ތެހެރާންގެ މަގެއްގައި ބަހައްޓާފައިހުރި އެ ގައުމުގެ ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއިގެ ފޮޓޯ ފުޅެއް ކައިރިންލާފައި ކާރުދުއްވަމުންދަނީ.
ހަތަރު ގައުމެއްގެ އުޅަނދުފަހަރު ހޮރްމުޒްކަނޑުއޮޅިން ދަތުރުކުރުމަށް ހުރަހެއް ނޯންނާނެކަމަށް އީރާނުން ބުނެފިއެވެ.
އަލްޖަޒީރާގެ ޚަބަރުގައި އެ ހަތަރު ގައުމަކީ އަވަށްޓެރި އިންޑިއާއާއި ޗައިނާ އަދި ގަތަރާއި އިރާގެވެ. އެގައުމުތަކުގެ އުޅަނދުފަހަރަށް އެމެރިކާއިންވެސް އުދަނގޫ ނުކުރާނެކަމަށް އީރާނުގެ ޕާރލަމެންޓުގެ ނޭޝަނަލް ސެކިއުރިޓީ އަދި ޚާރިޖީ ސިޔާސަތު ކޮމިޓީގެ ނައިބު ރައީސް އަމީރް ހަޔާތު މުގައްދަމް ވިދާޅުވެފައިވެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް މިއަހަރު ފެބްރުއަރީ މަހު 28 ވަނަ ދުވަހު ހަނގުރާމަ ފެށުމާއެކު އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށްބަންދުކޮށްލާފައެވެ. އަދި އީރާނުގެ ދެކުނު ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުފަހަރު އެމެރިކާގެ ނޭވީން ގެންދަނީ ހުއްޓުވަމުންނެވެ.
އެމެރިކާނޭވީން އީރާނުގެ ދެކުނު ބަނދަރުތައް ބްލޮކް ކޮށްފައިވާއިރު ހަމައެކަނި އެ ހަތަރު ގައުމުގެ އުޅަނދުފަހު މިނިވަންކަމާއެކު ދަތުރުކުރެވެނީ ކޮން ސަބަބަކާހުރެ ހެއްޔެވެ؟ މިއީ މީޑިއާތަކުގައި ވަރަށް ގިނައިން ކުރަމުން ގެންދާ ސުވާލެކެވެ. އެ ސުވާލަށް މުގައްދަމް ދެއްވާފައިވާ ޖަވާބުގެ ތެރޭގައި ޗައިނާއިން އީރާނަށް ޕޮލިޓިކަލް ބެކިންގ ލިބެމުންދާއިރު ހަނގުރާމަ ހުއްޓުމަށް ކުރެވޭ މަސައްކަތުގައި ވަރަށް އިސް ދައުރެއް ގަތަރުން އަދާކުރަމުން ގެންދާކަމަށް ވިދާޅުވިއެވެ. އަދި އީރާނަށް ބޭނުންވާ ބޭސް އިންޑިއާއިން ލިބެމުންދާކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ. މުގައދިމް އިތުރަށް ވިދާޅުވެފައިވާގޮތުގައި ޗައިނާއާއި އިންޑިއާގެ އުޅަނދު ފަހަރުން އީރާނުން ކަނޑައޅާ ފީއެއް އަދާކުރަމުންގެންދާކަމަށާއި ގަތަރުގެ އުޅަނދުފަހަރު ހިލޭ ސާބަހަށް ދަތުރުކުރެވޭނެ ކަމަށެވެ. އިރާގުގެ އުޅަނދު ފަހަރުން ފީ ދައްކަން ޖެހޭކަން ނުވަތަ ނޫންކަން ވިދާޅެއް ނުވެއެވެ.
މިދިޔަ އޮކްޓޯބަރ މަހުގެތެރޭގައި ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ގަތަރުން 1.8 މިލިއަން ޓަނުގެ އެލް އެން ޖީ ވަނީ ބޭރުކޮށްފައެވެ. އަދި އިރާގުން މިހާރު ދުވާލަކު 2.65 މިލިއަން ފީފާ ތެޔޮ ވަނީ އެކްސްޕޯރޓް ކުރެވެއެވެ.
ލުންޑް ޔުނިވަރސިޓީގެ ހިއުމަން ރައިޓްސް ސްޓަޑީޒްގެ އެނަލިސްޓް ރޯޒްބާހ ފާރސީ ބުނެފައިވާގޮތުގައި ގިނަ ޒަމާންތަކެއް ވަންދެން ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ގައުމުގެ ކަންތައް މެނޭޖްކުރަމުން ގެންދިއުމަށްޓަކައި އީރާނުން ބައިނަލް އަގްވާމީ ވިޔަފާރިކުރުމުގައި ބާޓާގެ އުސޫލު ނުވަތަ ކުވިޑް ޕްރޯ ކޯސް ގެ އުސޫލު ބޭނުންކުރުމަކީ އާކަމެއް ނޫނެވެ. އެކަމަކު މިހާރުއެކުރާ ކަމަކީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި އެންމެ ކުރީ ސަފުގައިތިބި ގައުމުތަކު ލޮލުގެކުރިމަތީގައި އެ ނިޒާމުގައި ބޮޑެތި ލޯވަޅުތަކެއް އަޅަނީއެވެ. އީރާނުން ކަންތައްކުރަމުން އެ ގެންދަނީ ވަރަށް ހިކްމަތްތެރި ރޭވުމެއްގެ ދަށުން ވަރަށްމޮޅު ވިސްނުމެއްގައިކަމަށް އޮސްޓްރިއާގެ ދިފާއީ ތަޖްރިބާކާރު އަދި އެއްދުވަސްވަރެއްގައި އޮސްޓްރިއާ އިން ލީބިޔާއަށް ކަނޑައަޅާފައިހުރި ޑިފެންސް އެޓާޗޭ ވުލްފްގަންގް ޕުޒްޓައި އަލް ޖަޒީރާއަށް ކިޔާދީފައި ވެއެވެ.
ފެބްރުއަރީގައި ހަނގުރާމަ ފެށުނުފަހުން ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރަން މިހާތަނަށް މަސައްކަތްކޮށްފައިވާ 120 އުޅަނދަކަށް ވަނީ ހަމަލާދީފައެވެ. އެންމެ ގިނަ ހަމަލާތައް ދެވިފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައިކަން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ހާމަކޮށްފައިވެއެވެ.
ގަލްފުގެ ސާފު ނުކުރާތެޔޮ ދުވާލަކު ގާތްގަނޑަކަށް 10.23 މިލިއަން ފީފާ ހޮރްމުޒް ކަނޑުއޮޅިން ހުރަސް ކުރާއިރު އޭގެތެރެއިން ސާޅީސް ދޭއް އިންސައްތަ ފޮނުވެނީ ޗައިނާއަށެވެ. ތޭރަ އިންސައްތަ އިންޑިއާއަށެވެ. އޭޝިއާގެ ގައުމުތައް ބަރޯސާވެފައި އޮންނަނީ ގަލްފުން ފޯރުކޮށްދޭ ތެލާއި ގޭހުގެ މައްޗަށެވެ.
އެމެރކާގެ މިޑްޓާރމް އިލެކްޝަންގައި ރައީސް ޓްރަމްޕްގެ ރިޕަބްލިކަން ޕާރޓީ ބަލިވުމާއެކު މެދުއިރމަތީގެ މަސްރަހަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާތަން ފެންނާން ފަށައިފިއެވެ. އީރާނުގެ ސެކިއުރިޓީ ޗީފް މުޙްސިން ރިޒާއީ މޮސްކޯއަށް ވަޑައިގެން ރައީސް ޕޫޓިން އާ ބައްދަލުކުރައްވައި ސުޕްރީމް ލީޑަރގެ ފަތްކޮޅެއް އެމަނިކުފާނަށް އަރުވައިފިއެވެ. ދެބޭފުޅުންގެ ވާހަކަފުޅުގައި އެންމެބޮޑު އިސްކަމެއް ދެއްވާފައިވަނީ މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަށްފަހު ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ. އޭގެ އިތުރުން ރަޝިޔާއިން އީރާނަށް ގޭސް ފޯރުކޮށްދިނުމަށް ޕައިޕް ލައިނެއް އެޅުމުގެ މަޝްވަރާތައްވެސް ކުރެވުނުކަމަށްވެއެވެ. އެ ޕައިޕް ލައިންގެ ބޭނުމަކީ އީރާނުން އީރާނުގެ ސަރަހައްދުގައިވާ އެހެން ގައުމުތަކަށް ގޭސް ފޯރުކޮށް ނުދެވޭ ހާލަތުތަކުގައި ރަޝިޔާގެ ގޭސް ފޯރުކޮށްދިނުމަށް މަގު ފަހިކޮށްފައި ބޭއްވުމެވެ.
އީރާނުން ހޮރްމުޒް ކަނޑުއޮޅި ހުޅުވާ ދިނުމަށް ހަތް ޝަރުތެއް ވާނީ އެމެރިކާއަށް ހުށައަޅާފައެވެ. އެ ޝަރުތުތައް ފުރިހަމަ ކުރުމުން މެނުވީ ހޮރްމުޒް ކަނޑުއޮޅި ހުޅުވާ ނުދެވޭނެކަން ރިޒާއީ ރައީސް ޕޫޓިންއަށް ދެންނެވިއެވެ.
މިޑްޓާރމް އިންތިޚާބަށްފަހު އެމެރިކާއިން އަނެއްކާވެސް އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ ހަނގުރާމަ ހުއްޓުވުމާއި ގަލްފް ސަރަހައްދުގެ އަމާންކަމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާ ތަކުގައި މެދުވެރިންގެ ދައުރު މިހާރަށްވުރެން ފުޅާކުރަމުންގެންދާކަން މީޑިއާތަކުން ފާހަގަކުރަމުން އެބަ ގެންދެއެވެ. އެހެންނަމަވެސް މެދުވެރިން އެމެރިކާއާއިއެކު ކުރާ މަޝްވަރާތަކުގައި އީރާނުންބޭނުންވާކަންތައްތަކަށް އެއްވެސް މިންވަރަކަށް ދޫދީގެންނުވާނެކަން ސުޕްރީމް ލީޑަރ ވަނީ އަންގަވާފައެވެ.
![]()
