ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން މެޑަމް ސާޖިދާ ދިވެހި ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު ހައިކޮމިޝަންގެ މަސައްކަތްކުރާ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ.
މީގެ އިތުުރުން ރައީސް ވަނީ ސްރީލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށްފަހު ފުރަތަމަ ޕާސްޕޯޓް ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތަކާ ހަވާލުކޮށްދެއްވާފައެވެ.
ލަންކާއަކީ ރާއްޖެއިން ބޭރުން އައިޑީ ކާޑާއި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ޤައުމެވެ.
ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
![]()
