އެމެެރިކާއިން މެކްސިކޯއަށް އަރައިގެންފިނަމަ

Loading

Facebook
Twitter
WhatsApp

އެމެރިކާއިން ވެނެޒޫލާއަށް އަރައިގަނެ އެގައުމުގެ ރައީސް އާއި އަނބިކަބަލުން ވަގަށްނަގައި އަދި އެ ގައުމުގެ އިގްތިސާދު މައްޗަށް ވެރިވެ ގަތުމާއި އަވަށްޓެރި އެހެންގައުމުތަކަކީވެސް އެމެރިކާގެ ބައިތަކެއް ކަމަށާއި އެގައުމުތައްވެސް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެކަމަށް އެމެރިކާގެ ރައީސް އިންޒާރު ދެއްވަމުންގެންދަވާއިރު މުޅިދުނިޔޭގެ ސިޔާސީ މަސްރަހް މިވަނީ ފަހުގެ ތާރީޚުގައި ދުވަހަކުވެސް ނުދެކޭ މިންވަރަށް ހަލަބޮލިވެފައެވެ.

ބާރުގަދަ ގައުމުތަކުން އެމެރިކާގެ ހަރަކާތާއި ބަސްމަގު ކުށްވެރި ކުރަމުންދާއިރު ވަރަށްމަދުންނަމަވެސް އެމެރިކާއަށް ތާއީދުކޮށް ވާހަކަ ދައްކާ ސިޔާސީ ބޭފުޅުންވެސް މީޑިއާތަކުން ޖާގަހޯދަމުން ގެންދާތަން ފެނެއެވެ. އެޓްލާސް ނިއުސް އިން ދެކޭގޮތުގައި އެމެރިކާއިން ވެނެޒޫލާއަށް އަރައިގަތީ އެގައުމުގެ ތެލުގެ ބޭނުމުގައެއް ނޫނެވެ. ރައީސް ޓްރަމްޕްގެ ދުރު ވިސްނޭ ސިޔާސަތުގައި އެމެރިކާއާއި ވާދަވެރި ޗައިނާއަށް ވެސްޓަރން ހެމިސްފެއަރގެ ހަކަތަ ލިބިގެންނުވާނެއެވެ.

ވެނެޒޫލާގެ ތެލުގެ %80 ގަންނަނީ ޗައިނާއިންނެވެ. އަދި އީރާނުގެ ހުރިހާ ތެލެއް ގަންނަނީވެސް ޗައިނާއިންނެވެ. އެހެންވީމާ ޗައިނާގެ ކުރިއެރުން ހުއްޓުވުމަށްޓަކައި ވެނެޒޫލާގެ ތެޔޮ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އީރާނަށް ނޭވާ ނުލެވޭވަރަށް ފިއްތުން ކުރިމަތިކުރަން ޖެހެނީއެވެ. އެމެރިކާގެ މަޝްހޫރު ސިޔާސީ ތަޖްރިބާކާރު ޕްރޮފެސަރ ޖޯން މިއަރޝީމަރގެ ނަޒަރުގައި އެމެރިކާއިން ވެނެޒޫލާއަށް އަރައިގަތުމުން ޗައިނާއަށްއެތައް ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް ޗައިނާއިން އިސްކޮށްފައިވަނީ ޑިޕްލޮމެސީއެވެ. ޗައިނާއިން ބައިނަލް އަގްވާމީ ފޯރަމްތަކުގައި އެމެރިކާއިން ވެނެޒޫލާއަށް އަރައިގަތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރުމާއެކު އެމެރިކާއިން ވެނެޒޫލާއާ ދޭތެރޭ ހިތްހަމަނުޖެހުން އުޅޭ ކަމަށްވާނަމަ މަޝްވަރާގެ މޭޒު އިޚްތިޔާރުކުރަން ގެންދަނީ ބާރު އަޅަމުންނެވެ. ޗައިނާގެ މި ސިޔާސަތުގެ ސަބަބުން ވެސްޓަރން ހެމިސްފެއަރގެ ގައުމުތަކުގެ ކުރިމަތީގައި ޗައިނާގެ ގަދަރުވެސް އުފުލިގެންދިޔައީއެވެ. އެމެރިކާ ސިފައިންނަށް ހަމަލާދިނުމުގެ ބޭނުމުގައިވިޔަސް ވެނެޒޫލާއަށް ގެއްލުންވެދާނެ ހަރަކާތްތަކުން ދުރުހެލި ވުމުގެ ސަބަބުންނެވެ.

ދެވަނަ ދައުރުގެ ރިޔާސަތަށް ހަވާލުވެ ވަޑައިގަތުމާއެކު މެކްސިކޯއަކީވެސް އެމެރިކާގެ ބައެއް ކަމުގައި ހައްދަވާނެކަން ރައީސް ޓްރަމްޕް ވަނީ އިއުލާންކުރައްވާފައެވެ. އެކަމަކު ސިޔާސީ ގިނަ ބޭފުޅުން ދެކޭގޮތުގައި 1845 ވަނައަހަރު އެމެރިކާއިން މެކްސިކޯގެ ބޮޑު ބައެއް އަތުލައިގެންފައި އޮތަސް މިހާރުގެ ހާލަތު އެމަގުން ކަންތައް ކުރަން ފުރުސަތެއް ނުދޭނެއެވެ. މި މައިޟޫއުގައި ބައިނަލް އަގްވާމީ ހަކަތައާބެގޭ އޭޖެންސީ އައި އީ އޭ އީ އަށް ލީކްވެފައިވާ ލިއުންތަކެއް ގައި ހިމެނޭ މައުލޫމާތުތަކަށް ބަލާއިރު އެމެރިކާއިން މެކްސިކޯއަށް އަރައިގަތުން ވެގެންދާނީ ވިއެޓްނާމްގައި އެމެރިކާއިން ހިންގި ހަނގުރާމައިގާ ލިބުނު ނާކާމިޔާބީއަށްވުރެން ބޮޑު ނާކާމިޔާބީއަކާ ކުރިމަތި ލުމެވެ. މެކްސިކޯއަށް އަރައިގަތުމަކީ ސަރުކާރަކާ ދެކޮޅަށް ހިންގާ މިލިޓްރީ ހަރަކާތެއްގެ ގޮތުގައި މެކްސިކޯއިން ނުދެކޭނެއެވެ.

މެކްސިކޯއިން ދެކޭނީ އެއީ އެ ގައުމަށް އަރައިގަތުން ކަމަށެވެ. މެކްސިކޯއަކީ އިރާގުކަމަށްދެކި އެމެރިކާގެ މިލިޓްރީން ބޯޑަރ ހުރަސްކޮށް މެކްސިކޯއަށް އަރައިގަތުމުގައި 21 ދުވަހުން 25 މިލިއަން ރައްޔިތުން ދިރިއުޅެމުންގެންދާ އިރާގުގެ ސިފައިން ބަލިކޮށް އެގައުމު ބިމާހަމަކޮށްލިފަދައިން 130 މިލިއަން ރައްޔިތުންގެ އާބާދީއެއް އޮންނަ މެކްސިކޯވެސް ބަލިކޮށްލެވިދާނެކަމަށް ދުށުމަކީ މޮޔަ ވިސްނުމެކެވެ. އަދި މެކްސިކޯގެ ރައްޔިތުން އެމެރިކާއަށް އަމާންދީފާނެކަމަށްވެސް ބަލައިގެން ނުވާނެއެވެ. އެ ދުވަހަކުން އެންމެ ފުރަތަމަ ފެންނާނީ އެމެރިކާއަށް ތާއީދުކުރާ މެކްސިކޯގެ ކޮރަޕްޓް ސިޔާސީ ބޭފުޅުން ބޮކިދަނޑިތަކުގައި ދަންޖެހިފައި ވަނިކޮށެވެ. 1845 ވަނައަހަރުން 1848 އަށް ހިނގާދިޔަ އެމެރިކާ-މެކްސިކޯ ހަނގުރާމައިގާ އެމެރިކާއިންވަނީ މެކްސިކޯ ގިނަ ސަރަހައްދުތަކެއް އަތުލާފައެވެ.

އޭގެ ތެރޭގައި ނިއު މެކްސިކޯ ޓެކްސަސް އަދި ނެވާޑާ އާއި އަރިޒޯނާއާއި ކެލިފޯނިޔާފަދަ ޝަހަރުތައްވެސް ހިމެނެއެވެ. އެކަމަކު މިހާރުގެ މެކްސިކޯގެ އާބާދީ އަކީ 130 މިލިއަނެވެ. ކޮންމެ ޝަހަރަކީ ސްޓަރލިންގރާޑްއެކެވެ. ކޮންމެ މާމައަކީ އަމާޒަށް ބަޑިޖަހަން ފަރިތަ ސްނައިޕަރެކެވެ. ކޮންމެ ޒުވާނަކީ ގެރިއްލާ ފައިޓަރެކެވެ. ފަސްލައްކަ އެމެރިކާ ސިފައިން މެކްސިކޯއަށް އަރައިގަތުމުގެ ކުރިން 38 މިލިއަން މެކްސިކަނުން އެމެރިކާގެތެރޭގައި އެކިއެކި ވަޒީފާތަކުގައި ދިރިއުޅެމުންގެންދާކަން ހަނދާންކުރަންޖެހޭނެއެވެ. އެ ބައިމީހުންނަކަށް ހަތިޔާރެއް ބޭނުމެއް ނުވާނެއެވެ. ހަމައެކަނި ވަޒީފާއަދާކުރުން ހުއްޓާލުން ފުދޭނެއެވެ. ރަޝިޔާއިން ބޯލްޓިކް ސަރަހައްދަށް ވަދެގަތުމާއެކު ޗައިނާގެ ބާރުގަދަ 2 މިލިއަން މިލިޓްރީން ތައިވާނަށް އަރައިގަތުމާއި އީރާނުން ޚޮރްމުޒް ކަނޑުއޮޅީއަށް މައިންތަކެއް އަޅާލުމުން ދުނިޔޭގެ ކަންކޮޅުތަކަށް ބޭނުންވާ ތެލުގެ %20 އަށް މަގު ބަންދުވީއެވެ.

އެމެރިކާއިން ބޮޑު ހަނގުރާމައެއް ފަށަށް ބޭނުންވާނަމަ މިއީ މެދުވެރިވުން އެންމެ ގާތް ތަސްއްވުރު ކަމަށް ތަޖްރިބާކާރުން ބުނަމިންގެންދެއެވެ. ރަޝިޔާއާއި ޗައިނާއަކީ ވެނެޒޫލާގެ އެންމެ ގާތް ރަހްމަތްތެރިން ކަމުގައިވާއިރުވެސް މަޑުމަޑުން ތިބޭ ސަބަބަކާ ދޭތެރޭ ސިޔާސީ ތަޖްރިބާކާރުންގެ ވިސްނުން ހުރިގޮތަށްވެސް ބަލާލުން ރަނގަޅުވާނެއެވެ. ކަންދިމާވާގޮތަކުން އެމެރިކާގެ ބާރުގެ ދަށަށް ވެނެޒޫލާ ހިނގައްޖެނަމަ ނަތީޖާއަކަށް ވެގެންދާނީ ޔޫކްރެއިން އެއްކޮށް ރަޝިޔާގެ ބާރުގެ ދަށަށް ދިއުމެވެ.

އަޑުގަދަ މީހާގެ ރުށްގިނަވާ އުސޫލުން އެމެރިކާއިން އެ ވަނީ މަގު ދައްކާފައެވެ. ޗައިނާއިން ތައިވާނަށް އަރައިގަންނާނެއެވެ. އެމެރިކާއާއި ޖަޕާނަށް ބޭނުންވާ ޗިޕްސް އާއި ކުރިއަރާފައިވާ ޓެކްނޯލޮޖީގެ މަގު ބަންދުވީއެވެ. ޔަމަންގެ ސަރަހައްދުތައް ސައޫދީ އެރޭބިޔާގެ ބާރުގެ ދަށަށް ގެންނާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ރެޑްސީގެ ދަތުރުތައް ސައޫދީގެ ބާރުގެ ދަށަށް ގެނައުމެވެ. މީގެ ސަބަބުން ދުނިޔޭގެ ސިޔާސީ ޗާޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

Loading

One Response

Leave a Reply to ވަހީދު Cancel reply

ފަހުގެ އަޕްޑޭޓް