ސައްދާމް ހުސައިނަކީ އިސްލާމީ ދުނިޔެއަށް ވަފާތެރިއެއް ނުވަތަ ޣައްދާރެއްތަ!

Loading

Facebook
Twitter
WhatsApp

(ހަތަރު ވަނަ ބައި)
އިރާގުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައަކީ އެމެރިކާގެ ފުރިހަމަ ތާއީދާއެކު އަދި އެމެރިކާއިން ޚަރަދުވެސް ކޮށްގެން ހިންގި ހަނގުރާމައެކެވެ. ސައްދާމް ހުސައިނަކީ އެމެރިކާގެ ބައިވެރިއެއްކަމަށް ގަބޫލުކުރިއެވެ. އެހެންނަމަވެސް ސައްދާމް ހުސައިންގެ ހަރަކާތްތައް އެމެރިކާ ބޭނުންވާ އިމުން ބޭރުވެގެންދާތަން ފެންނާތީވެ، އެމެރިކާގެ ސުޕަރޕަވަރ ހައިސިއްޔަތަށްވެސް ނުރައްކާ ކުރިމަތިވެދާނެކަމަށް އެމެރިކާ ދެކެން ފެށިއެވެ. އަދި މިއީ މެދުއިރުމަތީގައި އެމެރިކާގެ މިލިޓްރީ ގާއިމް ކުރުމަށް ހުޅުވާލެވުނު ފުރުސަތެއްކަންވެސް ދެނެގެންފި އެވެ.
ސައްދާމް ހުސައިނާ ދެކޮޅަށް ހަރަކާތްތެރިވާނެ އެމެރިކާގެ ފައުޖެއް ކުވޭތުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ނަމުގައި ގާއިމް ކުރުމަށްޓަކައި އެމެރިކާއިން ރާވަމުން ގެންދިއުންވެސް ކާމިޔާބު ކުރެވޭނެ މަގު ހުޅުވުނީއެވެ.

އީރާނާ ދެކޮޅަށް އިރާގުން ހަނގުރާމަކުރި ދުވަސްވަރު ސައްދާމް ހުސައިނަކީ ހުޅަނގުގެ ޕާރޓްނަރެއް ކަމަށް ގޮވި ޓްރަމްޕްގެ ދޫ ފުރޮޅި މިޒަމާނުގެ ހިޓްލަރ ކަމުގައި އިއުލާންކޮށްފިއެވެ. އަދި ސައްދާމް ހުސައިން ބޭނުން ކޮންމެ ކަމެއް ކުރަން ފުރުސަތު ނުދެވޭނެކަން އެމެރިކާގެ ރައީސް ޖޯރޖް ޑަބްލިޔޫ ބުޝް އިއުލާންކުރެއްވިއެވެ. އަދި ކުވޭތުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތެއް ސައްދާމް ހުސައިނަށް ދެއްވިއެވެ. ދުނިޔޭގައި ހިނގަމުންދިޔަ ހަނގުރާމަތައް ނިމިފައިވުމާއެކު ހަގީގަތުގައި ސައްދާމްހުސައިންގެ މާބޮޑު ބޭނުމެއް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަކަށް އޭރަކު ނެތެވެ. މިހާރުން މިހާރަށް ބަލާއިރު ސައްދާމު ހުސައިނަކީ ފާލުން ނެއްޓިގެން އުޅޭ އަދި އޭނާގެ ސައިޒަށް ރުޖޫއު ކުރަން ޖެހިފައިވާ ލީޑަރެކެވެ. ދުނިޔޭގައި ބޭނުންކުރެވޭ ތެލުގެ ފަސްބައިކުޅަ އެއްބައި އޭނާގެ ބާރުގެ ދަށުގައި ބޭއްވުމަށް ރުހިގެން ތިބުމަކީ ކުރެވޭނެކަމެއް ނޫނެވެ. އެއަށްވުރެންވެސް ބޮޑަށް އެމެރިކާއާއި އިސްރާއީލަށް ބިރަކަށްވެފާ އޮތުމަށްވެސް ރުހިގެން ނުތިބެވޭނެއެވެ.
ސައްދާމް ހުސައިން އާ ދެކޮޅަށް އެމެރިކާއިން އޮޕަރޭޝަން ޑެޒާރޓް ސްޓޯރމް 1991 ޖެނުއަރީ 17 ގައި އިއުލާން ކުރެވިގެންދިޔައެވެ. ސައޫދީ އެރޭބިއާގެ އެއްބާރުލުމާއެކު އެމެރިކާގެ ބާރުގަދަ ކޯލިޝަނަކުން އިރާގަށް ހަމަލާދޭން ފަށައިގަތެވެ. ކޯލިޝަންގެ ހަނގުރާމައިގާ އިރާގު ދުވަހުންދުވަހަށް ފަހަތަށް ޖައްސަމުން ގެންދިޔައެވެ. އަދި އިރާގު ސިފައިން ބަލިވަމުން މަރުވެގެން ވެއްޓެމުންދިޔަ ކުވޭތުގެ މަގުތަކަށް އެ ހައިވޭ އޮފް ޑެތުގެ ނަން ދެމުންނެވެ. ހަމައެކަނި 43 ދުވަހުގެ ތެރޭގައި އަލުން ހިންދަމާ ނުލެވޭވަރަށް އިރާގު ސިފައިން ބަލިވެއްޖެއެވެ. ފެބްރުއަރީ މަހުގެ 24 ވަނަދުވަހު އިރާގުގެ ހުރިހާ ސިފައިން ކުވޭތުން ބާލައި ހަމަ އެކަނި 100 ދުވަހުގެ ތެރޭގައި 28 ފެބްރުއަރީގައި ކުވޭތުގެ ޝާހީ އާއިލާގެ ވެރިކަން ރުޖޫއު ކުރެވިއްޖެއެވެ. ސައްދާމް ހުސައިން އާރާބާރުގެ އަވާމެންދުރުފަހަތުން ދުވުމުގެ އާޚިރު ނަތީޖާއާ ކުރިމަތި ލާން ޖެހުނުދުވަސް އައީއެވެ. ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާއާ ދެކޮޅަށް ހަނގުރާމައަށް ނިކުތުމަށްފަހުވެސް މަރުނުވެ ފިލުމަށް ފުރުސަތު ހޯދީއެވެ.
އޮޕަރޭޝަން ޑެޒާރޓް ސްޓޯރމްއާ ދެކޮޅަށް ސައްދާމް ހުސައިން ނިކުންނެވީ އެއީ ހަނގުރާމަ ތަކުގެ މަންމަ ކަމުގައި އިއުލާންކުރައްވަމުންނެވެ. ވޯޝިންގޓަނުން ސައްދާމް ހުސައިނާ ދެކޮޅަށް ހަނގުރާމައަށް ނިކުތުމުގެ އަޑީގައި އޮތީ އިސްރާއީލުގެ ސިޔާސަތުކަން ސައްދާމް ހުސައިނަށް އެނގިވަޑައިގަންނަވައެވެ. ސައްދާމް ހުސައިންގެ ބާރު ކަނޑުވާލަން އެދި އެމެރިކާ ސަރުކާރުގައި އިސްރާއީލުގެ ބޮޑުވަޒީރު އެދެމުންގެންދާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. ހަނގުރާމައިގެ ތެރޭގައި އިރާގުން އިސްރާއީލަށް މިސައިލުން ހަމަލާދެމުންގެންދިޔައީ މި ސަބަބަށްޓަކައެވެ.
ކޮންމެއަކަސް އޮޕަރޭޝަން ޑެޒާރޓް ސްޓޯރމަށްފަހު ދުނިޔޭގެ ކުރިމަތީގައި ސައްދާމް ހުސައިނަކީ ނަފްރަތު ލިބިފައިވާ ޑިކްޓޭޓަރެއްކަން ރަސްމިގޮތުން ބަލައިގެންފިއެވެ. އަދި ހަގީގަތް އެނގެމުން ދިޔަވަރަކަށް އިރާގުގައި އެމަނިކުފާނުގެ ބާރު ކަނޑުވާލައި ރައްޔިތުންގެ ކުރިމަތީގައިވެސް ނުރައްކާތެރި މުޖުރިމަކަށް ވެއްޖެއެވެ. ބޮޑެތި މީޑިއާތައް އޮތީ އެމެރިކާގެ ބާރުގެ ދަށުގައެވެ. އެހެންނަމަވެސް ސައްދާމް ހުސައިނަކީ ބަލި ގަބޫލުކުރައްވާނެ ބޭފުޅަކަށް ނުވެއެވެ. އިރާގާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ ކުރި ހަނގުރާމައިގާ ސައްދާމް ހުސައިން ބަލިވުން މީޑިއާތަކުން ހާމަކުރަން ފެށުމުން ވިދާޅުވެފައިވަނީ ޕްރޮޕްގެންޑާ ފަތުރަނީ ކަމަށެވެ. އަދި ސައްދާމް ހުސައިނަކީ ބަލިކުރެވިދާނެ ބޭފުޅެއް ނޫން ކަމަށްބުނެ ބޮޑެތި ބަސްތައް ވިދާޅުވަމުންގެންދެވިއެވެ.
އޮޕަރެޝަން ޑެޒަރޓް ސްޓޯރމް ނިމި ކުވެއިތު އެ ގައުމުގެ ރައްޔިތުންނަށް ލިބިއްޖެއެވެ. އެކަމަކު އިރާގުގައި އަދިވެސް އޮތީ ސައްދާމް ހުސައިންގެ ރިޔާސަތެވެ. މިފަހަރު ގައުމު ކުރިމަތި ލާންޖެހުނީ ބޮމާއި އަދި ބާރުގަދަ ހަނގުރާމައިގެ ހަތިޔާރުތަކުގެ ފަނާކުރުމަށްވުރެން މާ ނުރައްކާތެރި ހާލަތެކެވެ. ބަޑުހައި ހޫނުކަމެވެ.
1991 އޭޕްރިލްގައި ޔުނައިޓެޑް ނޭޝަންސްގެ އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އިރާގާ ދެކޮޅަށް އިއުލާންކުރެވިގެންދިޔައެވެ. އިރާގުގެ ތެޔޮ އެކްސްޕޯރޓްކުރުން މަނާކުރެވި ގައުމަށް އާމުދަނީ ލިބޭ މަގުތައް ބަންދުވުމުގެ ސަބަބުން އާންމު ރައްޔިތުން ބިކަވެ ހާލުގައި ޖެހިއްޖެއެވެ. އެމެރިކާއާއި ދެކޮޅުވެރިވުމުގެ ނަތީޖާއަކީ އެއީ އެވެ. ގައުމު ނިކަމެތި ކޮށްލުމުގައި ޅަ ދަރިންނަށްވެސް ބެލުމެއް ނޯންނާނެއެވެ. އިރާގުގެ ރައްޔިތުން މި ނިކަމެތި ކަމާ ކުރިމަތި ލާންޖެހިފައިވަނީ ސައްދާމް ހުސައިނާ ދެކޮޅަށް ފާޅުގައި ނިކުތުމަށް އިންކާރު ކުރުމުގެ ސަބަބުންނެވެ. ސައްދާމް ހުސައިނާ ދެކޮޅަށް ނިކުތުމުގެ ބިރުވެރި އަންޖާމް އެމެރިކާއަށް ނޭންގުނަސް އިރާގުގެ ރައްޔިތުންނަށް ރަނގަޅަށް އެނގެއެވެ.
ބައިނަލް އަގްވާމީ ރިޕޯރޓްތަކަށް ބަލާއިރު ޖެހިގެން އައި 5 އަހަރު ދުވަހުގެ ތެރޭގައި ހޮސްޕިޓަލް ތަކުން ފަރުވާ ނުލިގެން ފަސްލައްކައަށް ވުރެން ކުޑަކުދިން ވަނީ މަރުވެފައެވެ. ގައުމަށް ކުރިމަތިވެފައިވާ މި ހާލަތުގައިވެސް ސައްދާމް ހުސައިން ވެރިކަން ދޫކޮށްލައްވާކަށް ބޭނުމެއްނުވިއެވެ.
1996 ވަނައަހަރު ޔުނައިޓެޑް ނޭޝަންސް އިން އިރާގާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އޮއިލް ފޯރ ފުޑް ނަމުގައި ލުޔެއް ދީފިއެވެ. އޭގެ ސަބަބުން އިރާގުގެ ތެޔޮ ވިއްކައިގެ ލިބޭ ފައިސާއަށް އިންސާނުން ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ގަނެވިދާނެއެވެ. އެއްދުވަސްވަރެއްގައި މުޅިއަރަބި ދުނިޔޭގެ ބާރު ކަމުގައި ބަލަމުންދިޔަ އިރާގު މިއަދު ވަނީ ނުކުޅެދުމާއި ޒިއްލަތުގެ ޝިކާރައަކަށް ވެފައެވެ. ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ވަސީލަތްތަކަށް ސަލާންޖަހަން ޖެހިފައެވެ. މިހާލަތުގައިވެސް ސައްދާމް ހުސައިންގެ އަތުން ބާރުތައް ގައުމުގެ ތަޖްރިބާކާރުންނާއެކު ހިއްސާކުރަން ބޭނުމެއް ނުވެއެވެ.
1990 ގެ އަހަރުތައް ނިމިގެން ހިނގައްޖެއެވެ. އިރާގުގައިއޮތީ އަދިވެސް ސައްދާމް ހުސައިންގެ ރިޔާސަތެވެ. ހުޅަނގުގެ ގައުމުތަކުން ދެކޭ ގޮތުގައި ސައްދާމް ހުސައިން ދިރިހުރުމަކީ އެ ގައުމުތަކަށް ތައުހީނެކެވެ. ނުވަތަ އިންސަލްޓެކެވެ. އިސްރާއީލަށް އެއީ ބިރުވެރިކަމެކެވެ. އިސްރާއީލުން ގަބޫލު ކުރާގޮތުގައި ސައްދާމްހުސައިނަކީ މެދުއިރުމަތިން އިސްރާއިލް ބޭނުންވާ މިންވަރު ހާސިލް ކުރުމަށް އޮތް ހުރަހެކެވެ. ސައްދާމް ހުސައިން ދުނިޔޭގެ ހުރެގެން ނުވާނެއެވެ.
2001 ސެޕްޓެމްބަރ 11 އަތުވެއްޖެއެވެ. އެމެރިކާގައި ހުރި ވޯރޅްޑް ޓްރޭޑް ސެންޓަރގެ ޓްވިން ޓަވަރަށް ހަމަލާދީ ގޮއްވާލައިފިއެވެ. އެމެރިކާއިން މުސްލިންނާ ދެކޮޅަށް ދުނިޔޭގެ ވިސްނުން ބަދަލު ކޮށްފިއެވެ. އެމެރިކާގެ ރައީސް ޖޯރޖް ބުޝް ( ޖޫނިއަރ ) ގެ ކަންފަތްޕުޅަށް އިސްރާއީލުން ދެމުންގެންދާ ހަމައެކަނި ވަސްވާހަކީ ސައްދާމް ހުސައިންގެ ކަންތައް ނިންމާލަން ލިބޭނެ މިއީ އެންމެ މުނާސަތު ފުރުސަތެވެ. ބައްޕާފުޅަށް ނިންމާ ނުލެވުނު ކަންތައް ނިންމާލުމުގެ ފުރުސަތު ދަރިއަށް ލިބުނީއެވެ. މި ހަރަކާތުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބުނެވެނީ ޑޮނާލަޑް ޓްރަމްޕް ފަދަ އިސްރާއީލުގެ އިސް އެޖެޓުންނެވެ. އަދި ދެން ކަންތައްކުރަންވީ ގޮތުގެ ތަފްސީލު ބުލޫ ޕްރިންޓް އެބައިމީހުން އޮތީ މާކުރިން ތައްޔާރުކޮށް ނިންމާފައެވެ. އެ ޕްރޮޖެކްޓަށް ދީފައިވާ ނަމަކީ ދަ ނިއު އެމެރިކަން ސެންޗަރީއެވެ. އެމެރިކާއާއި އިސްރާއީލުންއެންމެ ފުރަތަމަ ކުރަން ރާވާފައި އޮތް މަޝްރޫއަކީ ސައްދާމް ހުސައިން ނައްތާލުމެވެ. ބަހަނާއަކަށް ހަދާފައި އޮތީ ސައްދާމް އަތުގައި މާސް ޑެސްޓްރަކްޝަން ކަމަށް ބެލެވޭ ހަތިޔާރާއި ބައިލޮޖިކަލް ހަތިޔާރު ހުރުމާއި އަދި ބައިލޮޖިކަލް ލެބޯރޓްރީގައި ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ގެންދިއުމެވެ. އަދި އިސްރާއީލުން ދެވަނަ ހޮލޯކާސްޓެއްގެ ވާހަކައިން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް ފިއްތުން ކުރިމަތި ކުރަމުން ގެންދިޔައެވެ. އުތުރު ކޮރެޔާއާއި އީރާން ފަދައިން އިރާގަކީވެސް އިންސާނިއްޔަތަށް ނުރައްކަލެއް ކަމުގައި އެމެރިކާގެ ރައީސް ނިންމެވިއެވެ. އިރާގަށް ހަމަލާ ދިނުމަށް ޔުމައިޓެޑް ނޭޝަންސް އިން ފައިސަލާ ކުރުމުގެ މާ ކުރިން އިސްރާއީލުން އޮތީ ބާރުގަދަ ގައުމުތަކަށްލޮބީކޮށް ހުކުމް ލިއެ ދީފައެވެ. އިރާގަށް ހަމަލާދިނުމުގެ ކުރިން މަޝްވަރާގެ އުސޫލުން ދެކޮޅުވެރިކަން ނައްތާލުމަށް ފަރަންސޭސި ވިލާތާއި ޖަރުމަނުން މަސައްކަތް ކުރި ކަމަށް ވެއެވެ.
2003 މާރޗްގައި އިރާގަށް ހަމަލާ ދިނުމުގެ ހުރިހާ ނިންމުންތަކެއް ނިމިއްޖެއެވެ. 48 ގަޑިއިރުތެރޭގައި ސައްދާމް ހުސައިންއާއި އެމަނިކުފާނުގެ ފިރިހެން ދަރިން އިރާގު ދޫކޮށް އެހެން ތަނަކަށް ދާން ޖެހޭނެކަން އެމެރިކާގެ ރައީސް ބުޝް އިއުލާން ކުރައްވައިފިއެވެ. އެހެންނޫނީ އެމެރިކާގެ މިލިޓްރީ އާއި ކުރިމަތިލާން ޖެހޭނެއެވެ. ސައްދާމް ހުސައިން ގައުމުދޫކޮށް ދިއުމަށް އިންކާރު ކުރެއްވިއެވެ. ނަތިޖާއަކަށް ވެގެންދިޔައީ އެމެރިކާގެ ބާރުގަދަ ހަމަލާތަކުގައި އިރާގުގެ އުޑުމަތިން ރޭގަނޑު ދުވާލަށް ބަދަލު ވެގެންދިއުމެވެ. ދުނިޔޭގެ ޓީވީ ސްޓޭޝަންތަކުން މެދުނުކެނޑި އެ ބިރުވެރި ހަމަލާތައް ގެންދިޔައީ ދައްކަމުންނެވެ. ދާދި ފަހާ ޖެހެންދެން ދުނިޔެއަށް ބާރުގަދަ ކަމުގެ ނަމޫނާ ދައްކަމުންދިޔަ އިރާގު މިނިޓުން މިނިޓަށް ދިޔައީ އަނދާ ހުލިވަމުންނެވެ.
އިރާގުގެ އުޑަމަތި ވަނީ ހަނގުރާމައިގެ ދުމުން އުފެދެމުންދިޔަ ވިލާތަކުން ބަނަވެ އަދިނރި ވެފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާގެ ބާރުތައް މުޅި އިރާގަށް ވެރިވެގެންފިއެވެ. އެއަށްފަހު ސައްދާމް ހުސައިންގެ ބުދުތަކާއި ނިޝާނަށް ދާންދެން ބިންމަތި ކުރަމުން ގެންދާން ފަށައިފިއެވެ.
އިސްރާއީލަށް އުފާވެރި އީދެއް ލިބުނު ކަހަލައެވެ. އެ ގައުމުގެ އެންމެ ބޮޑު ދުޝްމިނާ، ސައްދާމް ހުސައިންގެ ބާރުކެނޑި އެމެރިކާގެ އަތްމައްޗަށް އިރާގު ވެއްޓިގެން ދިޔައީއެވެ. ދުނިޔޭގެ ސުޕަރ ޕަވަރގެ މައްޗަށް އިސްރާއީލުގެ ނުފޫޒު އޮތް މިންވަރުވެސް ހާމަވެގެންދިޔައީއެވެ.
ސައްދާމް ހުސައިންގެ ޚުދު މުޚުތާރު ވެރިކަން ނިމިގެންދިޔައިރު މެދުއިރުމަތީގެ އަމާންކަމާއި ސުލްހަ މަސަލަސްކަންވެސް ގެއްލިގެން ދިޔައީއެވެ.
އިރާގު ބިމާހަމަވެގެން ދިޔަ ނަމަވެސް ސައްދާމް ހުސައިން އަތުލެވޭގޮތެއް ނުވިއެވެ. ހުޅަނގުގެ ލަޝްކަރުތަކުން ތިބީ މިފަހަރު ސައްދާމް ހުސައިން ފިލަން ދޫކޮށްލުމުގެ ވިސްނުމެއްގައި ނޫނެވެ. އޮޕަރޭޝަން ރެޑް ޑޯންގެ ނަމުގައި އެ މަނިކުފާނު ހޯދަން އެ ލަޝްކަރުތަކުން އިރާގުގައި އަތްފުނާ އަޅަންފެށިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް