އިންޑޮނީޝިޔާގެ ރައީސް ގެ ފޯންކޯލްތައް ބަޔަކު ވަގަށް އަޑުއަހަމުންދާ ކަމަށް ޝައްކު ކުރެވޭކަމަށް މިހަފްތާގައި ސަރުކާރުން އިއުލާން ކުރުމާއި ގުޅިގެން މިކަމާބެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ރައީސް ޕްރަބޯވޯގެ ސަރުކާރުގެ އިސް އެތައް މެމްބަރުންނެއް މި ”ވަޔަރ ޓެޕިންގ“ ގެ ޖަރީމާ ހިންގުމުގައި ބައިވެރިވާކަމަށް ވަނީ ބެލެވިފައެވެ.މީގެ ތެރޭގައި ރައީސްގެ ޗީފް އޮފް ސްޓާފް ލިސްޓީޔޯ ސިޖިތު ޕްރަބޯވޯ ވެސް ހިމެނެއެވެ. ނަމުން އެއްގޮތް ނަމަވެސް އޭނާއަކީ ރައީސްގެ ތިމާގެ މީހެއް ނޫނެވެ.
ރައީސްގެ ފޯންކޯލްތައް އަޑުއެހޭ ގޮތަށް ވަޔަރޓެޕިންގ ހެދިކަމުގެ ތުހުމަތުގައި ރައީސްގެ ޗީފް އޮފް ސްޓާފް ލިސްޓީޔޯ ސިޖިތު ޕްރަބޯވޯ އާއި އެކު އިސްދެ ޕޮލިސް އޮފިސަރުން އަންގާރަ ދުވަހު ހައްޔަރު ކޮށްފައި ވެއެވެ. ރައީސްގެ ފޯނު ނަމްބަރު ހިމެނޭ ގޮތުން މުހިންމު ފޯނު ނަމްބަރުތަކެއް، ފުހުންގެ އިދާރާގެ އިލެކްޓްރޯނިކް ސަރވެއިލަންސް ސިސްޓަމްއަށް މިތިންމީހުން އަޅާފައިވާ ކަމަށްތުހުމަތު ކުރެވިފައިވެއެވެ.މިގޮތަށް ސިސްޓަމަށް ނަމްބަރުތައް އެޅުމުން އިންވެސްޓިގޭޝަން ވޮރަންޓެއް ނުވަތަ ކޭސް ރިޕޯޓަކާ ގުޅުންނެތިވެސް، އެނަމްބަރުތަކުން ކުރާ ކޯލްތައް އަޑުއެހޭނެ ކަމަށް ވެއެވެ.
އިދާރާތަކުން ބުނެފައިވާ ގޮތުގައި މިކަމެއް ހިނގާކަން އެނގިފައިވަނީ ޕޮލިސް އޮފިސަރަކު މިދިޔަ ހަފްތާގައި ދިން މައުލޫމާތަކާއި ގުޅިގެންނެވެ.ނަމަވެސް އިދާރާތަކުން ގަބޫލު ކުރާ ގޮތުގައި 2025 ވަނަ އަހަރު ލިސްޓީޔޯ ޕޮލިސް ޗީފް އަކަށް ހުރި ހިސާބުންވެސް މިގޮތަށް ވަޔަރ ޓެޕިންގ ގެ ކަންތައް ކުރިޔަށް ދާކަމަށް ގަބޫލު ކުރެވެއެވެ.
ރައީސް ގެ ތަރުޖަމާން ބުދަ ދުވަހު ބުނެފައިވާ ގޮތުގައި ރައީސްގެ ފޯންކޯލް ތަކުން ސެންސިޓިވް މައުލޫމާތާއި އެކު ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއަރާފަދަ މައުލޫމާތުވެސް ހުރެދާނެތީވެ، މިގޮތަށް ރައީސްގެ ފޯނު ޓެޕް ކުރުން ވާނީ ޓްރީސަން، ނުވަތަ ގައުމުގެ ވެރިޔާޔަށް ޚިޔާނަތްތެރިވުމަށެވެ.
އިންޑޮނީޝިޔާގައި ޓްރީސަން އަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ ހުކުމްވެސް އިއްވާ ކުށެކެވެ.
ތަރުޖަމާނު ބުނީ މިފަހަރުގެ ވަޔަރ ޓެޕިންގ ގެ މަގްސަދު އަދި ސާފު ނުވާ ކަމުގައެވެ.
ޓެޕް ކޮށްފައިވަނީ ހަމައެކަނި ރައީސްގެ ފޯނު ނޫންކަމަށާ ، އެހެން ބައެއް ސިޔާސީ އިސްފަރާތްތަކާ ނޫސްވެރިން، ވިޔަފާރިވެރިން އަދި އެންޖީއޯ ތަކުގެ ވެރިންވެސް މިލިސްޓްގައި ހިމެނޭ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.
ލިސްޓީޔޯ، ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކުރީ މިދިޔަ މަހުއެވެ. އަދި މިކަމުގައި ހައްޔަރު ކުރުމާއި އެކުވަނީ މަގާމުން ދުރުކޮށްފައެވެ.
![]()
