ކޮވިޑް19 އާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް 384 ވިޔަފާރިއަކަށް ޖުމްލަ 544.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް 8 މިލިއަން ޑޮލަރު ވެސް ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ.
ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 579 ވިޔަފާރިއަކުން ވަނީ މިހާތަނަށް ހުށައަޅައިފައިވާއިރު، މިހާތަނަށް 410 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ލޯނަށް ހުށަހެޅި 16 އެޕްލިކޭޝަނެއް ބާތިލް ކޮށްފައިވެއެވެ.
ކޮވިޑް ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލް އިން ރިސޯޓުތަކަށް 7.7 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކުރާ އިރު ރިސޯޓު ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރެ އެވެ.
ކޮވިޑް ރިކަވަރީ ލޯނު ސްކީމް އަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެންގެވުމާއި އެކު ތަޢާރަފްކުރި ލޯން ސްކީމެކެވެ. މި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ބީއެމްއެލް މެދުވެރިވެގެންނެވެ.
މި ސްކީމުގެ ދަށުން ރިސޯޓުތަކަށް ލޯނު ދޫކުރަނީ އެއްވެސް މާލީ އިދާރާއެއްގައި އެންޕީއޭއެއް ދައްކަންޖެހި، ނުދައްކާ ހުރި ލޯނެއް ނުވަތަ ފައިނޭންސިން ފެސިލިޓީއެއް ނެތް، އަދި މިދިޔަ އަހަރުގެ ވިޔަފާރިން ފައިދާ ވެފައިވާ އަދި ކުރިޔަށް އޮތް ތިން އަހަރަށް ލަފާކުރާ ކޭޝްފްލޯ ޕޮޒިޓިވް ރިސޯޓު ވިޔަފާރިތަކަށެވެ.
ރިސޯޓު ނޫން ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެނުއަލް ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތިން ހޯދާފައިވާ އަދި އެއްވެސް މާލީ އިދާރާއެއްގައި އެންޕީއޭ އެއް ދައްކަންޖެހި، ނުދައްކާ ހުރި ލޯން ފައިނޭންސިން ފެސިލިޓީއެއް ނެތް އަދި މިދިޔަ އަހަރުގެ ވިޔަފާރިން ފައިދާވެފައިވާ ނަމަ އެވެ.
މި ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ލިބޭއިރު، ލޯނު އިންޓްރެސްޓަކީ އަހަރަކު ހަ ޕަސެންޓެވެ.