ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ، އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ބިލެކެވެ. އަދި ރައީސް މުޢިއްޒު ވަނީ މޭ 31 ވަނަ ދުވަހު އެ ބިލާ މެދު އަލުން ވިސްނުމަށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، އެ ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވާ ކަމަށާއި އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސް ވަނީ ނިންމަވާފައެވެ.
މަޖިލީހަށް ފޮނުއްވި ސިޓީގައި މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަކުރައްވާފައިވާ ގޮތުގައި ސަރުކާރުން ބިލު ފޮނުވިއިރު ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުގެ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، އަދި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުޢީ ހުކުމެއް ތަންފީޒުކުރާމީހެއްކަމުގައި ނުވުން ކަނޑައަޅާފައި އޮތް ނަމަވެސް ބިލު ފާސްކުރިއިރު އެ ބައިތައް މަޖިލީހުން އުނިކުރައްވާފައިވާތީއެވެ.
މިގޮތުން ސަރުކާރުން އެ 2 ޝަރުތާއެކު ބިލު ހުށަހެޅުއްވީ މަޖުބޫރުކަމެއް ނެތި ރުހުމާއެކު ގުނަވަން ހަދިޔާކުރުމުގެ ޝަރުތަކީ އެހެނިހެނަ މުޖުތަމަޢުތަކުގައިވެސް ބަލައިގެންފައިވާ ގުނަވަން ހަދިޔާކުރުމުގެ މައިގަނޑު ޝަރުތެއް ކަމަށްވެފައި އެ ޝަރުތު އެންމެ ފުޅާ މިނެއްގައި ތަންފީޒުކުރުމުގެ މަޤުޞަދުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސަ ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހްތިޔާރާއި މިނިވަންކަން ގައިދުވެ، ޚާއްސަ ހާލަތެއްގައި ތިބޭ މީހުން ކަމުގައިވާއިރު އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއްނެތި ގުނަވަނެއް ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމުގައި ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބަންދުގައި ތިބޭ މީހުންނާއި ގައިދީންނަށް ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ މަދު ޤައުމުތަކުގައިވެސް އެކަން ކުރަމުންދަނީ އާންމު ހާލަތުގައި ބަލާ ކަށަވަރުކުރަން ޖެހޭ ކަންކަމުގެ އިތުރަށްވެސް އިތުރު ކަންތައްތަކެއް ބަލައި ކަށަވަރުކުރުމަށްފަހުގައިކަމަށާއި އެފަދަ މީހުންނަށް ގުނަވަން ހަދިޔާކުރުމުގެ އިތުރު އުސޫލުތަކެއް އަދި އިޖުރާއަތަތްތަކެއް ނެތި އެ ފުރުސަތު ދިނުމަކީ ޤާނޫނު ތަންފީޒުކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަދާނެ ކަމެއް ކަމަށް ފާހަގަކުރޭ ކަމަށް ރައީސް ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މި މާއްދާގެ އިތުރުންވެސް އިތުރު ދެ މާއްދާއަކަށް މަޖިލީހުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާނެ ދަތިތައް ފާހަގަކުރައްވައި އެކަންކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލަ ރައީސް މަޖިލީހަށް ފޮނުއްވުމުން އެ ބިލު އަލުން ބަލައިގަނެ، އިތުރު އިސްލާހުތައް ގެނައުމަށް ތާޢީދު ކުރައްވާ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ 62 މެންބަރުންގެ އިއްތިފާގުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް