ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން: މާލެ ސިޓީކައުންސިލް

Loading

Facebook
Twitter
WhatsApp

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިދުގެ ތެރެއިން ކަމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން މި ގޮތަށް ނިންމީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ޢާންމު ޖަލްސާގައެވެ.
ވެޓް މާރުކެޓް ހުރި ބިން، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް އެދި އެ މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވުމާ ގުޅިގެން މި ކަމަށް ގޮތެއް ނިންމުމަށް ކުރެވުނު މަޝްވަރާގައި، ކައުންސިލުން ބުނެފައި ވަނީ، މި މައްސަލައިގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ހައުސިންގ މިނިސްޓްރީން ވެސް އެ ބިން ހަވާލުކުރުމަށް އެދި ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ ތަނަކީ، ނިމިދިޔަ ދައުރުގައި އެ ތަން ތަރައްޤީ ކުރުމަށް ދެ ކުންފުންޏަކަށް އެގްރީމެންޓް ކޮށްފައިވާ ތަނެއް ކަމުން، އެ ކޮންޓްރެކްޓް ބާޠިލް ކުރުމަށް ފަހު މެނުވީ އެހެން ފަރާތަކަށް ބިން ނުދެވޭނެ ކަމަށް މޭޔަރ ޢާދަމް ޢާޒިމް ވިދާޅުވިއެވެ.
އެގޮތުނަ މިކަމާ ގުޅޭ ހުރިހައި މަޢުލޫމާތެއް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ޙިއްސާ ކޮށްފައިވާނެ ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

”އެހެން ފަރާތަކާ ހަވާލުކޮށްފައި އޮންނަ ބިމެއް، އެ ކޮންޓްރެކްޓް ބާޠިލް ނުކޮށް ދެވަނަ ފަރާތަކަށް ނުދެވޭނެ. އެހެން އޮތް ކަމެއް، އެ ބޭފުޅުންނަށް އެނގިތިއްބަވައިގެން، ސިޓީ ކައުންސިލާ މަޝްވަރާ ވެސް ނުކޮށް އެ ބޭފުޅުން އަތުގައި ނެތް ބިމެއް އިތުރު އެހެން ބަޔަކަށް އެގްރީމެންޓްކޮށް، ސަރުކާރު ފަރާތުން ހައުސިންގ މިނިސްޓަރ ސޮއި ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑަށް ޤާނޫނާ ޚިލާފު ޢަމަލެއް. މި ކަމުން ސަރުކާރު އިތުރަށް ބަދުނާމުވަމުން އެ ދަނީ. މީގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިގެން ދަނީ“ ޢާޒިމް ވިދާޅުވިއެވެ.

މި ޖަލްސާގައި، މި މައްސަލައާއި ގުޅިގެން ސިޓީ ކައުންސިލުން ހައުސިންގް މިނިސްޓްރީއަށް ފޮނުއްވި ސިޓީ ވަނީ ހަ
ހާމަކޮށްފައެވެ. އެ ސިޓީގައި، ކައުންސިލުން ދެ ފަހަރެއްގެ މަތިން އެގްރީމެންޓް ކުރެވުނު ގޮތުގެ ތަފްސީލު ބަޔާންކޮށްފައިވެއެވެ. އަދި މި ރޮޖެކްޓް އޭރުގެ ހައުސިންގ މިނިސްޓްރީން ކުރިޔަށް ގެންދިއުމަށް ނިންމުމުން، އެ ޕްރޮޖެކްޓާ ގުޅޭ ލިޔެކިއުންތައް ހައުސިންގ މިނިސްޓްރީއަށް ގެންގޮސްފައިވާކަން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެ ލިޔެ ކިއުންތައް ގެންގޮސްފައިވަނީ، އުސޫލްތަކާ ޚިލާފަށް ކަން ވެސް މި ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. އަދި މި ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުންތައް ބާޠިލް ކުރުމަށް ފަހުގައި ކަމަށާއި، ޤާނުނީ ގޮތުން މި މައްސަލައާއި ގުޅުން ހުރި އެތައް ކަމެއް އެ ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

މި ކަމާ ގުޅިގެން ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ހައުސިންގ މިނިސްޓްރީއާ ބައްދަލުކޮށް، މި މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ހައުސިންގ މިނިސްޓްރީން މި ކަމަށް އެއްބާރުލުން ލިބެންދެން މަސައްކަތް ހުއްޓައިނުލައި ކުރިޔަށް ގެންދިއުމަށް ވެސް، ކައުންސިލަރުން ވަނީ ނިންމާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް