އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގަމުންގެންދާ ހަނގުރާމައަށް ސުލްހަވެރި ސިޔާސީ ހައްލެއް ހޯދުމަށްޓަކައި ތުރުކީއާއި ސައޫދީ އެރޭބިއާގެ ވަރަށް އިސް ވަފުދެއް ތެހެރާނަށް ވަޑައިގެންފިކަމަށް އިއްޔެ ޑީ ޕީ އޭ ގެ ޚަބަރުގައި ބުނެފިއެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޕާކިސްތާނުގެ މިލިޓްރީ ޗީފް ފީލްޑް މާރޝަލް އާސިމް މުނީރު އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ތެހެރާނަށް ވަޑައިގެންފިކަމަށް އީރާނުގެ ރަސްމީ ރޭޑިއޯ އިންވަނީ ކަށަވަރު ކޮށްދީފައެވެ.
މި ބޭފުޅުންގެ މަޝްވަރާތައް ބިނާވެފައިއޮންނާނީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވިގޮތެއްގައި ހިއްސާ ކުރެވިދާނެ ގޮތެއް ހޯދުމުގެ މައްޗަށް ކަމުގައި އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވެފައި ވެއެވެ.
ތެހެރާނުގައިއޮންނަ ބައްދަލު ކުރެއްވުމުގައި ސައޫދީ އެރޭބިއާގެ ފަރާތުން އެ ގައުމުގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ސައޫދީ އެރޭބިއާހެ ޚާރިޖީ ވުޒާރާގެ ޑިޕްލޯމެޓިކް ބޭފުޅަކު މައުލޫމާތު ދީފައިވާގޮތުގައި ތުރުކީގެ ވަފުދުގައި އެ ގައުމުގެ އިންޓެލިޖެންސްގެ ވެރިޔާ އިބްރާހިމް ކަލިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އީރާނުން ބައިވެރިވެ ވަޑައިގަންނަވާނީ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރަޒާއީ އެވެ. އެމެރިކާގެ ބައިވެރިން ކަމުގައި ބެލެވޭ ގަލްފުގެ ގައުމުތަކަށް އީރާނުން ހަމަލާ ނުދީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްގައި ދުވަސްކޮޅެއް ހޭދަކުރުމަށްފަހު އަނެއްކާވެސް ހަމަލާތައް ފަށައިގަތުމަކީ ގަލްފުގެ ގައުމުތަކުން ނިހާޔަތަށް ކަންބޮޑުވާކަމެކެވެ. އީރާނުން ބޭނުން ވެގެންއުޅެނީ ގަލްފުގެ ގައުމުގައި ބަޑަހަ ޖަހައިގެންތިބި އެމެރިކާގެ މިލިޓްރީ ފައުޖުތައް އީރާނުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެގައުމުތަކުން ބޭރުކުރުމެވެ. އީރާނުގެ އެދުމަށް ޖަވާބު ދިނުމުގެ މަގްސަދުގައި ނޫނަސް އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ގެންގުޅޭ ހަނގުރާމަ ވެރި ސިޔާސަތުގެ ސަބަބުން ހުރިހާ ގެއްލުމެއް އުފުލަން ޖެހެނީ ގަލްފުގެ އަރަބި ގައުމުތަކުން ކަން ގަބޫލުކުރެވޭތީ މިހާރަކަށް އައިސް އެ ގައުމުތަކުގެ ސިޔާސަތު ކޮންމެވެސް ވަރަކަށް އެމެރިކާއާއި ދުރަން ޖެހެމުންދާކަން ވަނީފާހަގަ ކުރެވިފައެވެ.
މިދިޔަ ހުކުރުދުވަހު މައްކާ ޕެކްޓްގެ މެމްބަރު 3 ގައުމުކަމަށްވާ ސައޫދީ އެރޭބިއާއި ތުރުކީ އަދި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުން އިސްތަންބޫލްގައި ބޭއްވި ބައްދަލު ކުރެއްވުމުގައި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި ޖަރުމަނާއި އިޓަލީގެ ޚާރިޖީ ވަޒީރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ބާރުގަދަ ހަމަލާތަކެއް ރާވަމުންދާ މި ދަނޑިވަޅުގައި އީރާނާއެކު މަޝްވަރާ ކުރެއްވުމަށް މިދިޔަ ހަފުތާގައިވެސް އާސިމް މުނީރު ވަނީ ތެހެރާނަށް ވަޑާއިގެންފައެވެ. ހަނގުރާމަ ހުއްޓުމާއި ބެހޭ ގޮތުން އީރާނުގެ ބަސް އޮންނާނީ އެމެރިކާއަށް އިއްވާފައި ކަމަށާއި އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް އީރާނުން އާސިމް މުނީރަށް ދަންނަވާފައިވާކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.
އީރާނުގެ ނިއުކްލިއަރ މަޝްރޫއުތައް ޔުނައިޓެޑް ނޭޝަންސްގެ ހަކަތައިގެ ފާރަވެރިންނަށް ސިއްރިޔާތުގައި ދައްކަންއެއްބަސް ވެއްޖެނަމަ އެމެރިކާގެ ބާރުގައި މިހާރު ގަތަރުގައި ހިފާއްޓާފައިހުރި އީރާނުގެ ފައިސާގެތެރެއިން 6 ބިލިއަން އެމެރިކާ ޑޮލަރ ދޫކޮށްދޭން އެމެރިކާ އެއްބަސްވާކަމަށް ގަތަރާއި ޕާކިސްތާނުން އެންމެ ފަހުން ހުށައެޅި ޕްރޮޕޯޒަލްގައި ހިމަނާފައިވާކަން އަލް އަރަބިއްޔާ އަލް ޖަދީދުގެ ޚާއްސަ ރިޕޯރޓެއްގައި ބުނެފައިވެއެވެ. ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް މައުލޫމާތު ހާމަކުރި ފަރާތުން ބުނެފައިވާގޮތުގައި ވޯޝިންގޓަނާއި އަދި ތެހެރާނުންވެސް އެ ހުށައެޅުން ވަނީ ގަބޫލު ކޮށްފައެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެންވެސް މަޝްވަރާގެ އުސޫލުން ދެކޮޅުވެރިކަން ހައްލުކުރުވުމަށްޓަކައި ޕާކިސްތާނުން ކުރަމުންގެންދާ މަސައްކަތް މީޑިއާތަކުން ރަތްއަކުރުން ފާހަގަކުރެއެވެ.
ތެހެރާނުގައި ބޭއްވެމުންދާ ބައްދަލު ކުރެއްވުމުގައި ބައިވެރިންގެ މެދުގައި އުފެދިފައިވާ ނުތަނަވަސް ކަމާއި ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށްވެސް މަޝްވަރާކުރައްވާނެކަން އެނގިފައިވެއެވެ. ސަރަހައްދުގެ ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ގައުމުތަކުން އިތުބާރު ކުރުން އުފައްދަންޖެހޭކަމަށް އިސްމާއީލް ބަޣާއީ ވިދާޅުވެފައި ވެއެވެ.
އީރާނުން ބުނެފައިވަނީ ހަނގުރާމައި ހާލަތު ކިތަންމެ ގޯސްވެގެންދިޔަސް ސައޫދީ އެރޭބިއާއާއި ތުރުކީ އަދި ޕާކިސްތާނާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އީރާނުގެ މި ނިންމުން ހާމަކޮށްފައިވަނީ އެ ގައުމުތަކުގެ ވަފުދުގެ އިސް ބޭފުޅުންނާއެކު މިދިޔަ ހޯމަ ދުވަހު އީރާނުގެ މިލިޓްރީ އިސްބޭފުޅުން ބޭއްވި ފުރަތަމަ ބައްދަލު ކުރެއްވުމަށްފަހުގައެވެ. އީރާނުގެ ހާމަކުރުމާބެހޭގޮތުން މައްކާ ޕެކްޓްގެ ބޭފުޅުން ވާހަކަ ދައްކަވާފައެއް ނުވެއެވެ.
މައްކާ ޕެކްޓްގެ ބޭނުމަކީ ސަރަހއްދުގެ ސަލާމަތާ ރައްކާތެރިކަށްޓަކައި ހުރިހާ ގައުމަކުން ބައިވެރިވެ އެ މަގްސަދު ހާސިލުކުރުމަށް މަސައްކަތްކުރަމުން ގެންދިއުން ކަމުގައި ސައޫދީ އެރޭބިއާގެ ޑެޕިއުޓީ މިނިސްޓަރ ފޯރ ޕަބްލިކް ޑިޕްލޯމެސީ ރާއިދު ކްރިމްލީ ވިދާޅުވެފައިވެއެވެ. އަދި މިހާރު އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުން ގެންދާ ހަނގުރާމަ ނިމުމަކަށް ގެންއުމަށްޓަކައި ޕާކިސްތާނާއި ގަތަރުން ކުރަމުން ގެންދާ މަސައްކަތަށް އެއްބާރުލުން ދިނުން ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
މައްކާ ޕެކްޓްގެ މަގްސަދަކީ ފުޅާދާއިރާއެއްގައި ސަރަހައްދުގެ ސެކިއުރިޓީ ނިޒާމެއް އަލުންގާއިމް ކުރުން ކަމަށާއި އެ ޖައަތުގެ ތެރެއަށް އީރާން ގެނައުންކަމަށް އިސްރާއީލު މިލިޓްރީގެ ކުރީގެ އިންޓެލިޖެންސް ވެރިޔާ ޑެނީ ސިޓްރިނޯވިޒް އެކްސް ގައި ލިޔެފައިވެއެވެ. މައްކާ ޕެކްޓް ގައި އީރާން ހިމެނުމަކީ އެގައުމުގެ ސަރުކާރު ބަލާގަތުން ކަމަށާއި އަދިގަލްފު ސަރަހައްދުގައި އީރާން އެކަހެރި ނުކުރެވޭނެވެސް ކަމަށް އެއްބަސްވުމެވެ. އަދި އީރާން އެކަހެރި ކުރުމަކީ ކުރެވިދާނެ ކަމެއްވެސް ނުމެ ނޫނެވެ.
މިހާރު ހިނގަމުންދާ ބައްދަލުކުރެއްވުމުގައި އީރާނުގެ ހަމައެކަނި ބޭނުން ވަނީ ތަކުރާރުކޮށް ފައެވެ. އީރާނުން ބޭނުންވަނީ ކުރިއަށް އޮތްތަނުގައި ދުވަހަކުވެސް އެގައުމާދެކޮޅަށް އެމެރިކާގެ ބައިވެރި ވުމާއެކު ދެކޮޅުވެރި ހަމަލާއެއް ނުދޭކަން ކަށަވަރު ކުރުމެވެ. ސައޫދީ އެރޭބިއާއާއި ތުރުކީ އަދި ޕާކިސްތާނުން އެފަދަ ގަރަންޓިއެއް ހޯދާ ދެވިދާނެހެއްޔެވެ ؟ މި ސުވާލަށް މިހާތަނަށް ލިބެމުންދަނީ އެކަށިގެން ނުވާ ކަމުގެ ޖަވާބެކެވެ. ސައޫދީ އެރޭބިއާއާއި ތުރުކީ އަދި ޕާކިސްތާނުން އެފަދަ އެއްބަސްވުމަކަށް އެމެރިކާ ނުގެނެވިއްޖެނަމަ މިހާރު ބޭއްވެމުންދާ ބައްދަލު ކުރެއްވުންވެސް ވެގެންދާނީ ތޮޅިއަށް ކަމުގައި ކްރައިސިސް ގުރޫޕްގެ އަޒީޒީ ބުނެފައިވެއެވެ. އަދި މި ބައްދަލު ކުރެއްވުން ވެގެންދާނީ އެމެރިކާގެ ރައީސް ގަސްދުކުރައްވާފައި ބިޔަ ހަމަލާތައް ހުއްޓުވިދާނެ މަގެއް ފެނޭތޯ ބެލުމަށް ކުރެވޭ މަޝްވަރާއެއް ކަމަށެވެ.
އީރާނުގެ ބައެއް ސިޔާސީ ބޭފުޅުމް މިހާރުވެސް ގެންދަނީ ސަރަހައްދުގެ ސަލާމަތަށްޓަކައި މައްކާ ޕެކްޓްގައި ބައިވެރި ވުމަށް ވަކާލާތު ކުރައްވަމުންނެވެ. އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒަރީފް ދެކެވަޑައިގަންނަވާގޮތުގައި މި ހުޅުވިގެންދިޔައީ އެމެރިކާގެ މައަޗަށް ލެބިގެންތިބން ދޫކޮށްލައި ސަރަހައްދުގެ ސެކިއުރިޓީއާއިގެން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށް ފުރަސަތެކެވެ.
މައްކާ ޕެކްޓްގެ ފުރަތަމަ އާރޓިކްލްގައިބުނެފައިވަނީ މެމްބަރު ގައުމުތަކުގެ ސަރަހައްދީ އިސްތިގާމާ އާއި އިސްތިގްލާލް އަދި ބައިނަލް އަގްވާމީ ގޮތުން ކަނޑައަޅާފައިވާ ސަރަހައްދު ރައްކާތެރި ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ޕާކިސްތާނުގެ ޕާރލަމެންޓުން މިދިޔަ ހަފުތާގައި މައްކާ ޕެކްޓް ރެޓިފައި ކޮށްފައިވާއިރު ތުރުކީގެ ޕާރލަމެންޓްގައި އެ ބަހުސް މިހާރު ކުރިއަށް ގެންދެވޭކަން ވަނީ އެނގިފައެވެ.
![]()
