މާވަށުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ލ. މާވަށުގައި އާ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ލ. މާވަށް ގޮފި އިފްތިތާޙުކޮށްދެއްވީ އެ ރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، މާވަށް ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުގެ ތެރެއިން، ގޮފީގައި ޤުރްއާން ކިލާސްތައް ރަސްމީކޮށް އިފްތިތާޙުކޮށް، އެންރޯލްވެފައިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ މި މަރުކަޒުގެ ވަފުދުގެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ގޮފީގައި ހިންގާ ޤުރްއާން ތަޢުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، އިދާރީ ގޮތުން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ގޮތްތަކާ މެދު މާވަށް ކައުންސިލް އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު މަޝްވަރާ ބައްދަލުވުންތައް ވަނީ ބޭއްވިފައެވެ.

މި ގޮފި ހުޅުވުމަކީ، ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

އިސްލާމީ ޢިލްމު ވަރުގަދަކުރުމާއި، ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދިނުމާއި، އަންނަންއޮތް ޖީލުތަކަށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ދައުލަތުން ދަނީ ޤުރްއާނުގެ ތަޢުލީމަށް ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް