ރަޖިސްޓްރީނުކޮށް ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކަމުންދާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.
އެ އޮތޯރިޓީން ބުނީ ރާއްޖެ އަށް އެތެރެކުރަނީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ ބޭހަކަށް ވާންޖެހޭ ކަމަށާއި ނަމަވެސް، އެ ފަދަ ތަކެތި އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ތަފާތު ވައްތަރުތަކުގެ ބޭސް ރާއްޖެ އަށް އިމްޕޯޓުކޮށް، އޮންލައިން ޕްލެޓްފޯމް އަދި އާދައިގެ ފިހާރަތަކުގައި ވެސް ވިއްކާ ކަމަށް އެމައެފްޑީއޭ އިން ބުނެފައި ވެއެވެ.
އެމްއެފްޑީއޭ އިން ވަނީ ތަދުތަކަށް އުނގުޅާ ބޭހަކާއި ހަމުގެ ބަލިތަކާއި ރޯގާ އަދި ހަކުރު ހުންނަ މީހުން ބޭނުންކުރާ ބޭސްތަކެއްގެ މައުލޫމާތު އާއްމުކޮށްފަ އެވެ.
އެމްއެފްޑީއޭއިން ބުނީ އެއީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވޭ ބާވަތްތަކެއް ނޫން ކަމަށެވެ.
އެގޮތުން ރަޖިސްޓްރީ ނުކުރާ އެފަދަ ބާވަތްތަކަކީ އެއްވެސް ގޮތަކަށް އޭގެ ފެންވަރާއި ރައްކާތެރިކަން ވެސް ކަށަވަރު ކުރެވިފައިވާ ތަކެއްޗެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.
އަދި މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯޓުކޮށް ވިއްކުމުން އެ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާ ފަދަ ބޮޑެތި، ސިއްހީ ނުރައްކަލަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
އެހެންކަމުން އެފަދަ ތަކެތި ރާއްޖެއަށް އިމްޕޯޓުކޮށް، ވިއްކައި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
![]()
