ކެންސަރު ބަލި ދެނެގަތުމާއި، ފަރުވާ ދިނުމާއި، އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ މަރުކަޒެއް ކަމަށްވާ، އޮންކޮލޮޖީ ޚިދުމަތްތައް ދިނުމަށް ޚާއްސަ ޑައިގްނޯސްޓިކް މަރުކަޒު (ޑީ.ސީ.އޯ.އެސް – DCOS) ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެދަށުން، ސޮއިކޮށްފައި ވަނީ ދިވެހިރާއްޖޭގެ އޮންކޮލޮޖީ ކެއަރގެ އޮނިގަނޑު ހަރުދަނާކޮށް، ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ޚިދުމަތްތައް އިތުރުކުރުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލާއި، ޔުނައިޓެޑް ކިންގްޑަމްގެ ކުއާންޓަމް ހައިޓްސް ލިމިޓެޑާއި، އިންޑިއާގެ އެން ވެސްކިއުލާ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑް އާ ދެމެދުގައެވެ.
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28ވީ ބުދަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލުގައި އެކަމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސް, މުޙައްމަދު ތަލާލް، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ އަޙްމަދު ޙަބީބް، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓީވް އޮފިސަރް އިބްރާޙީމް އަބްދުއްރައްޒާގް ޙަލީމް، މިނިސްޓްރީ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރގެ؛ މިނިސްޓްރީ އޮފް ފޮރިން އެފޭއާސްގެ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ އިސް މަންދޫބުން؛ މޯލްޑިވެސް އިސްލާމިކް ބޭންކްގެ އިސްވެރިން، ޔުނައިޓެޑް ކިންގްޑަމްގެ ކުއަންޓަމް ހައިޓްސް ލިމިޓެޑް އަދި އިންޑިއާގެ އެންވަސްކިއުލާ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑުން ވަޑައިގެން ތިއްބެވި ބައިނަލްއަގުވާމީ ބައިވެރިން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން، ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންނާއި، އެހެނިހެން މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ހިމެނޭ، ޞިއްޙީ ޚިދުމަތްތަކުގެ ޤާބިލިއްޔަތު އިތުރުކޮށް، ބޭރު ޤައުމުތަކަށް ދާންޖެހޭ ފަރުވާގެ ޢަދަދު މަދުކުރުމަށްޓަކައި، ގައުމީ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
އޮންކޮލޮޖީ ޚިދުމަތްތައް ދިނުމަށް ޚާއްސަ މަރުކަޒު ޤާއިމުކުރުމަށް ހުށަހަޅާފައިވަނީ،ކެންސަރުބަލީގެ ޚާއްސަ ޚިދުމަތްތަކާއި، އަސާސީ ކްލިނިކަލް އަދި އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ގުޅުވައިގެން، ޒަމާނީ ޚާއްސަ ސެންޓަރުގައި ގޮތުގައެވެ. މި މަރުކަޒުގައި އެމަޖެންސީ ރޫމްގެ ޚިދުމަތްތަކާއި، އައި.ސީ.ޔޫ، އެނދުމަތިކުރެވިގެން ފަރުވާދޭ ވޯޑުތައް، އޮޕަރޭޝަން ތިއޭޓަރުތައް، ޚާއްސަ ޕްރޮސީޖަރ ރޫމްތަކާއި، ކީމޯތެރަޕީ ދޭ ނިޒާމުތައް ހިމެނުމަށް ރޭވިފައިވެއެވެ.
މި ސެންޓަރުން ދޭނެ ކްލިނިކަލް ޚިދުމަތްތަކުގެ ތެރޭގައި، ތްރީ-ޑައިމެންޝަނަލް ކޮންފޯމަލް ރޭޑިއޯތެރަޕީ (3D CRT)، އިންޓެންސިޓީ-މޮޑިއުލޭޓެޑް ރޭޑިއޯތެރަޕީ (IMRT) އަދި އިމޭޖް-ގައިޑެޑް ރޭޑިއޯތެރަޕީ (IGRT) ފަދަ ޒަމާނީ އެކްސްޓަރނަލް ބީމް ރޭޑިއޯތެރަޕީއާއި، ބްރެކީތެރަޕީއާއި، ކީމޯތެރަޕީއާއި، ސީޓީ ސިމިއުލޭޝަނާއި، ކެންސަރުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެހީތެރިކަމާއި، އެހެނިހެން ޚާއްސަ ޑައިގްނޯސްޓިކް އަދި ތެރަޕިއުޓިކް ފަރުވާތައް ހިމެނިގެންދާނެއެވެ.
މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްދާ މި ތަރައްޤީގެ މަސައްކަތުގައި، ނިއުކްލިއަރ މެޑިސިން (nuclear medicine) އަދި ޕޮޒިޓްރޯން PET-CT ފަދަ ޒަމާނީ ޑައިގްނޯސްޓިކް ޓެކްނޮލޮޖީތައް ހިމެނޭނެއެވެ. މިއީ ގިނަ ކެންސަރުގެ ބަލިތައް ދެނެގަތުމާއި، މަރުހަލާ ކަނޑައެޅުމާއި، އެ ބަލިތައް މެނޭޖްކުރުމުގެ ޤާބިލިއްޔަތު އިތުރުކޮށްދޭނެ ކަމެކެވެ.
މީގެ އިތުރުން، މި މަރުކަޒުގައި ޕެލިއޭޓިވް ކެއަރ، އަލާމާތްތަކަށް ފަރުވާ ދިނުން އަދި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނިގެންދެއެވެ. މި ޚިދުމަތްތަކަށް މަލްޓިޑިސިޕްލިނަރީ ޓިއުމަރު ބޯޑުތަކާއި، ފަރުވާ ރޭވުމަށް ޚާއްސަ ނިޒާމުތަކާއި، ބަލިމީހުންގެ ފަހުގެ ކަންތައްތައް ހަމަޖެއްސުމަށް ގުޅިގެން މަސައްކަތްކުރާ ނިޒާމުތަކުން އެހީތެރިކަން ލިބިގެންދާނެއެވެ. މި ގުޅިފައިވާ އޮނިގަނޑުގެ ބޭނުމަކީ، ކުރިން ބަލި ދެނެގަތުމާއި ކްލިނިކަލް އިވެލުއޭޝަން އިން ފެށިގެން ޚާއްސަ ފަރުވާއާއި، ރަނގަޅުވުމާއި، ދިގު މުއްދަތުގެ ފޮލޯއަޕް އާ ހަމައަށް، ފަރުވާގެ ކެނޑިނޭޅިކަން ކަށަވަރުކުރުމެވެ.
މި މަޝްރޫޢު ތަންފީޒުކުރުމަށް ތިން އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގައެވެ. އަދި 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފުރިހަމައަށް ނިންމުމަށް ވަނީ އަމާޒުކުރެވިފައެވެ.
އެގޮތުން ޑިޒައިންކުރުމާއި، ފަންނީ އިވެލުއޭޝަންތަކާއި، ޢިމާރާތްކުރުމާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ޚާއްސަ މެޑިކަލް އިކުއިޕްމަންޓް ހަރުކުރުމާއި، ޤާނޫނީ ލިޔެކިޔުންތައް ފުރިހަމަކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި، އޮޕަރޭޝަނަލް ކޮމިޝަންކުރުން ހިމެނެއެވެ.
މި މަރުކަޒު ޢިމާރާތްކުރުމުގައި ކެންސަރުގެ ފަރުވާދިނުމަށް ޚާއްސަ އިންފްރާސްޓްރަކްޗަރ ހިމެނޭނެއެވެ. މީގެ ތެރޭގައި ރޭޑިއޭޝަން ފަރުވާދޭ ތަންތަނާއި، ޒަމާނީ މެކޭނިކަލް އަދި އިލެކްޓްރިކަލް ނިޒާމުތަކާއި، މެޑިކަލް ގޭސް ހަރުކުރުމާއި، ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކާއި، އަސާސީ ކްލިނިކަލް އެހީތެރިކަން ދޭ ޚިދުމަތްތައް ހިމެނެއެވެ. މި މަޝްރޫޢުގައި ޒަމާނީ ފަރުވާ ދިނުމާއި، ބަލި ދެނެގަތުމުގެ ޚިދުމަތްތައް ތަރައްޤީކޮށް، މަސައްކަތްތައް ފަށާނީ ތަންފީޒުކުރުމުގެ ޕްރޮގްރާމާއި ޤާނޫނީ ލިޔެކިޔުންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި ތަރައްޤީގެ މަސައްކަތުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކެންސަރުގެ ބަލީގެ ފަރުވާ ދިނުމުގައި ދިމާވާ ބަދަލުވަމުންދާ އެދުންތަކަށް ހައްލު ހޯދައިދިނުމަށް ޤާބިލު، ދެމެހެއްޓެނިވި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އަދި ކްލިނިކަލް ގޮތުން ގުޅިފައިވާ ޞިއްޙީ މަރުކަޒެއް ޤާއިމުކުރުމެވެ.
މި މަސައްކަތް ކުރިއަށްގެންދެވިފައި ވަނީ ސަރުކާރުގެ މުއައްސަސާތަކާއި މަސައްކަތްކުރާ ފަރާތްތަކުގެ ބައިވެރިވުމާއި ގުޅިގެންނެވެ. ޔުނައިޓެޑް ކިންގްޑަމްގެ ކުއާންޓަމް ހައިޓްސް ލިމިޓެޑާއި، އިންޑިއާގެ އެން ވެސްކިއުލާ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ކުރާ މި މަސައްކަތުން، ބައިނަލްއަޤްވާމީ ފަންނީ އެއްބާރުލުމާއި، ޚާއްސަ ޞިއްޙީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ޒަމާނީ އޮންކޮލޮޖީ ޚިދުމަތްތަކާ ބެހޭ ތަޖުރިބާ ބަދަލުކުރުމަށް މަގުފަހިވާނެއެވެ. މި އެއްބަސްވުމުގެ ބަޔާނުގައި ސޮއިކުރެވުމަކީ، ދިވެހިރާއްޖޭގެ ކެންސަރުގެ ބައްޔަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަ، ލިބޭނެ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ފިޒިކަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ އިތުރުން، މި މަޝްރޫޢަކީ ޚާއްސަ މެޑިކަލް ޚިދުމަތްތަކާއި، ޞިއްޙީ ދާއިރާގެ މުވައްޒަފުން ތަރައްޤީކުރުމާއި، މުއައްސަސާގެ ޤާބިލިއްޔަތު އިތުރުކުރުމާއި، ބަލިމީހުންނަށް އިސްކަންދޭ ފަރުވާއަށް ކުރި ދިގު މުއްދަތުގެ އިންވެސްޓްމަންޓެކެވެ. މި މަސައްކަތް ކާމިޔާބީއާއެކު ތަންފީޒުކުރެވިއްޖެނަމަ، އޮންކޮލޮޖީ ޚިދުމަތްތައް ދިނުމަށް ޚާއްސަ ޑައިގްނޯސްޓިކް މަރުކަޒުގެ ސަބަބުން ރާއްޖޭގެ ކެންސަރު ދެނެގަތުމާއި ފަރުވާ ދިނުމުގެ ޤާބިލިއްޔަތު އިތުރުވެ، ފަރުވާގެ ކެނޑިނޭޅިކަން ރަނގަޅުވެ، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ. މި މަސައްކަތަކީ، ގިނަ ދިވެހިންނަށް އެކަށީގެންވާ، ފެންވަރު ރަނގަޅު އަދި ކެންސަރުގެ ފަރުވާ ދިވެހިރާއްޖެއިން ލިބޭނެކަން ކަށަވަރުކުރުމަށް، ބޭރު ޤައުމުތަކުން އަސާސީ ފަރުވާ ހޯދަންޖެހުން ކުޑަކުރުމަށްޓަކައިކުރެވިގެންދާ މަސައްކަތެކެވެ.
![]()
