އެމެރިކާއާއި އީރާނުން ސުވިޒަރލޭންޑުގައި އެއްބަސްވެފައިވާ މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިންގެ 5 ވަނަ މާއްދާގެ މައްޗަށް ބިނާކޮށް އީރާނާއި އޮމާނުން ހޮރްމުޒް ކަނޑުއޮޅިން ކުރާ ދަތުރުތައް ގަވައިދަކަށް ފެއްތުމަށް އެއްބަސްވެވިއްޖެކަމުގައި ޗައިނާގެ އޮފިޝަލުންތަކަކާއެކު ބޭއްވުނު ބައްދަލު ކުރެއްވުމެއްގައި އީރާނުގެ މަޖިލީސްގެ ރައީސް މުހަންމަދި ބާޣިރު ގަލިބާފް ވިދާޅުވެއްޖެއެވެ.
އެމް އޯ ޔޫ ފަނިކޮށްލުމަށްޓަކައި އިސްރާއީލުން މަކަރުވެރި ގިނަ އުކުޅުތަކެއް ބޭނުންކުރަމުން ގެންދާ ކަމަށާއި އެކަމަކު ގަލްފުގެ ގައުމުތަކުންނާއި އަހަރެމެން އިސްރާއީލަށް އެ ފުރުސަތު ނުދޭނެކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ. ހަމައެއާއެކު ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުތަކާއި އެމެރިކާއިން ބެހުމުގެ ފުރުސަތުވެސް ނުދެއްވާނެކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. އެމެރިކާއިން މުޅިދުނިޔެއަށް ހަންފެތުރުމުގެ ސިޔާސަތު ހުއްޓުވުމަށްޓަކައި ޗައިނާއާއި އީރާނުން އިގްތިސާދީ އަދި ސިޔާސީގޮތުން ބާރުވެރިކަން އުފެއްދުން ބޭނުންކަމުގެ މައްޗަށްވެސް އެމަނިކުފާނު ވާހަކަ ދެއްކެވިއެވެ. އެ ބައްދަލުކުރުމުގައި ޗައިނާއާއި އީރާނުގެ ޒަމާންވީ އެކުވެރިކަމާއި ގުޅުންތައް އިތުރަށް ބަދަހި ކުރައްވާނެކަން އެގައުމުގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ނައިބު ރައީސް ހީ ވެއި ކަށަވަރުކޮށްދެއްވިއެވެ. ޗައިނާއާއި އީރާނުގެ ގުޅުމަށް މިއަހަރު 55 އަހަރު އަދި ޗައިނާއާއި އީރާނުގެ ސްޓްރާޓިޖިކް އެއްބައިވަންތަކަމަށް 10 އަހަރު ފުރޭނެއެވެ. މިއީ އަހަރެމެންގެ ގުޅުންތައް އިތުރަށް ފުރިހަމަކުރަން ލިބޭ ފުރުސަތަކަށް ވެގެންދާނެކަމަށްވެސް ހީ ވެއި ވިދާޅުވިއެވެ. ސުވިޒަރލޭންޑުގައި ވަގުތީ ގޮތުން ހަނގުރާމަހުއްޓާލަން އެއްބަސްވުމުގެ މަޝްވަރާތައް އެމެރިކާއާއި އީރާނުން ކުރަމުންގެންދިޔައިރު އިސްރާއީލުން އީރާނުގެ ވަފުދުގެ އިސްބޭފުޅުން ޝަހީދުކޮށްލަން ރާވަމުންގެންދިޔަކަން ރައީސް ޓްރަމްޕްގެ ސަރުކާރުންވަނީ އެބޭފުޅުންނަށް އިންޒާރުގެ މައުލޫމާތު ދީފައެވެ. އީރާނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ގަލްފުގެ ބައެއް ގައުމުތަކުންވެސް އެމެރިކާއިން ވަނީ އެދިފައިކަމަށް ނިއު ޔޯރކް ޓައިމްސްއިން ބުނެފައިވެއެވެ. އެމެރިކާއާއި އީރާނުންކުރަމުންގެންދާ މަޝްވަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އީރާނުގެ މަޖިލީހުގެ ރައީސް މުހަންމެދު ބާޣިރު ގަލިބާފް އާއި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަށް އަމާޒުކޮށް އިސްރާއީލުން ހަމަލާއެއް ދިނުމަކީ އެމެރިކާއިން ގަބޫލުކުރާނެކަމެއް ނޫންކަމަށް ނިއު ޔޯރކް ޓައިމްސް އިން ބުނެފައިވެއެވެ. އިސްރާއީލުގެ ރޭވުން އެމެރިކާގެ އިންޓެލިޖެންސަށް އެނގުނުގޮތެއް ހުކުރު ދުވަހާ ހަމަޔަށްވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެމެރިކާއިން ގެންދަނީ އިސްރާއީލުގެ ޖާސޫސް ކުރުންތަކަށް ފާރަލަމުންނެވެ. އިތުރު މައުލޫމާތު ސާފުކުރަން ސީ އެން އެން އިން އެމެރިކާގައި ހުންނަ އިސްރާއީލުގެ އެމްބަސީއަށް ގުޅުމުން ވާހަކަދައްކަން ބޭނުމެއް ނުވިއެވެ. އަދި ވައިޓްހައުސް އިންވެސް ޖަވާބެއް ނުލިބުނެވެ. މިދިޔަ މާރޗްމަހުގައި އެމެރިކާއިން އީރާނާއެކު މަޝްވަރާކުރަމުން ގެންދިޔައީ ކޮންބޭފުޅަކާއެކުގައި ކަންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރައީސް ޓްރަމްޕް ހާމަކުރައްވަން ބޭނުންފުޅެއް ނުވެއެވެ. މި ފަހަކަށް އައިސް ރައީސް ޓްރަމްޕް އާއި އިސްރާއީޅުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ދޭތެރޭ ގިނަ ފުށޫއެރުންތަކެއް ހުރިކަން ދަނީ ހަމަވަމުންނެވެ. ރައީސް ޓްރަމްޕް ދެކިވަޑައިގަންނަވާގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރަކީ ހަނގުރާތައް ހުއްޓާލައި ސުލަހައިގެ މަގު އިޚްތިޔާރު ކުރަން ބޭނުންވާ މީހެއް ނޫނެވެ. އީރާނުން އެމެރިކާއާއެކު މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އިސްބޭފުޅުން އަވަހާރަކޮށްލަން ބޭނުންކަން އިސްރާއީލުގެ ދިފާއީ ބާރުތަކުން ގެންދަނީ ފާޅުގައި ބުނަމުންނެވެ. ސައޫދީ އެރޭބިއާގެ ވައިގެ ސަރަހައްދު އެއްކޮށް ޔުނައިޓެޑް ސްޓޭޓްސްގެ މިލިޓްރީ ހަރަކާތްތަކަށް ބަންދުކޮށްފިކަން ޕެންޓަގަން އިން ކަށަވަރުކޮށްދިން ޚަބަރުވެސް އެންމެފަހުގެ ފަލަ ސުރުޚީތަކުން ފެންނަމުން އެބަ ދެއެވެ. ސައޫދީ އެރޭބިއާގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން ރައީސް ޓްރަމްޕް އަށް ލިބިވަޑައިގެންނެވި ކުއްލި ސިހުމާއެކު ދެން އިވިވަޑައިގަތީ ސައޫދީ އެރޭބިއާއިން ހުޅަނގާއެކު އޮތް ޕެޓްރޯޑޮލަރގެ ގުޅުން އެއްފަރާތްކުރުމަށްފަހު ޗައިނާއާއި އީރާނާއެކު ސިޔާސީގޮތުން ސިއްރުން ޔޫ-ޓަރނެއް ނަންގަވަން ވަލީއަހްދު މުޙަންމަދު ބިން ސަލްމާން ނިންމެވި ޚަބަރެވެ. އެމެރިކާއިން ދެކޭގޮތުގައި ސައޫދީ އެރޭބިއާއިން ނެންގެވި މި ޔޫ-ޓާރންއަކީ ސައޫދީ އެރޭބިއާއިން އެމެރިކާއާއެކު އޮންނަގުޅުމަށް ޚިޔާނާތްތެރި ވުމެކެވެ. އަދި އޭގެ ސަބަބުން ކުރިއަށް އޮތް މުސްތަގްބަލްގައި ދުނިޔޭގެ ގްލޯބަލް ޕަވަރގެ ނިޒާމް ބަދަލުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ. އޮންލައިން މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި މީގެފަހުން ސައޫދީ އެރޭބިއާގެ އެއްވެސް ސަރަހައްދެއްގައި އެމެރިކާގެ މިލިޓްރީއަށް ޖާގަ ނުލިބޭނެކަމާއި އަދި އެމެރިކާއާއި އިސްރާއީލުން ސައޫދީ އެރޭބިއާ ކަންތައް ކުރަންވީގޮތް ވެސް ބުނަން ފުރުސަތު ނުދެވޭނެކަމަށް ބުނަމުން ގެންދެއެވެ.
![]()
