އިސްލާމީ އަހްލާޤީ މިންގަނޑަކީ ކޮބައިކަން ވަނީ އޮޅުވާލާފައި!

Loading

Facebook
Twitter
WhatsApp

ދަތި ހާލަތެއް މެދުވެރިވާ ދަނޑިވަޅަކީ އިންސާނެއްގެ ގޮތާއި، ނަފްސުގެ ސާބިތުކަމާއި، ހެޔޮމަގުގައި ސާބިތުވެ ހުރެވޭ މިންވަރު އިމްތިހާނުކުރާ ދަނޑިވަޅެވެ.

ގިނަފަހަރު، އަމިއްލަ މަސްލަހަތާއި މަންފާ ކުރިއަށް ނެރުމުގެ ސަބަބުން، އަމިއްލަ ނަފްސަށް ވެސް ހެވާއި ނުބަޔަކީ ކޮބައިކަން އޮޅުވައިލެވެނީއެވެ.

އެކަނި އެކަކަށް އަސަރުކުރާ ކަންކަމުގައި އެފަދަ ކިބުރުވެރި ނިންމުމެއްގެ މާބޮޑު ނޭދެވޭ އަސަރެއް ނުފެނުނު ނަމަވެސް، ގިނަ ބައެއްގެ މަސްލަހަތު އޮންނަ ކަންކަމުގައި ކިބުރުވެރި ނިންމުންތައް ނިންމާނަމަ އެއީ އިސްލާމްދީން ނަހީކުރާ ކަމެކެވެ. މީގެ ސަބަބަކަށްވަނީ، ވަކިވަކި ފަރުދުންނާއި، އެމީހުންގެ ވެރި ރައްބާ ދެމެދު އޮންނަ ގުޅުމަކީ އެދެމެދުގައިވާ ކަމެއް ކަމަށްވުމެވެ.

ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭއިރު، އެހެން މީހެއްގެ ހައްގަކަށް އަރައިގަނެ އަނެކާއަށް ތިމާގެ ފަރާތުން ލިބިފައިވާ ކޮންމެ ދެރައެއްގެ ބަދަލުގައި، އޭނާ ކޮށްފައިވާ ހެޔޮކަންތައް ވެދުން ކުރަން ޖެހޭއިރު، މީގެ ސަބަބުން، އަނިޔާ ލިބުނު ފަރާތުގެ ދަރަޖަ ސުވަރުގޭގައި މައްޗަށް ޖެހޭފަދައިން ތިމާގެ ދަރަޖަ ދާނީ ދަށްވަމުންނެވެ.

އެކި ސަަރަހައްދުގެ މުސްލިމް ގައުމުތަކުގައި ވެރިކަމާއި ހަވާލުވާ ވެރީންނަށް ބާރު ލިބުމާއެކު، ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ދިން މަގާމުގެ ބޭނުން ހިފައި، އެވެރީންގެ އަރިސް ބޭބޭފުޅުންނަށް މޮޅެތި ކަންކަން ހޯދައިދީ މަންފާތައް ވަމުންދިޔުމަކީ ވަރަށް އާންމު މަންޒަރެކެވެ. މެދު އިރުމަތިން ފެށިގެން އޭޝިއާ ބައްރާއި ދެމެދަށް ނަޒަރު ހިންގާލިނަމަވެސް ހަގީގަތަކީ ހަމަ މީއީއެވެ. ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަނީ، ނުފޫޒުގަދަ މަގާމެއް ލިބުމުން އަމިއްލަ ވިޔަފާރިއާއި މަސްލަހަތު ކުރިއަރުވަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި، އެފޮތަށް އަމަލު ނުކުރާނަމަ އެހެންމީހަކު އެކަން ކުރާނެ ކަމަށެވެ.

މިގޮތަށް ދެކޭ ފަރާތްތަކަށް ނުވިސްނޭ ދެކަމެއް ވެއެެވެ. އެއް ކަމަކީ މުސްލިމުން މަސައްކަތްކުރަނީ މާތް ރަސްކަލާނގެ ރުއްސެވުން ހޯދުމަށްޓަކައި ކަމަށާއި، ފުރުސަތުތަކާއި މަގާމު ލިބެނީ އަމިއްލަ މީހާގެ އެކަނި މަސައްކަތުން ނޫންކަމެވެ. އެހެން މީހުންގެ މައްޗަށް ބާރުވެރި މަގާމެއް ލިބުމުން، އެމަގާމުގައި ހުރެ ނިންމާ ކޮންމެ ނިންމުމެއް ވެސް ވަާން ޖެހޭނީ
ތިމާގެ ޒިންމާގެ ދަށުގައި ތިބި ފަރާތްތަކުގެ ލާބައަށް ނަގާ ނިންމުމަކަށެވެ. އަދި އެފަދަ މަގާމެއް ތިމާއަށް ދެއްވާފައިވަނީ ކުރެވޭ އިމްތިހާނެއްގެ ގޮތުންވެސް މެއެވެ. ނަމަވެސް އަހަރެމެން މުސްލިމުންގެ ތެރެއިން ގިނަ މީހުން މި އިމްތިހާނުން ވަނީ ފެއިލުވެފައެވެ.

މުޖުތަމައުގެ ނަޒާހާތްތެރިކަން ނަގާލަނީ ހިންގުމާއި ހަވާލުވެތިބި ވެރީން މިފަދަ އޮއްޓަރެއް ނެތް ގެއްލެނިކުރާފަދަ ފިކުރުތަކާށް އަމަލީ ކުލަ ޖައްސާފައި ވާތީއެވެ. އަދި މުސްލިމް އެހެން ގައުމަކަަށް ދަތުރުކުރިނަމަވެސް ފެނިގެންދާނީ މިފަދަ މަންޒަރުތަކެވެ. ޣައިރު މުސްލިމެއްގެ ފަރާތުން ގެއްލުމެއް ލިބޭ ފަދައިން މުސްލިމް އަޚެއްގެ ފަރާތުން ވެސް ގެއްލުމެއް ލިބުން ހަމަ އެހާމެ ގާތެވެ. އެއީ އަމިއްލަ މަސްލަހަތު އިސްކޮށް އިންސާނުން ގެންގުޅޭ ސިޔާސަތުގެ ސަބަބުންނެވެ. މާލީ އަދި ޒާތީ މަންފާއެއްގެ ބަދަލުގައި މީހަކު ކޮށްދިނުމަށް އެދޭ ކޮންމެ ކަމަކަށްވެސް އާބަސް ބުނަނީއެވެ. އެއީ ތިމާގެ މުސްލިމް އަޚާއަށް ދެވޭ ގެއްލުމެއްތޯ ވިސްނާލުމަކާއި ނުލައި، ނަފްސުގެ ފައިދާއަށް ލިބޭ ފުރުސަތުގެ ބޭނުން ހިފަނީ ޖެހިލުމެއް ނެތިއެވެ.

ހަމައެއާއެކު، ހެޔޮލަފާ، ހިތްހެޔޮ މުސްލިމުންގެ ހަމްދަރުދީއާއި ދީލަތިކަމުގެ ފައިދާ ނަގާ މީހުންވެސް މަދެއް ނޫނެވެ. އިސްލާމީ އަޚުވަންތަ ކަމުގެ ކުޑައިގެ ދަށުން ސިޔާސީ ގޮތުންނާއި، ވިޔަފާރީގެ ގޮތުން ތަކުރާރުކޮށް މަދަދަށް އެދި އެކަމުން ލިބޭ ކާމިޔާބީގައި އެހީތެރިވެދިން އަޚުން ހިއްސާނުކުރުމަކީ ވެސް ގިނަ ބައެއްގެ އާދައެކެވެ.

ބޮޑެތި މަގާމުތަކުގައި ތިބޭ ހައިބަތު ބޮޑު ފަރާތްތަކުން މިފަދަ ކަންކަން ކުރުމަކީ އާދައިގެ މުސްލިމް މީހާއަށް އެއީ އާންމުކަމެއް ކަމަށް ގަބޫލުކުރެވިގެން އިސްލާމީވަންތަ އަހްލާޤީ މިންގަނޑާއި ޚިލާފު ކަންކަމަށް އަހުލުވެރިވުމަށް ކޮށައިދެވޭ މަގެކެވެ. މިއީ ހަގީގީ މުސްލިމުންގެ ގޮތެއް ނޫނެވެ.

ކޮރަޕްޝަނުގެ ވެށްޓަކަށް ހޭނިފައިވާ މުޖުތަމަޢު އިސްލާމީ އުސޫލުތަކަށް ރުޖޫޢަކުރުމަށް ކުރެވެން އޮތީ ކޮންކަމެއް ހެއްޔެވެ؟ ވިޔަފާރީގެ ނަޒަރަކުން ބަލާނަމަ އޮތް ހައްލަކީ، އަހްލާޤީ ގޮތުން ހޭވެރިކަން ހުރި މަދު މީސްކޮޅު ހޯދައި، އެ ފަރާތްތަކުން ކުރަަ ވިޔަފާރިތަކާއި ހިންގާ އިޤްތިޞާދީ
ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމެވެ. އުނދަގޫ ވީނަމަވެސް، އިސްލާމީ ހުލްގުގެ ވެރި ފަރާތަކަށް އެއްބަަރުލުންދީ އެފަދަ މީހުން ކުރިއަރުވާނަމަ، އެއީ މުޖުތަމައުގެ އެހެން ފަރާތްތަކަށް ވެސް އެގޮތަށް ކަންތައް ކުރުމަށް ދެވޭ ހިތްވަރެކެވެ. އަދި، ހެޔޮމަގުގައި ތިބި ފަރާތްތަކުން އެ މަގުގައި ސާބިތުވެ ތިބުމަށްވެސް މިކަމުން ހިތްވަރު ލިބިގެންދާއިރު، އެމީހުންގެ ކުރިއެރުމުގެ ސިއްރަކީ ކެތްތެރިކަމާއި މާތްރަސްކަލާނގެ ރިޒްގަށް އޮންނަ އިތުބާރުކަން ކަށަވަރުވެގެން ދާނެއެވެ.

ސިޔާސީ ނަޒަރުން ބަލާނަމަ، ހައްލަކީ ވަކި ޕާޓީއަކީ ހައްލު ކަމަށް ނުދެކުމެވެ. ވަކި ޕާޓީއަކަށް ބެލުމުގެ ބަދަލުގައި، އިސްލާމީ އުސޫލުތައް ނަގަހައްޓައި، އިސްލާމީ ހުލްގު ކުރިއަރުވާ ފަރާތްތަކަށް ފުރުސަތު ދިނުމެވެ. އިސްލާމީވަންތަ ގޮތަކީ، ވަކި ޕާޓީއަކަށް އިހްލާސްތެރިވުމުގެ ބަދަލުގައި، އެހެން ޕާޓީއެއްގައި އިސްލާމީ ހުލްގުގެ އަހުލުވެރި ޝަހްސެއް ހުރިނަމަ އެފަރާތަކަށް ތާއީދުކުރުމެވެ. އަދި އެފަރާތަކީ މިނިވަން ކެނޑިޑޭޓެއްނަމަ އޭނާއަށް ވޯޓުދޭށެވެ. ދީނީގޮތުން ފާހަގަކުރެވޭ ކިތަންމެ ހައިބަތުބޮޑު ފަރާތެއްވެސް، އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށްޓަކައި އެމީހެއްގެ ޕާޓީގެ ލީޑާޝިޕާ ދެކޮޅަށް ބަސްބުނުމަށް ޖެހިލުންވާނަމަ، އެފަރާތަށް އެފަދަ ބާރެއް ނުދޭށެވެ. އެއީ އެފަދަ ކެނޑިޑޭޓެއް އަބަދުވެސް އިސްކުރާނި އަމިއްލަ ޕާޓީގެ ސިޔާސަތެވެ. އިސްލާމްދީނެއްނޫނެވެ. ވީމާ، އިސްލާމީ އަހްލާގިއްޔަތުގެ ވެރި އެހެން ފަރާތެއް ހޯދާށެވެ.

މުސްލިމެއްގެ ހައިސިއްޔަތުން ހަނދާން ބަހައްޓަންޖެހޭ ކަމަކީ، އަހަރެމެންގެ ފުރާނައާއި، ނޭވަަޔާއި، ދަރީންނަކީވެސް މާތްރަސްކަލާނގެއަށް ޓަކައި ވާ ތަކެތިކަމެވެ.

މައިންބަފައިންނާއި، ގައުމާއި، ސިޔާސީ ޕާޓީއަށްޓަކައި އޮތް އެއްޗެއް ނޫނެވެ. ހުރިހާ ކަމެއްގެ ބަރަކާތް ގުޅިފައިވަނީ މާތްރަސްކަލާނގެ ރުއްސެވުން ހޯދުމަށް ކުރާ މަސައްކަތާއެވެ.

ވަގުތުޖެހުމުން ހިސާބު ބައްލަވާނީ ކޮންމެ މީހަކުވެސް އެމީހަކު ކުރި އަދި ނުކުރާ އަމަލަކަށްވެސަ ވަކިވަކީންނެވެ. ވީމާ، ހެޔޮ މަގުގައި ސާބިތުވެ، އަހްލާގީ މިންގަނޑުތަކަށް އަހުލުވެރި މުޖުތަމައެއް ބިނާކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރަމާ ހެއްޔެވެެ؟ ހުރިހާ ކަމެއްގެ ވެސް ފެށުން އޮތީ ފަރުދީ ހައިސިއްޔަތުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް