http://sandhaanu.today/25922/ އާއި ގުޅޭ…
އާބިޓްރޭޝަންގައި ޞުލްޙަ
އިސްލާމީ ޝަރީޢަތުގައި ޞުލްޙަ އަދި އާބިޓްރޭޝަން އަކީ މުޅިން ވަކިކުރެވިފައި ދޭއްޗެއް ނޫނެވެ. ކީރިތި ޤުރުއާނުގެ އެތަކެއް އާޔަތާއި ކީރިތި ރަސޫލާ صلى الله عليه وسلّم ގެ ސުންނަތުން ޞުލްހައިގެ ގޮތުގައި އާބިޓްރޭޝަން ބޭނުން ކުރެވިދާނެކަން އެނގެން އެބައޮތެވެ. ތިންވަނަ ބައިވެރިއަކު ބޭނުން ކޮށްގެން އާބިޓްރޭޝަން ގެ ގޮތްތަށް ކަމުގައިވާ ކޮންސިލިއޭޝަން އަދި އެޖުޑިކޭޝަން ބޭނުން ކުރެވިދާނެކަން ކީރިތި ޤުރުއާނުގެ އެތަކެއް އާޔަތުން އަދި ކީރިތި ރަސުލާ صلى الله عليه وسلّم ގެ ސުންނަތުން ސާބިތު ވެއެވެ. އިސްލާމީ ޖުޑިޝަރީގައި އާބިޓްރޭޝަން ތިންގޮތަކުން ޞުލްޙަ އާއި ތަފާތުވެއެވެ. ފުރަތަމައީ، އިސްލާމް ދީނުގައި މައްސަލަ ދިމާވެފައިވާ ދެފަރާތެއް ތިންވަނަ ފަރާތަކާއި ނުލާ ޞުލްޙަ ވެވިދާނެއެވެ. ނަމަވެސް އާޞިޓްރޭޝަންގައި ތިންވަނަ ފަރާތެއް ހުރުން ލާޒިމް ވެއެވެ. އެހެނަސް އިސްލާމް ދީނުގައިވެސް ޞުލްޙަ ވުމަށްޓަކައި ތިންވަނަ ފަރާތެއް ބޭނުންކުރުން ހުއްދައެވެ. ދެވަނައީ، އިސްލާމް ދީނުގައިވެވޭ ޞުލްޙަ އަކީ ބައިންޑިން ނުވަތަ ޤާނޫނީ ގޮތުން ބަނދެވިދާނެ އެއްޗެއް ނޫނެވެ. އެހެނަސް އާބިޓްރޭޝަންގައި ވެވޭ އެއްބަސްވުން ބައިންޑް ނުވަތަ ޤާނޫނީ ގޮތުން ބަނދެވޭ އެއްޗަކަށް ވާންވާނެއެވެ. ތިންވަނައީ، އިސްލާމް ދީނުގައި ހިނގާފާނެ ކަމަކަށް ޞުލްޙަ އެއް ނުވެވޭނެއެވެ. އެހެނަސް އާބިޓްރޭޝަންގައި ހިނގަމުންދާ އަދި ހިނގާފާނެ މައްސަލަތަކަށް އެއްބަސްވެވިދާނެއެވެ.
ކީރިތި ޤުރުއާނުގެ ދަލީލު
ކީރިތި ޤުރުއާނުގައި އާބިޓްރޭޝަން ކަށަވަރުވެފައިވާ ކަމުގެ ދަލީލަކީ އައްނިސާ ސޫރަތުގެ 35 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެވެ. “ وَاِنۡ خِفۡتُمۡ شِقَاقَ بَیۡنهمَا فَابۡعَثُوۡاحَکَمًا مِّنۡ اهله وَحَکَمًا مِّنۡ اهلها ۚ اِنۡ . یُّرِیۡدَاۤ اِصۡلَاحًایُّوَفِّقِ اللّه بَیۡنهمَا ؕ اِنَّ اللّه کَانَ عَلِیۡمًا خَبِیۡرًا “ މާނައީ “ އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އެނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަ ކުރުމަށް އެދެމީހުން ޤަސްދު ކުރާނަމަ، ﷲ އެ ދެމީހުން ޞުލްޙަ ކުރައްވައި، އެއްބަސް ކުރައްވައި ފާނެތެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެ ކަމުގައި ވެއެވެ.“ އަދިވެސް އައްނިސާ ސޫރަތުގެ 58 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގައިވަނި “ اِنَّ اللّه یَاۡمُرُکُمۡ اَنۡ تُؤَدُّوا الۡاَمٰنٰتِ اِلٰۤی اهلها ۙ وَاِذَا حَکَمۡتُمۡبَیۡنَ النَّاسِ اَنۡ تَحۡکُمُوۡا بِالۡعَدۡلِ ؕ اِنَّ اللّه نِعِمَّا یَعِظُکُمۡ به ؕاِنَّ اللّه کَانَ سَمِیۡعًۢا بَصِیۡرًا “ މާނައީ “ ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާނަމަ، ޢަދުލަށް ޙުކުމް ކުރުމަށްވެސް، އަމުރު ކުރައްވަތެވެ. ހަމަކަށަވަރުން، ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވައުޡު އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް، ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.“
ފުރަތަމަ އާޔަތުން ދޭހަވަނީ ކައިވެނި ރޫޅިދާނެތީވެ ދެމަފިރިންގެ ތެރޭގައި ޞުލްޙަވުމަށް އާބިޓްރޭޝަންގެ ބެނުން ހިފިދާނެ ކަމެވެ. އެކަމުގައި ދެ އާބިޓްރޭޓަރުން ބޭނުން ކުރެވިދާނެކަމެވެ. ދެވަނަ އާޔަތުން ދޭހަވަނީ މައްސަލައެއްގައި ޙުކުމްކުރާ ޤާޟީއަކު ޢަދުލުވެރިވާން ޖެހޭކަމެވެ. އާބިޓްރޭޝަންގައި ބޭނުންކުރެވޭ ތިންވަނަ ފަރާތަކީވެސް ޢަދުލުވެރި މީހަކަށް ވާންޖެހޭނެކަން މި އާޔަތުން އެނގެން އޮވެއެވެ. އާބިޓްރޭޝަންގައި ދެ މަދަރުސާއެއް ވާކަން އެނގެއެވެ. އެއީ ޖެހޭ މައްސަލަ ޞުލްޙަވެރިކަމާއިއެކު މައްސަލަ ހައްލުކުރުން އަދި ޤާނޫނީ ގޮތުން ބަނދެވޭ އާބިޓްރޭޝަން އެވެ. އިސްވެ ބަޔާން ކުރެވުނު އާޔަތްތަކުން އެނގެނީ އިސްލާމް ދީނުގައި އާބިޓްރޭޝަން މި ދެންނެވުނު ދެ މަދަރުސާގައިވެސް ގެންގުޅެވިދާނެކަމުގެ ދަލީލެވެ. އަދި އިސްލާމީ ޖުޑިޝަރީގައިވާ ދޭދޭ ދެމީހުން އަދި ދެފަރާތެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލު ކުރުމަށް ހުރި ލުއިފަސޭހަ ގޮތްތަކެވެ.
ކީރިތި ރަސުލާ صلى الله عليه وسلّم ގެ ސުންނަތުން
ހިޖުރައިން 6 ވަނަ އަހަރުގައި ހެދުނު ޞުލްޙަ ހުދައިބިއްޔާ އަކީވެސް އާބިޓްރޭޝަން އިސްލާމް ދީނުގައި ބިނާވެފައިވާ ކަމެއްކަން ސާބިތު ކޮށްދޭ ވަރުގަދަ ދަލީލެކެވެ. މިކަމުގައި އަޅުގަނޑަށް ލިބިފައިވާ ހަދީޘްގެ ބޮޑުކަމުން އެ ޙަދީޘްގެ ލިންކް މިތަނުގައި ހިމަނަމެވެ. މިއީ އަލްމިސްވާރު ބިން މަޚްރަމަ އަދި މަރްވާން ގެ ކިބައިން ރިވާވެފައިވާ ޙަދީޘް އެކެވެ. އިމާމް އަޙްމަދު ރިޒާ ޚާން ވިދާޅުވާގޮތުގައި ކީރިތި ޤުރުއާނުގެ އަލްފަތަޙު ސޫރަތުގެ ފުރަތަމަ އާޔަތް ބާވައިލެއްވުނީ ޞުލްހަ ހުދައިބިއްޔާގެ އުފަލުގައެވެ.
ހަނަފީ މަޛްހަބް
ހަނަފީ މަޖްހަބްގެ ޢިލްމްވެރިން ވިދާޅުވާގޮތުގައި ކީރިތި ޤުރުއާން، ނަބިއްޔާ މުޙައްމަދު صلى الله عليه وسلّم، އިޖުމާޢު އަދި ޤިޔާޞް އިން އެނގި ކަށަވަރުވާ ގޮތުގައި އާބިޓްރޭޝަން އަކީ އިސްލާމް ދީނުގައި ޞައްޙަ ކަމެކެވެ. އަދި ކޯޓު މަރުހަލާއަށް ވުރެ ފަސޭހަ ކަމެއްކަމަށްވެސް ބަޔާންކުރައްވައެވެ. މި މަޛްހަބްގެ ޢިލްމްވެރިން ވިދާޅުވާގޮތުގައި ކޮންޓްރެކްޓް ނުވަތަ ޢަޤްދެކޭ އެއްފަދައިން އާބިޓްރޭޝަންގެ ނިންމުންވެސް ޤާނޫނީ ގޮތުން ބަނދެވެން ޖެހޭނެއެވެ. ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އާބިޓްރޭޓަރ އެކޭ ޤާޟީއެކޭ އެއްވެސް ތަފާތެއް ހުރެގެން ނުވާނެއެވެ.
ޝާފިޢީ މަޛްހަބް
މި މަޛްހަބްގެ ޢިލްމްވެރިން ވިދާޅުވާ ގޮތުގައި އާބިޓްރޭޓަރަށް ވާމީހެއްގެ ކިބައިގައި ޤާޟީއެއްގެ ސިފަތައް ހުރުން ލަޒިމެއް ނޫނެވެ. އާދައިގެ މިހަކަށްވެސް އާބިޓްރޭޓަރަށް ވެވިދާނެއެވެ. އެއީ އެ މުޖުތަމަޢުގައި ޤާޟީ އަކު ހުއްޓަސް ނުނީ ނެތަސްމެއެވެ. މިމަޛްހަބްގެ ގިނަ ޢިލްމްވެރިން ދައްކަވާ ދަލީލަކީ ޚަލިފާ ޢުމަރު رضئ الله عنه ގެ ދުވަސްވަރު ގިނަ މައްސަލަތައް ނިންމުމުގައި އާބިޓްރޭޓަރެއް ގެންގުޅުއްވާފައިވުމެވެ. އަދި އެ ޢިލްމްވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އާބިޓްރޭޓަރަކީ ޤާޟީއަށްވުރެ ދަރަޖައިގެ ގޮތުން ދަށް ފަރާތެކެވެ.
މާލިކީ މަޛްހަބް
މި މަޛްހަބްގެ ޢިލްމްވެރިން ވިދާޅުވާގޮތުގައި އާބިޓްރޭޝަން އަކީ ޞުލްޙަ ވުމަށް ބޭނުންކުރެވޭ އެންމެ މަތީ ދަރަޖައިގެ ގޮތެވެ. އެހެނީ އާބިޓްރޭޓަރ އަކީ މައްސަލަ ދިމާވި ދެފަރާތުން އައްޔަންކުރާ ފަރާތެއްކަމަށާއި، އެ ފަރާތުގެ ޢިލްމް އަދި ޙިލްމް ބޭނުންކޮށްގެން އެކަންކަން ނިންމާތީއެވެ. އެހެން މަޛްހަބްތަކާއި ޚިލާފަށް މި މަޛްހަބްގެ ޢިލްމްވެރިން ވިދާޅުވާގޮތުގައި އާބިޓްރޭޓަރެއް އައްޔަން ކުރުމަށްފަހުގައި އޭނާ ވަކިނުކުރެވޭނެއެވެ.
ހަންބަލީ މަޛްހަބް
މި މަޛްހަބްގެ ޢިލްމްވެރިން ދެކޭގޮތުގައި އާބިޓްރޭޓަރެއްގެ ނިންމުމާ ޤާޟީއެއްގެ ހުކުމާ ތަފާތެއް ނެތެވެ. އެހެންކަމުން އާބިޓްރޭޓަރެއް ގައިގައި ޤާޟީއެއްގައިގައި ހުރުންލާޒިމް ސިފަތައް ހުންނާންޖެހެއެވެ. މި މަޖްހަބްގެ ޢިލްމްބެރިން އެންމެބޮޑަށް ފާހަގަކުރައްވާ އެއްކަމަކީ، ހުރިހާ ދަންނަބޭކަލުންވެސް އެއްބަސްވެލައްވާ ގޮތަށް، ހުދޫދުގެ މައްސަލަތަކަށް އާބިޓްރޭޝަން އޮވެގެން ނުވާނެއެވެ. މީގެ އިތުރުން މި މަޛްހަބްގެ އިލްމްވެރިންދެކޭ ގޮތުގައި ހުޅަނގުގެ އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް އާބިޓްރޭޝަންގެ ކަންކަން ނިންމުމުގެ މިނިވަންކަން އޮންނަންވާނެއެވެ.
އިސްލާމީ ޖުޑިޝަރީގައި ޙަކަމް، ޙަކަމްގެ ދައުރު، ތާރީޚީ ގޮތުން ޙަކަމް އަދި ހަކަމްގެ ޝަރުޠުތައް.
ޙަކަމް އަކީ ދޭދޭ މީހުން ނުވަތަ ދެފަރާތެއްގެ ދެމެދުގައި މައްސަލަ ޖެހުމުން އެކަން ހައްލު ކުރުމަށް އައްޔަން ކުރެވޭ މީހާއެވެ. މެދުވެރިއެވެ. ނުވަތަ ކޯޓުން މައްސަލަ ހައްލު ކުރުމަށް އައްޔަންކުރާ މީހާއެވެ. ފިޤުހު ފޮތްތަކުން މާނަ ކުރެވޭ ގޮތުގައި ޙަކަމް އަކީ މައްސަލަތައް ހައްލު ކުރުމަށް އައްޔަން ކުރެވޭ ފަރާތެވެ.
ޙަކަމްގެ ދައުރަކީ އިންސާފުވެރި ގޮތެއްގައި ދޭދޭ މީހުން ނުވަތަ ދެފަރާތެއްގެ ދެމެދުގައިޖެހޭ މައްސަލަ ނިންމުމެވެ. އެބައިމީހުން (މައްސަލަޖެހިފައިވާ މީހުން) އަށް އިސްލާމީ ޖުޑިޝަރީގައިވާ ރަނގަޅުގޮތް އަންގައި ދިނުމެވެ. ޙަކަމްގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލަތައް ޤާނޫނުގައިވާ ގޮތަށް ޢަދުލުވެރިކަމާއެކު ނިންމުމެވެ.
ތާރީޙީ ގޮތުން ހަކަމް އަކީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ފަރާތެކެވެ. ޙާއްޞަކޮށް އިސްލާމް ދީން އައުމުގެ ކުރިން ޖެހޭ ބޮޑެތި މައްސަލަތަކުގައި ޙަކަމް އަކީ އަބަދުވެސް ބޭނުންޖެހިފައިވާ ފަރާތެކެވެ. ޙަކަމް އަކީ ވަކި ދަރިކޮޅަކަށް ނުވަތަ ވަކިޤަބީލާއަކަށް ނިސްބަތްވާ މީހަކަށް ވާކަށް ނުޖެހެއެވެ. މައްސަލަ ޖެހިފައިވާ ފަރާތަކުން، ޙަކަމް އަކަށް ކޮންމެ މީހަކުވެސް އައްޔަން ކުރެވިދާނެވެ. ބައެއް މައްސަލަތައް ނިންމުމަށް ޙަކަމް ނެގެނީ، އޭނާގެ ހުންނަށް ސިފަތަކަށް ބަލާފައެވެ. އޭނާއަކީ ޤަދަރުވެރި އަދި ވަކި މަޝްހޫރު ޢާއިލާއަކަށް ނިސްބަވާ މީހަކަށް ވާންޖެހެވެ. ޙަކަމް އަކީ ބައެއް ފަހަރު ކަހީނުކަން ( SOOTHSAYERS ) ދަންނަ މީހަކަށް ވާންޖެހެވެ. ދެބައިމީހުންގެ ދެމެދުގައި ޖެހިފައިވާ މައްސަލައަކީ ކޮބައިކަން ދެނެގަނެ، ޙަކަމްއަށް މައްސަލަ ހައްލުކުރަން ޙަވާލު ކުރެވެން ޖެހޭނެވެ. ކަހީނު ކަލޭގެ މިކަމާ އެއްބަސް ވުމުން ސެކިއުރިޓީއެއްގެ ގޮތުގައި ގެއެއް ނުވަތަ ޕްރޮޕަރޓީއެއް ގެރެންޓީއެއްގެ ގޮތުގައި ދޭންޖެހޭނެވެ. އެއީ އޭނާގެ ނިންމުން ޤަބޫލު ކުރުވުމަށްޓަކައެވެ. ޙަކަމްގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމުގައި ވިޔަސް އެއަކީ ތަންފީޒް ކުރެވޭ ޙުކުމެއް ނޫނެވެ. އެހެނެއްކަމަކު މައްކާގެ އުކާޒްގެ ބާޒާރުގައި ޙަކަމް ނިންމާ ނިންމުމަކީ މައްސަލަ ޖެހުނު ދެފަރާތުންވެސް ޘަޤާފީ ގޮތުން ޢަމަލު ކުރަން ޖެހޭ ނިންމުމެކެވެ. ކައުބަތުﷲ ގެފުޅު މަރާމާތު ކުރެވުނު ހިނދު ހަޖަރުލް އަސްވަދުގެ ހިލަކޮޅު ބަހައްޓާނީ ކޮން ފަރާތަކުންތޯ މައްކާގެ ދެޤަބީލާއެއްގެ ދެމެދު ޖެހުނު މައްސަލާގައި ހަކަމް އެއް ބޭނުން ކުރެވުނުކަން އެގެން އޮވެއެވެ. މި ޙަކަމް އަކީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلّم އެވެ.
ޙަކަމްގެ ކިބައިގާ ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ބުއްދި ސަލާމަތުންހުރި، ބާލިޣު ވެފައިހުރި މީހަކަށްވުން، ފިރިހެނެއްކަމުގައި ވުން ( ހައްދު ނުވަތަ ޤިޞާޞް ނުހިމެނޭ މައްސަލަތަކުގައި އަންހެނެއް ކަމުގައި ވިޔަސް ހެޔޮކަމަށް ޙަނަފީ މަޛްހަބްގެ ޢިލްމެވެރިން ވިދާޅުވެއެވެ.) މުސްލިމަކު ކަމުގައި ވުން، ( ޙަނަފީން ދެކޭ ގޮތުގައި ޣައިރު މުސްލިމަކު ވިޔަސް އެންމެ ރަގަޅު) އޭނާއަކީ މިނިވަނެއް ކަމުގައިވުން، ކަމަށް ޤާބިލް މިހަކަށްވުން، އަދުލިވެރި މީހަކަށްވުން އަދި އިސްލާމީ ޝަރީޢާ ދަންނަ މީހަކަށް ވާންޖެހެވެ. ކާވެނީގެ މައްސަލަތަކުގައި ދެފަރާތުގެ އާއިލާ މެންބަރުން ޤަބޫލު ކުރެވޭނެވެ.
ނިންމުން
އިސްލާމީ އާބިޓްރޭޝަންއަކީ ކީރިތި ޤުރުއާން، ކީރިތި ރަސޫލާމުޙައްމަދު صلى الله عليه وسلّم ސުންނަތުން އަދި އިޖުމާޢު އިން ޞައްޙަ ކަމެއްކަން އެނގި ކަށަވަރުވެފައިވާ ކަމެކެވެ. އިސްލާމް ދީނުގެ މަޤްޞަދުތަކުގެ ތެރެއިން އެއް މަޤްޞަދަކީ ނަފްސް ރައްކާތެރި ކުރުމެވެ. އިންސާނުންގެ ތެރޭގައި ދުވަހުން ދުވަހަށް ކުރެވޭ މުއާމަލާތްތަކުގައި ދެބަސްވުންތައް ހުރިކަން އެނގެއެވެ. މިބުނެވުނު ކަމަކީ އެކަމަށް ޙައްލުތަކެއް ހުރިކަމެއްކަން ޔަޤީން ކުރަން ޖެހެއެވެ. މިކަން ކަށަވަރު ކުރުމަށްޓަކައި އިސްލާމީ ޖުޑިޝަރީގައި އާބިޓްރޭޝަންގެ އެކިއެކި ބައިބައި ހުރިކަން މިދިރާސާއިން ހާމަވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ ޖުޑިޝަރީގައި ކޯޓު މަރުހަލާ ފެށުމުގެ ކުރިން އާބިޓްރޭޝަންގެ މަރުހަލާ އޮވެއެވެ.
އިންޑޮނީޝިއާއަކީ ޝަރީޢާ އާބިޓްރޭޝަން އޮންނަ ޤައުމެކެވެ. ޝަރިޢާ އާބިޓްރޭޝަންއަކީ އިސްލާމް ދީނުގެ ޑޮކްޓްރައިންސްގެ މައްޗަށް ބިނާވެފައިވާ ރިލިޖަސް ކޯޓުތަކުގައި ހިންގޭ ކަންކަމެވެ. ވަކިފަރާތަކަށްނުޖެހި ޢަދުލުވެރިކަމާއި އެކު މިއަދާއި ހަމައަށް އިސްލާމީ ޖުޑިޝަރީގައި ދެމިއޮތް އާބިޓްރޭޝަން އަކީ މިހާރުގެ ހުޅަނގުގެ ޤާނޫނުތަކަށްވެސް ނަމޫނާއެކެވެ. ސިޔާސީ އަދި ސިޔާސީ ބާރުވެރިކަމުން އާބިޓްރޭޝަންގެ މަޤްޞަދުތައް ބައެއް ފަހަރު މުގުރާލައެވެ. އެނގޭ އެއްކަމަކީ އިސްލާމީ ޖުޑިޝަރީގައި އޮތް ގޮތަށް އާބިޓްރޭޝަން ބާއްވާ، ކަންކަން ނިންމާ ހިނދު، ކޯޓުތަކުގައި ފުނިޖެހިފައިވާ މައްސަލަތައް މަދުވެގެން ދާނެކަމެވެ. ރަނގަޅު ދިރާސާއެއް ކުރެވުނު ކަމުގެ އުންމީދުގައި މިހިސާބުން ހުއްޓާލަމެވެ. (وما توفيقي الا بالله)
ރިފަރެންސް
ކީރިތި ޤުރުއާން
ކީރިތި ޤުރުއާން ދިވެހި ތަރުޖަމާ
https://zulkiflihasan.files.wordpress.com/2008/06/week-xi-arbitration-in-islamic-law.pdf
https://www.lse.ac.uk/law/working-paper-series/2007-08/WPS2008-12-Al-Ramahi.pdf
https://www.mvlaw.gov.mv/pdf/ganoon/chapterVIII/10-2013.pdf
https://eprints.lancs.ac.uk/id/eprint/133607/1/11003801.pdf
http://nigerianlawguru.com/articles/arbitration/ARBITRATION%20UNDER%20THE%20ISLAMIC%20SHARIA.pdf
https://www.ijicc.net/images/vol9iss10/91016_Arifin_2019_E_R.pdf
https://core.ac.uk/download/pdf/234694604.pdf