ތިން އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށްލުމަަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ޖަލަށްލާން ހުކުމްކުރީ، ހއ. ހޯރަފުށި ހުދުހުދާގެ މުހައްމަދު ނާއިޝް އާދަމްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާގައި ބަޔާންކޮށްފައިވަނީ ޖޫން 2025 އިން ފެށިގެން އެކި ދުވަސްމަތިން 3 އަހަރުގެ ކުޑަކުއްޖަކަށް ނާއިޝް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. މިގޮތުން މި މައްސަލަ ޝަރީޢަތަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު 14 ގައެވެ.
މި މައްސަލަ ބެލުމަށްފަހު، ހޯމަ ދުވަހު ކޯޓުން ކުރި ޙުކުމުގައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 20 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ.
ައެހެން ނަމަވެސް، ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު، އޭނާ ތަންފީޒުކުރަން ޖެހޭނީ 18 އަހަރާއި، ހަތް މަހާއި 28 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.
![]()
