އެމެރިކާގެ މަނަވަރުތައް މެޑިޓެރޭނިއަން ކަނޑަށް ފޮނުވައިފި

Loading

October 9, 2023
profile
Facebook
Twitter
WhatsApp

އެތައް ދިމާލަކުން އިސްރާއީލުގެ ތެރެއަށް ވަދެގަނެ ޙަމާސްއިން ދިން ކުއްލި ޙަމަލާތަކާއި ގުޅިގެން އެމެރިކާގެ މަނަވަރުތަކަކާއި އަދި އެއަރކްރާފްޓް ކެރިއަރަކާއި އިތުރު ހަނގުރާމަމަތީ މަތިންދާ ބޯޓުތައް މެޑިޓެރޭނިއަން ކަނޑަށް ދިއުމަށް ދިފާއީ ވަޒީރު ލޯއިޑް އައުސްޓަން އަންގަވައިފިއެވެ.

މެޑިޓެރޭނިއަން ކަނޑަށް ފޮނުވި އެމެރިކާގެ މަނަވަރުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެބޮޑު މަނަވަރު ޔޫ. އެސް. އެސް. ޖެރާލްޑް އާރ ފޯރޑް އާއި ގައިޑެޑް މިސައިލް ކެރިއަރ ޔޫ. އެސް. އެސް. ނޯރމަންޑީ އާއި ގައިޑެޑް މިސައިލް ކެރިއަރ ޑެސްޓްރޯޔަރ ޔޫ. އެސް. އެސް.  ތޯމަސް ހުޑްނަރ އާއި ޔޫ އެސް އެސް ރޫޒަވެލްޓް ފަދަ މަނަވަރުތައް ހިމެނެއެވެ. 

ދިފާއީ ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ އެމެރިކާގެ އެއަރފޯސްއިން މެދުއިރުމަތީގައި މަޑުކޮށްގެންތިބޭނީ ކޮންމެ ވަގުތެއްގައި ވެސް އީރާނަށް ޙަމަލާދެވޭ ހިސާބެއްގައި ކަމަށެވެ. އެމެރިކާގެ ގައުމީ ސަލާމަތާއިބެހޭ ކައުންސިލުގެ ރަސްމީ މުރާސިލު ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

މިކަމާއިގުޅިގެން ވައިޓްހައުސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އަނިޔާވެރި ޙަމަލާތައް ދިން މީހުންނާ ދެކޮޅަށް މުޅިދުނިޔެ އެއްބައިވަންތަކަމާއި އެކު ތެދުވަންޖެހޭނެ ކަމަށް ރައީސް ބައިޑަން ދެކިވަޑައިގަންނަވާ ކަމަށާއި ފާއިތުވެގެން މިދާ 24 ގަޑިއިރު ތެރޭގައި އިސްރާއީލަށް ތާއީދު ހޯދުމަށްޓަކައި އެމެރިކާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތަފްސީލު ބޮޑުވަޒީރު ނަތަންޔާހޫއަށް ދަންނަވަމުން ގެންދަވާ ކަމަށެވެ.

ދިފާއީ ވަޒީރު ލޯއިޑް އައުސްޓިންގެ ބަޔާނުގައި ވިދާޅުވެފައިވަނީ އިސްރާއީލަށް ދިމާވި މި ނުރައްކާތެރި ދަނޑިވަޅުގައި ކަންތައް ހިނގަމުންދާގޮތް ވަރަށް ގާތުން އެމަނިކުފާނުގެ ޓީމުން ފާރަލަމުން ގެންދަވާ ކަމަށާއި އިސްރާއީލާއި އެގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން އެމެރިކާގެ ދިފާޢީ ވުޒާރާއާއި މިލިޓްރީ އޮތީ ތައްޔާރަށް ކަމަށެވެ.                               

އިސްރާއީލު ސަރުކާރުން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި ޙަމާސް އާ ދެކޮޅަށް މިހާރު ހިންގަމުންދާ ކުރިމަތިލުން ތަކުގައި މިހާތަނަށް އިސްރާއީލުގެ ގިނަ އަދަދެއްގެ ސިފައިންނާއި އަދި އާންމުންގެ 700 މީހުން މަރުވެ 2150 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އަދި އިސްރާއީލުގެ ގިނައަދަދެއްގެ ސިފައިންނާއި އާންމު ރައްޔިތުންވެސް ރަހީނުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.                                    

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ހަމާސްގެ ޙަމަލާތައް ރަސްމީގޮތުން ކުށްވެރިކުރަން އެމެރިކާއިން އ. ދ. ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށް ހުށައެޅުމުން ބަންދުކޮޓަރީގައި ބޭއްވުނު ބައްދަލުވުމުން މިހާތަނަށް އެއްވެސް ނިންމުމަކަށް އާދެވިފައެއް ނެތްކަމަށް އެސޯޝިއޭޓެޑް ޕްރެސްއިން މަޢުލޫމާތު ހާމަކޮށްފައި ވެއެވެ.

މި ބައްދަލުވުމުގައި ރަޝިޔާއިން ހަނުހުރުން އިޚްތިޔާރުކުރި ކަމަށް އެމެރިކާގެ ސަފީރު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ރަޝިޔާގެ ސަފީރު ވިދާޅުވެފައިވަނީ ޢާންމު ރައްޔިތުންނަށް ދެވޭ ކޮންމެ ޙަމަލާއަކާއި އަނިޔާއަކަށް ރަޝިޔާއިން ދެކޮޅުހަދާނެކަން އަންގާފައިވާނެ ކަމަށެވެ.

އަދި ހަނގުރާމަ ހުއްޓާލައި ފާއިތުވެގެން މިދާ އެތައް އަހަރުތަކެއްގައި ގަބޫލުރެވޭފަދަ އެއްވެސް ނަތީޖާއަކާއި ހަމަޔަށް ނުދެވި އޮތް ފަލަސްތީނުގެ މައްސަލާގައި އުފެއްދުންތެރި ވާހަކަތަކެއް ފެށުމަށްވެސް ރަޝިޔާއިން ގޮވާލަމުން ގެންދާ ކަމަށެވެ.

އެ ބައްދަލުވުމުގައި ޗައިނާގެ ސަފީރުވެސްވަނީ ހަމާސްގެ ނަން ވިދާޅުނުވެހަމަމިމޭރުމުން ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. އަދި މިކަމަށް ދާއިމީ ސުލްޙަވެރި ޙައްލެއް ގެނައުމަށްޓަކައި 2 ދައުލަތް އުފެއްދުން ލަސް ނުކުރުމަށްވެސް ޗައިނާގެ ގޮވާލުން ވެސް ތަކުރާރު ކުރެއްވިއެވެ.

އެހެންނަމަވެސް އެމެރިކާގެ ސަފީރު ދެކިވަޑައިގަންނަވާ ގޮތުގައި މިއީ 2 ދައުލަތުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ރަހީނުކޮށްފާތިބި މީހުން ސަލާމަތް ކުރުމުގެ ވާހަކަ ދައްކަންވީ ވަގުތު ކަމަށެވެ. އެމެރިކާއަކީ އިސްރާއީލުގެ އެންމެ ވާގިވެރިޔާއެެވެ. އެގޮތުން އަހަރަކު ޔޫ.އެސް. ޑޮލަރު 3 ބިލިޔަން އެނހީގެ ގޮތުގައި ދެމުން ގެންދެއެވެ. މީގެ އިތުރުން އިންޓެލިޖެންސް ޝެއަރ ކުރުމާއި ހަތިޔާރުގެ އެނހީވެސް އަބަދުމެ ޔަގީންކޮށްދީފާ ވެއެވެ.       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް