ދެކުނު އެމެރިކާގެ މެދުގައި އޮންނަ ގައުމެއް ކަމަށްވާ ޕެރަގުއޭ ގެ ރައީސް ސަންޓިއާގޯ ޕެންޔާ ގަދަކަމުން މަގާމުން ދުރުކުރެވި ގޭގައި ބަންދު ކުރެވިފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ހުކުރު ދުވަހު ޕެންޔާ ހައްޔަރު ކުރެވުނީ އެގައުމުގެ ބޮޑު ބޭންކެއް ނިމުނު ހަފްތާގައި ކޮލެޕްސް ވުމާއި ގުޅިގެން ދިމާވަމުންދާ މައްސަލަތަކާއި ގުޅުވާ، ރައީސް މަގާމުން ދުރުކުރުމަށް ގޮވާލާ މަޖިލީހުގެ ހުރިހާ މެމްބަރުން ވޯޓުލުމާއި ގުޅިގެންނެވެ.
ކޮލެޕްސްވީ ބޭންކަކީ ރައީސް ޕެންޔާގެ އަމިއްލަ ވިޔަފާރިއާއި ގުޅިފައިވާ ބޭންކެއް ކަމަށް ވެއެވެ.
މަގާމުން ވަކިކުރަން އުޅޭކަން އެނގި، އިސްތިއުފާދެއްވުމަށް ބުރާފަތިދުވަހު ޕެންޔާ ހުށައެޅުއްވި ކަމަށް ވެއެވެ.ނަމަވެސް އިސްތިއުފާ ބަލައިނުގަނެ ސެނެޓަރުން ވަނީ ރައީސްގެ މައްޗަށް ”މިސް ކޮންޑަކްޓް“ ނުވަތަ މަގާމާ އެކަށީގެންނުވާ އަމަލުތައް ހިންގެވި ކަމުގެ ދައުވާ އުފުލާފައެވެ. އެހެން ކަމުން ކުރީގެ ރައީސުންނަށް ލިބެންޖެހޭ އިނާޔަތްތަކުންވެސް ވަނީ ރައީސް ޕެންޔާ އިސްތިސްނާ ކުރެވިފައެވެ.
ބޭންކް ފެއިލް ވުމާއި އޭނާޔާ ގުޅުމެއް ނުވާކަމަށާ އޭނާ ގޯސްކަމެއް ނުކުރައްވާކަމަށް ޕެންޔާ ވިދާޅުވާ ކަމަށް ވެއެވެ. ނަމަވެސް އެ ބޭންކް ނިސްބަތްވާ ކުންފުނީގެ ގިނަ އަދަދެއްގެ ހިއްސާ، ރައީސް ޕެންޔާ މިދިޔަ އަހަރާ ހަމަޔަށްވެސް ގެންގުޅުއްވި ކަމަށް ވެއެވެ.
ޑިޖިޓަލް ބޭންކެއް ކަމަށްވާ އުއެނޯ ބޭންކް ”ކޮލެޕްސް“ ވުމާއި ގުޅިގެން އެގައުމުގެ ސެންޓްރަލް ބޭންކުން ވަނީ އެބޭންކް ގެ މައްޗަށް ވެރިވެ، ކޮންޓްރޯލް ކުރަން މަސައްކަތް ފަށާފަ ކަމަށް ވެއެވެ.ނަމަވެސް ޕެރެގުއޭގެ އާބާދީގެ ދެބައިކުޅަ އެއްބައިހާ މީހުންނަށް ވަނީ އެމީހުންގެ ލާރި ނެގޭގޮތް ނުވެފައި ކަމަށް ވެއެވެ.މިގޮތުން ތިން މިލިއަނެއްހާ މީހުންނަށް އެމީހުންގެ ސޭވިންގސް ގައިހުރި ފައިސާ އާއި ޕެންޝަންގައި ހުރި ފައިސާ ނެގޭގޮތް ނުވެ ގިނަބަޔަކުވަނީ އިހުތިޖާޖްތަކަށް މަގުތަކަށް ނިކުމެފައެވެ.
ރައީސް ޕެންޔާ މަގާމުން ދުރުކުރެނު ”އިމްޕީޗްމަންޓް“ ދައުވާ ބުނާގޮތުން ބޭންކުގެ ކަންތަކުގައި ރައީސްގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމަށާއި ރެގިއުލޭޓަރީ ގަވާއިދުތައް ނުފޫޒުން ބަދަލުކުރައްވާ ކަމަށާ، އާންމުންގެ ޕެންޝަންފަންޑް ގައި ހުރި ފައިސާ އެކިތަންތަނަށް ބަދަލު ކުރެއްވި ކަމަށާއި،އަދި ކަވަރއަޕް ނުވަތަ ކަންކަން ސިއްރު ކުރުމުގައި ސެންޓްރަލް ބޭންކް ބައިވެރި ކުރުވާފައިވާ ކަމަށް ބުނެފައި ވެއެވެ.
ރައީސް ޕެންޔާ އާއި ޕްރޮސެކިއުޓަރ ސިލްވިޔާ މާގަރީޓާ ގޮންޒާލީސް މިއަދު، ހޮނިހިރު ދުވަހު ސުވާލު ކުރާގޮތަށް އޮތީ ހަމަޖެހިފައެވެ. ސުވާލު ކުރެވޭނެ ކަންތަކުގެ ތެރޭގައި ބްރީޗް އޮފް ޓްރަސްޓް(އިތުބާރުގެއްލޭފަދަ އަމަލެއް ހިންގުން، އިންފްލުއެންސް ޕެޑްލިންގ(ނުފޫޒުގެ ބާރު ބޭނުންކޮށްގެން ފައިސާ ޕެޑްލް ކުރުން) އަދި މިސް އެޕްރޯޕްރިއޭޝަން އޮފް ފަންޑްސް(ނަހަމަ ގޮތް ގޮތަށް ފައިސާ އެއްތަނުން އަނެއްތަނަށް ބަދަލު ކުރުން) ހިމެނެއެވެ.
ޕެންޔާ މަގާމުން ދުރު ކުރުމަށް 45 ސެނެޓަރުންގެ ތެރެއިން 44 ސެނެޓަރުން ވަނީ ވޯޓުދީފައެވެ. އެއް ސެނެޓަރު އެދުވަހު ހާޒިރު ވެފައެއް ނުވެއެވެ.ފަހުން ސެނެޓު ގެ ރައީސް ވިދާޅުވެފައިވަނީ ރައީސް ޕެންޔާގެ މައްޗަށް ވަނީ ”ޑެރެލިކްޝަން އޮފް ޑިއުޓީސް“ (މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފެއިލް ވެފައިވުން) ސާބިތުވެފައި ކަމަށެވެ.
ރައީސް ޕެންޔާ މަގާމުން ދުރުކުރުމާއި ގުޅިގެން ނާއިބް ރައިސް ޕެޑްރޯ އެލިއާނާ ވަނީ ވަގުތީ ގޮތުން ރައީސްކަމާއި ހަވާލުވެފައެވެ.އޭނާ 2028 އާއި ހަމަޔަށް އެމަގާމުގައި ހުންނަވާނެއެވެ.
ހުވާކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޕެޑްރޯ އެލިއާނާ ވިދާޅުވީ ބޭންކް ”ކޮލެޕްސް“ ވުމާއި ގުޅިގެން ދަތިކަން ކުރިމަތިވެފައިވާ އެންމެނަށް ފުރިހަމަޔަށް ބަދަލު ދެވޭނެ ކަމުގައެވެ.
ރައީސް ޕެންޔާ ހިންގެވި ޚިޔާނާތާއި ފަސާދައިގެ އަމަލަކީ މުޅި އެގައުމުގެ ޑިމޮކްރެޓިކް ތާރީޚުގައިވެސް ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން ސްކެންޑަލް ކަމަށް ބައެއް ސެނެޓަރުން ބުނެފައި ވެއެވެ.އަދި އެކަމުގެ ނޭދެވޭ އަސަރު މުޅި ދައުލަތަށާ، އާންމު ރައްޔިތުން ގެ އިތުރުން ގައުމުގެ މުޅި ތަސައްވުރަށްވެސް ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.
ބޭންކް ”ކޮލެޕްސް“ ވީ މައްސަލައިގައި ރައީސް ޕެންޔާގެ މައްޗަށް ޕްރޮސެކިއުޓަރުން ދައުވާވެސް ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
![]()
