އެއް ހަށިގަނޑަކުން ގުޅިފައިވާ އެއްމާބަނޑު ދެބެއިންނަށް ވަކިވަކިން ވޯޓު ދިނުމުގެ ހައްގު އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ދީފިއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޕަންޖާބު ސަހަރުގެ ވެރިރަށް އަމްރިތުސަރަށް އުފަން އެއްހަށިގަނޑެއްގައި ގުޅިފައިވާ އެއްމާބަނޑު ދެބޭންނަށް ވޯޓު ލުމުގެ ހައްގު ދިންއިރު އެކަކު އަނެކަކަށް ވޯޓު ކަރުދާސް ކޮޅު ނުދެއްކުމަށް ބުނެ ނަސޭހަތްތެރިވެފައި ވެއެވެ.
މޯހަން ސިންގް އަށާއި ސޯހަން ސިންގްއަށް ވަކިވަކިން ވޯޓު ލުމުގެ ހުއްދަ ލިބުނީ ގާނޫނީ ގޮތުން އެތައް ހުރަސްތަކެއް ގިރާކޮށް ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ.
ޖޫން 2013ގައި އުފަންވި އެއްމާބަނޑު އެ ދެބެއިންގެ ހުންނަނީ އެންމެ ދެ ފައެވެ. ނަމަވެސް އުނަގަނޑުން ފެށިގެން ދެބެއިންގެ ހަށިގަނޑު ވަނީ އުފަންވީއިރު ވެސް ގުޅިފައެވެ.
އޮޕްރޭޝަނެއްކޮށް ދެބެއިންގެ ހަށިގަނޑު ވަކިކުރާނަމަ އެކަކު ނޫންނަމަ ދެމީހުންގެ ފުރާނައަށް ވެސް ނުރައްކައު ވެދާނެތީ އޮޕްރޭޝަން ކުރުވަން މައިން ބަފައިން ބޭނުމެއްނުވިއެވެ.
އެއްހަށިގަނޑަކުން ދެ ޒުވާނުން ގުޅިފައި ވިޔަސް މިހާރު މޯހަން ސިންގްއަށާއި ސޯހަން ސިންގްއަށް ވަނީ ވަކިވަކިން އައިޑެންޓިޓީ ކާޑު ހަދައިދީފައެވެ. އަދި ދެ ޒުވާނުންގެ ނަންވެސް ވަނީ ވޯޓު ލިސްޓުގައި ހިމަނާފައެވެ. އެކަމަކު ދެ މީހުން ވެސް ވޯޓުލާންޖެހޭނީ އެކަކު އަނެކަކަށް ވޯޓުކަރުދާސްކޮޅު ނުދައްކައެވެ.
ވޯޓު ލުމުގެ ހައްގު ލިބުމުން އެ ދެބެއިންގެ އިތުރަށް އާއިލާގެ މީހުންނާއި ރައްޓެހީންނާއި އެ ސަރަހައްދުގެ އެންމެންވެސް ތިބީ އުފަލުން ފޮޅިފައެވެ.