ކަށަވަރު ކުރެވެނީ ޑޮނަސްކް ސަރަހައްދު އެއްކޮށް ލިބުން ނޫން އެހެން ގޮތެއް ރައީސް ޕޫޓިން ގަބޫލު ނުކުރައްވާނެއެވެ. މިހާރުވެސް އެ މަނިކުފާނު ފާޅުގައި ވިދާޅުވަމުން ގެންދަވަނީ ހަނގުރާހުއްޓާލުމުގެ ޝަރތަކީ މިހާރު ޔޫކްރެއިންގެ ބާރުގެ ދަށުގައިހުރި ޑޮނެސްކްގެ ސަރަހައދުތައް ރަޝިޔާއަށް ދޫކޮށްލުމެވެ.
ކޮންމެފަހަރަކުވެސް ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ފެށުމާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އުންމީދު ކުރެއެވެ. އެކަމަކު އެއްބަސްވުމަކާ ހަމަޔަށް އާދެވިފައެއް ނުވެއެވެ.
ސުލްހައަށްޓަކައި ޔޫކްރެއިންގެ ބިންތަކެއް ރަޝިޔާއަށް ދިނުމަށް ރައީސް ބައިޑްންގެ ސަރުކާރުންނާއި ޔޫރަޕިއަން ޔޫނިއަން އަދި ކީވުންވެސް އޮތީ މިހާތަނަށް އެއްބަސް ނުވެފައެވެ. އެކަމަކު އެމެރިކާގެ ފުރިހަމަ އެއްބާރުލުން ނެތި ޔޫކްރެއިނުން ރަޝިޔާއާ ކުރިމަތި ލުމުގެ ގާބިލުކަން ނެތްކަން ރައީސް ޑޮނާލްޑް ޓްރަމްޕްއަށް އެނގިވަޑައިގަންނަވައެވެ. އަދި އެމެރިކާއާ ވަކިން ނޭޓޯ އަކީވެސް އެއްވެސް ހަކަތައެއް ނެތް ޖަމާއަތެއް ކަމަށް އެމެރިކާގެ މިލިޓްރީ ތަޖްރިބާ ކާރަކުވެސް ވަނީ ދާދިފަހުން ހާމަކޮށްފައެވެ.
ޔޫކްރެއިނަށް ތާއީދުކުރާ ޔޫރަޕްގެ ބައިވެރިން އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމް ކުރެވިގެންދާއިރު ޔޫކްރެއިންގެ މުސްތަގްބަލާ ދޭތެރޭ ބިނާކުރެވެނިވި ސަލާމަތީ ފިޔަވަޅުތަކެއް ގާއިމް ކުރެވެން ޖެހޭނެކަމަށް ބާރުއަޅާފައިވެއެވެ. އަދި އެއީ ރަޝިޔާއިން ބޭނުންވުމުން ވީދާލާފައި ކުނިވަށިގަނޑަށް އެއްލާލެވިދާނެ އެއްބަސްވުމަކަށްވެސް ވެގެންނުވާނެކަމަށް ފަރަންސޭސި ވިލާތުގެ ރައީސް މެކްރޯން ވަނީ އިންޒާރު ދެއްވާފައެވެ. ރައީސް މެކްރޯން އިތުރަށް ވިދާޅުވެފައިވަނީ ރަޝިޔާއިން ވީރާނާކޮށްލާފައިވާ ޔޫކްރެއިން އަލުން އާރާސްތު ކުރުމަށްޓަކައި ޔޫރަޕްގެ ގައުމުތަކުގައި ހިފޭއްޓިފައިހުރި ރަޝިޔާގެ މިލްކުތަކުން ހޭދަ ކުރެވޭނެއެވެ. އަދި ވަގުތީ ގޮތުން ފަރަންސޭސި ވލާތާއި އިނގިރޭސި ވިލާތައި ތުރުކީގެ ލަޝްކަރުތައް ޔޫކްރެއިނަށް ފޮނުވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
![]()
