ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ނުހިއްކައި މާލޭ ރައްޔިތުންނަށް އިތުރަށް ބޯހިޔާވަހިކަން ދެވޭނެ ގޮތެއް ނެތް ކަމަށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި، ރަސްމާލެ ކޮންމެހެން ހިއްކަންޖެހޭ ސަބަބާ ބެހޭ ގޮތުން ވަޒީރު ވިދާޅުވީ، މާލޭ ސަރަހައްދުގައި މިހާރު ހުރި ހުރިހާ ބިމެއް ފުރިފައިވާ ކަމަށާއި، އިތުރަށް ފުލެޓު އެޅެންވެސް އަންނަނީ ބިން ހިއްކައިގެން ކަމަށެވެ.
މިގޮތުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގުޅީފަޅާއި އަދި ގިރާވަރުފަޅުވެސް މިހާރު ވަނީ ފުރިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ތިން ސަރަހައްދުގައި ހުސްކޮށް ހުރި ހުރިހާ ބިމެއް އެއްކޮށްލައިގެންވެސް އެންމެ ގިނަ އަދަދަކަށް އެޅޭނީ 12,000 ފުލެޓު ކަމަށެވެ. އެހެންކަމަށް ވާނަމަ މިއީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވޭނެ އަދަދެއް ނޫންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގާއިރު މުސްތަޤުބަލަށްވެސް ޕްލޭންތައް ކުަރަންޖެހޭނެ ކަމަށާއި،، އެހެންކަމާއެކު ރަސްމާލެ މަޝްރޫޢަކީ މީގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމަ އެއާއެކު، މިހާރު ދީފައިހުރި ބިންތަކުންވެސް ފެނާއި ނަރުދަމާ އެޅުމަށްފަހު ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ބިންތައް ހަވާލުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް، މިއީ ބޮޑު ޚަރަދެއް ކަމަށާއި، މިކަމަށް ފައިސާ ނެތުމުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މިކަންކަން ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
![]()
