މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން އެ ޖަލުގައި މެޑިކަލް ކޭމްޕެއް އިއްޔެ ހިންގައިފިއެވެ.
ކަރެކްޝަނުން ބުނީ މި މެޑިކަލް ކޭމްޕްގައި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ސަރޖަންއެއް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން މި ތިން ދާއިރާގެ ޑޮކްޓަރަކަށް ދެއްކުމަށް ރިފަރކޮށްފައިވާ 41 ޤައިދީންނާއި ބަންދުމީހުންނަށް ކޮންސަލްޓޭޝަން ފޯރުކޮށްދީފައިވެއެވެ.
މި މެޑިކަލް ކޭމްޕް ހިންގުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ މީހުން ތިބުމާއިއެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ޖަލުގައި ދެވެންނެތް ފަރުވާ ދިނުމަށް އެހެން ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން އެކަމުގެ މަގު ފަހިކޮށްދިނުމެވެ.
ކަރެކްޝަނުން ބުނީ މުސްތަޤްބަލުގައިވެސް މިފަދަ ކޭމްޕްތައް ޖަލުތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
![]()
