ގދ. ތިނަދޫގައި، 22 އަހަރުގެ އަންހެނަކާއި، ދެ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރި މި މައްސަލައާ ގުޅިގެން ނުވަ މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ބައެެއް މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އަހުމަދު ނޫޙު ނިޔާޒު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި މުހައްމަދު މިޝަލް އަހުމަދު ޒުހައިރު އިތުރު 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރިއިރު ނަޖުމުﷲ 45 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއެވެ. އެމައްސަލައިގައި ހިމެނޭ ސޯލިހުއާއި ސާނިޖު ފުރަތަމަ ފަހަރެކޭ އެއްގޮތަށް މި ފަހަރުވެސް ބަންދުކުރީ އެންމެ ފަސް ދުވަހަށެވެ.
ގްރޫޕަކުން 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހުށަހެޅި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
ފުލުހުން ބުނީ މި މައްސަލައަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.
![]()
