ރޮއިޓާރސް ޚަބަރު ދޭގޮތުގައި ދެކުނު ކޯކަސްގެ ނަގޯރްނޯ ކަރަބާހުގައި ވަކިވެގަތުމަށް ހަނގުރާމަ ކުރަމުންގެންދިޔަ އަރްމޭނިޔާ ނަސްލުގެ މީހުންނާދެކޮޅަށް އަޒަރްބާޖާނުގެ ބިޔަ ލަޝްކަރުންޙަމަލާދޭން ފެށުމުން އެހެންގޮތެއް ނެތިގެން ހަތިޔާރު ބެހެއްޓުމަށްފަހު އެ ސަރަޙައްދު ދޫކޮށް ދިއުން މަޖްބޫރުވުމުން އަރްމޭނިޔާ ނަސްލުގެ މީހުން އެ ސަރަޙައްދުން ފައިބަމުންދާ މިދަނޑިވަޅުގައި ތުރުކީގެ ރައީސް އުރުދުޣާން މިދިޔަ ހޯމަދުވަހު އަޒަރްބާޖާންގެ ރައީސް އިލްހާމް އަލިޔޭވް އާއި ބައްދަލު ކުރެއްވުމަށްޓަކައި އަޒަރްބާއިޖާނަށް ވަޑައިގެންފިއެވެ.
ނަގޯރްނޯ ކަރަބާހަކީ ބައިނަލް އަގްވާމީގޮތުން އަޒަރްބާޖާނުގެ ސަރަހައްދެކެވެ. މިދަތުރުފުޅުގައި ނަގޯރްނޯ ކަރަބާހުގެ ކުރިމަގާއި ބެހޭގޮތުންނާއި ދެގައުމުގެ ގުޅުން އިތުރަށް ކުރިއެރުވިދާނެ ގޮތްތަކާމެދު ދެބޭފުޅުން މަޝްވަރާ ކުރައްވާނެއެވެ. އަދި އަޒަރްބާއިޖާނުން ތުރުކީއާއި އީރާނާއި އަދި އަރްމޭނިޔާއާއި އިންވެގެން އޮންނަ އަޒަރްބާއިޖާންގެ މިނިވަން ޖުމްހޫރިއްޔަތު ނަޚްޗިވާން އެކްސްކްލޭވް ބައްލަވާލައްވަން ވެސް ވަޑައިގަންނަވާނެއެވެ. އަދި އެ ސަރަޙައްދަށް ގޭސް ފޯރުކޮށްދިނުމަށް އަޅާފައިވާ ޕައިޕްލައިން ހުޅުވުމާއި އަދި އެ ސަރަޙައްދުގައި ގާއިމްކޮށްފައިވާ ޒަމާނީ މިލިޓްރީ އިންސްޓޮލޭޝަންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ނަގޯރްނޯ ކަރަބާހުގައި ދިރިއުޅެމުން ގެންދިޔަ އަރްމޭނިޔާ ނަސްލުގެ 120000 މީހުންގެ ލީޑަރޝިޕުން ރޮއިޓާރސް އަށް މަޢުލޫމާތު ދިންގޮތުގައި އަޒަރބާއިޖާނުންގެ ވެރިކަމުގެ ދަށުގައި އެމީހުންނަށް ރައްކާތެރިކަމެއް ނެތްކަމަށް ގަބޫލުކުރެވޭތީ އެ ސަރަހައްދު ދޫކޮށް އަރްމޭނިޔާއަށް ދިއުމަށް ގަސްދުކުރީއެވެ. އެ ސަރަޙައްދު ދޫކޮށް ދަތުރުކުރަމުންދިޔަ އުޅަނދުތައް ރޮއިޓާރސްގެ ނޫސްވެރިންނަށްވެސް ވަނީ ފެނިފައެވެ.
އަޒަރްބާޖާނަށް މިލިބުނު ކާމިޔާބީގެ ސަބަބުން ދެކުނު ކޯކަސްގެ ޙައްސާސް ބެލެންސް އޮފް ޕަވަރ ބަދަލުވެގެން ދާނެކަމަށް ބެލެވެއެވެ. ނަސްލީ ތަފާތުތަކުގެ ސަބަބުން މިހާތަނަށް ފޮތިއަޅަންޖެހިފާއޮތް މި ސަރަޙައްދުގެ ތެރޭން ދަމާލެވިފާވާ ތެލާއި ގޭހުގެ ޕައިޕްލައިން ތަކުގެ ސަބަބުން އީރާނާއި ތުރުކީއާއި ރަޝިޔާއާއި އެމެރިކާ އިންވެސް ނުފޫޒުފޯރުވަން ބޭނުންވެއެވެ.
ރައީސް އިލްހާމް އާއި ރައީސް އުރުދުޣާނުގެ ވާހަކަފުޅުގައި އެންމެ ބޮޑު އަހުމިއްޔަތެއް ދެއްވީ ދެގައުމު އެއްގަމު މަގުން ގުޅާލުމަށެވެ. މިހާރުގެ ޗާޓު އޮތްގޮތުން އަޒަރބާޖާނުގެ މިނިވަން ޖުމްހޫރިއްޔާ ނަޚްޗިވާން އެކްސް ކްލޫސިވަށް ދިއުމުގައިވެސް އަރްމޭނިޔާ ހުރަސްކުރަންޖެހެއެވެ.
އަޒަރްބާއިޖާންގެ ރައީސް ދެކިވަޑައިގަންނަވާ ގޮތުގައި ސޮވިއެޓް ޔޫނިއަން ރޫޅިގެން ދިޔައިރު ނަޚްޗިވާން އާއި އަޒަރްބާޖާނާއި ދޭތެރޭ އޮންނަ ސަރަޙައްދުގެ އިން ވަކިކޮށް އަޒަރްބާއިޖާނަށް ދީފާ ނެތުމަކުން ޙަގީގަތް ބަދަލެއް ނުކުރެވޭނެއެވެ.
އަރްމޭނިޔާއިން ރުހުނަސް ނުރުހުނަސް ތުރުކީއާއި އަޒަރްބާޖާނު އެއްގަމު މަގުން ގުޅާލެވޭނެއެވެ. އަދި ތުރުކީއާއި އީރާނާއި އަޒަރްބާޖާން އެއްގަމުމަގުން ގުޅާލުމަށް މެދުވެރިވެދާނެ ކޮންމެ ހުރަހެއް އަހަރެމެން ގިރާކުރާނަމެވެ. އަރްމޭނިޔާއިން މިހާރުވެސް ބުނަނުން ގެންދަނީ އެފަދަ ގޮތަކަށް އިންވަކިކުރަން އެއްބަސަ ނުވާނޭކަމަށެވެ.
ސަންދާނުގެ ކިއުންތެރިންނަށް ނަގޯރނޯ ކަރަބާހުގެ ކުޑަކުޑަ ތަޢާރުފަކަށް އަލިއަޅުވާލަން ގަސްދުކުރަމެވެ. ކިއުންތެރިންގެ މަޢުލޫމާތަށްޓަކައެވެ. މާޒީގެ ތާރީޚުގައި ދުނިޔޭގެ ގިނަ ބިންތަކެއް މުސްލިމުންގެ ވެރިކަމުގެ ބާރުގެ ދަށުގައި އޮތްކަން ތާރީޚުގެ ކޮންމެ ސަފްޙާއަކުން ހެކި ލިބޭނެއެވެ. ފަހުގެ ތާރީޚުގައި އުސްމާނީ ދައުލަތާއި މުޣަލުންގެ ވެރިކަމުގެ ނަން ހަމައެކަނި ބުނެލުމުން ފުއްދާލަމެވެ.
1917 ވަނައަހަރު ރަޝިޔަން އެމްޕަޔަރ ވެއްޓުމާ ހަމަޔަށް ސޯވިއެޓް ޔުނިއަންގެ ޒަމާނުގައި ނަގޯރނޯ ކަރަބާހަކީ އަޒަރްބާއިޖާނުގެ ތެރޭގައި ހިމެނޭ މިނިވަން ޖުމްހޫރިއްޔަތެކެވެ. ސޯވިއެޓް ޔޫނިއަން ރޫޅިގެންދިއުމާއެކު އެސަރަހައްދުގައި އޮތް އަޒަރްބާޖާންގެ ކޮންޓްރޯލްގެ މައްޗަށް ނަސްރާނީ އަރްމީނިޔާއިން އަތްގަދަކޮށް އިންވެގެން އޮތް ސަރަހައްދުވެސް އަތުލާގަތީއެވެ. 1988 ން 1994 ށް ދެމިގެން ދިޔަ މި ހަނގުރާމައިގާ އެއްމިލިއަން އަޒަރްބާޖާނީން ވިއްސިވިހާލިކޮށްލައި ތިރިސްހާހަށްވުރެން ގިނަ އަޒަރްބާޖާނިން މަރާލިއެވެ.
އަޒަރްބާޖާނުންގެ ލަޝްކަރުތަކުން އެ ސަރަޙައްދުތައް އަލުން ފަތަހަކުރީ 2020 ގެ ހަނގުރާމައިގައެވެ. ދުނިޔޭގެ ގާނޫނީ ހަމަތަކުން ނަގޯރްނޯ ކަރަބާހަކީ އަޒަރްބާޖާންގެ ސަރަޙައްދެއް ކަމަށް ކަނޑައަޅާ ނިންމާފައި އޮތްނަމަވެސް ނަސްރާނީ އަރްމީނިޔާގެ ބާރުގައި އެ ސަރަޙައްދުގެ ރައްޔިތުން ވިއްސިވިހާލިކޮށް އެތައް ބަޔަކު މަރާލިއިރުވެސް ދުނިޔޭގެ ބާރުތަކުގެ ލޯ އޮތީ ދައްޖާލަށް ވެފައެވެ.
މިއަދުވެސް ފަލަސްތީނުން އިސްރާއީލު އަނިޔާވެރިކަމުން ސަލާމަތްވުމަށް ކުރަމުން ގެންދާ ޖިހާދާއި ނައިޖަރާއި ބުރުކީނޯ ފާސޯ ފަދަ އެފްރިކާގެ ބައެއް އެހެން ގައުމުތަކުން ފަރަންސޭސިންގެ ބަލާވެރިކަމުން ސަލާމަތް ވުމަށްޓަކައި ކުރަމުންގްދާ ހަނގުރާމައިގާވެސް ބާރުގަދަ ގައުމުތަކުން ބަލަމުން އެގެންދަނީ ހަމަ ދައްޖާލުގެ ލޮލުންނެވެ.
ލަދުވެތިކާއެކު ހިތާމަކުރަންޖެހެނީ މިއިން އެއްވެސް ޖިހާދެއްގައި މުސްލިމް ގައުމުތަކުގެ ބައިވެރިވުން ނުލިބޭތީއެވެ.