ރައްޔިތުންނަށްޓަކައި ހިއްކި ބިން ވިޔަފާރި ކުރާ ކުންފުންޏެއްގެ މިލްކަށްވެ ނިމުނީ

Loading

Facebook
Twitter
WhatsApp

މިއީ މިގައުމުގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު މާލޭ ސަރަހައްދުގެ ކުރިމަގު ރޭއްވެވުމުގައި އެޅުއްވި ހަރުދަނާ ފިޔަވަޅެއް ހަނދާނަށް އައިދުވަހެކެވެ. ހުޅުލޭ ފަޅުތެރެއިން ބިންހިއްކުމުގައި އެބޭފުޅާގެ ތަސައްވުރެއް އޮތްކަން ހާމަކުރެއްވިއެވެ. ދަރަނިވެރި ވުމަކާނުލައި ހުޅުލޭ ފަޅުން ބޮޑު ބިމެއް ހިއްކަވާ ނިންމާލެއްވިއެވެ.

ދެން އައި ބަޔަކު އެބޭފުޅާގެ ތަސައްވުރުގައި ކޮޅުފައިން ޖަހާފައި އެބިން އެހެން މަގްސަދެއްގައި ބޭނުންކުރުމާއި ދަރަނިވެރިވެގެން އެ ފަޅުގައި ނުހިއްކި އޮތް ތަން ހިއްކުމަކީ އަދި އެހެން ވާހަކައެވެ. އެ ބޮޑުބިން އަގަކާ ނުލައި ސަރުކާރުގެ ވިޔަފާރި ކުންފުންޏަކަށް ހިބަކޮށްދިނުމަކީ އަމުދުން ބޮޑު ޚިޔާނާތެއްގެ މުޅީން އެހެން ވާހަކައެކެވެ. އެކުންފުނިން އާންމުކޮށް ހިއްސާ ވިއްކަން ގަސްދުކުރާކަން ސަރުކާރުން ހާމަކޮށްފައި އޮތުމަކީ މިހާތަނަށް އިއުލާން ކޮށްފައިނުވާ ވާހަކައެކެވެ.

ރައްޔިތުންގެ ބައިތުލްމާލުން އެތައް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިއްކި އެ ބިޔަ ބޮޑުބިން މުސްތަގްބަލްގައި މަހުޖަނުންގެ މިލްކަކަށް ވެގެން ދާތަން ފެނުމަކީ ދައްކަން ބޭނުން ނުވާ އެހެނަސް ދައްކަން ބޭނުންވާ ވާހަކަ އެކެވެ. ރާއްޖޭގެ އެއްވެސް ރަށެއް މިހާތަނަށް އެއްވެސް ފަރާތަކަށް މިލްކުކޮށްދީފައި އޮތުމަކީ ތާރީޚުން ނޭންގޭ ވާހަކައެކެވެ. މަގްސަދަކީ އެވާހަކަތައް ދެއްކުމެއްވެސް ނޫނެވެ. ތަންދޮރުއެނގި އޮޅުންފިލުވައި ދިނުމެވެ.                                 

ޚަބަރުތަކުން އެނގިފައިވާ ގޮތުގައި އެ ބޭފުޅާގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ބޭރުގެ ދަރަނި އުޅުނީ 12 ވަރަކަށް މިލިއަން ރުފިޔާގައެވެ. ރާއްޖޭގެ ޝިޕިންގ ލައިން މަޑުމަޑުން އުވިގެން ދިއުންފަދަ ނުއަތު ބުރުތަކެއް އެޅުމާއެކުގައިވެސް ގައުމަށް ލިބެމުންދިޔަ އާނމްދަނީ އަކުން ގައުމު ދިޔައީ ތަރައްގީ ކުރެވެމުންނެވެ. ރަސްމީ އަގުގައި ބޭރުފައިސާ ގަތުމަކަށް އެއްވެސް ދަތިކަމެއްނެތެވެ. މިއަދު ރާއްޖޭގެ ތަރައްގީ އަތްނުފޯރާ އުސްމިނަށް ހިނގައްޖެކަމަށް ބުނަމުންދާއިރު ގައުމުގެ ދަރަނި އުޅެނީ 150 ބިލިއަން ރުފިޔާއާ ހަމައިގާ ކަމާއި އަދި އެއީ ގައުމުގެ ޖީ ޑީ ޕީ ގެ 124 އިންސައްތަ ކަމުގައިވެސް ބޭރުގެ ޚަބަރުތަކުގައި ބުނެފައިވެއެވެ.

 މިއަދު ބޭރުފައިސާ ލިބިގަތުމަކީ އެންމެ އުދަނގޫ ކަންތަކޭވެސް ބުނެވިދާނެއެވެ. ބައެއްކުދިން ބުނާގޮތުގައި ބޮލުރޮދި ކެނޑި ޢަމަލުވެވޭނޭ ތަކެތިވެސް މާފަސޭހައިން ލިބެތެވެ. ޑިމޮކްރެސީގެ ތަޢާރުފެއް ދިނުމުގައި އެ ދާއިރާގެ ތަޖްރިބާކާރަކު ވިދާޅުވެފައިވާ “ ޑިމޮކްރެސީގައި ސަރުކާރަށް ތާއީދު ހޯދަން ކުރަންޖެހޭ ޚަރަދުތަކަށް ފައިސާ އެއްކުރުމުގެ ސިޔާސަތު އެކަށައަޅާއިރު އާންމު ވިޔަފާރިތައް ބަނގުރޫޓުވެގެން ދިއުމަކީ މައްސަލައެއް ކަމަކަށް ނުދެކޭނެއެވެ. “ މި ޖުމުލައިގެ ތެދުކަން އެބަ އެނގެއެވެ. އެހެންތޯއެވެ؟                                  

މިއިން ލިބިދޭ އެންމެ މުހިންމު ފިލާވަޅަކީ ތަރައްގީގެ މަޝްރޫއުތަކުގެ ސިޔާސަތު އެކަށައަޅަންވާނީ އަތުގައި ހުރި އެއްޗަކާއި މާދަމާ ލިބޭނެކަން ކަށަވަރު ކުރެވޭ އެއްޗަކަށް ބިނާކޮށް ގެންނެވެ. ސަލާން ޖަހައިގެން ނުވަތަ ދަރަނިވެގެން ގެނެވޭ ތަރައްގީއަކީ އެންމެ ދަށުދަރަޖައިގެ އަޅުވެތި ކަމެވެ.     

 މި ޚުލާސާއަޅާލީ އެހެން ގައުމެއްގައި ހިންގާފައިވާ މިބާވަތުގެ މަޝްރޫއަކަށް އަލިއަޅުވާލުމުގެ ބޭނުމުގައެވެ. މިބާވަތުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއްސުރެން ރޭވިފައިއޮންނަ ޕްލޭނަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމުން ފެންނަ ހެޔޮ ނަތީޖާއަށް އަލި އަޅުވާލުމުގެ ބޭނުމުގައި ވެސް މެއެވެ. ކުއްލިއަކަށް ބަޔަކަށް އަންނަ ޚިޔާލަށް ގައުމު ތަރައްގީ ކުރުމުގެ ސިޔާސަތު އެކަށައަޅަން ހެޔޮ ނުވާނެއެވެ. މި ދޭތެރެއަކުންވެސް އަޅުގަނޑުމެންގެ ގައުމު ވަނީ އިހަވަންދިއްޕޮޅުގައި ބަންކަރިންގ ޚިދުމަތެއް ފަށާފައެވެ. އެތައް މިލިއަން ޑޮލަރެއްގެ މަންފާ ގައުމުގެ ތިޖޫރީއާށް ވަންނާނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް މަޝްރޫއު ނިމިގެން ދިޔަގޮތުން ކަމާބެހޭ ބޭފުޅުންނަށް ޖެހިވަޑައިގަތީ އެބޭފުޅުން ދެއްކެވި ހުއްޖަތު ރައްޔިތުންނަށް އަލުން ތަރުޖަމާ ކޮށްދެއްވާށެވެ. މިހުންނަނީ އެގޮތަށް ކަންކަން ރާވާއި ކޮށްލުމުގެ ހިތި ނަތީޖާއެވެ. އެކަން ރާވާ ހިންގި ބަޔަކަށް މަންފާއެއް ނުލިބެޔެކޭ ނޫނެވެ. ނަމަވެސް ރައްޔަތުންނަށް (ދައުލަތަށް) ލިބުނީ ދޯކާއެވެ. ބޮޑު ގެއްލުމެކެެވެ!                

2008 ވަނައަހަރު ޗައިނާގެ މެދުތެރޭގައި އެއްވެސް ބޭނުމެއް ކުރެވިފައިނެތް، ތަރައްގީއެއްގެ ވަސްވެސްނެތް ހުސްބިމެއްގައި އިނގިރޭސިބަހުން ބުނާނަމަ “ ނޯ ވެއަރ “ ކަހަލަ ބިމެއްގައި މެޓްރޯ ސްޓޭޝަނެއް އިމާރާތް ކުރެވެމުން ދިޔައެވެ. ދެންފެނުނީ އެތަނުގައި ޕްލެޓފޯމްތަކެއް އެޅިގެންދިޔަތަނެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކާއި އެހާ ދުރުގައެވެ. އެ ތަސައްވުރު ކުރެހުމުގެ މައުލޫމާތު ލިބިފައިނެތް ބިދޭސީންގެ ލޯތަކަށް ފެންނަ ފެނުމުގައި ކުރާނެ ނުކުރާނެ ކަމެއް ނޭންގިފައިހުރި މީހަކަށް ވެރިކަން ލިބުނީމާ ކުރާކަހަލަ ކަމެކޭ ހީވެދާނެއެވެ. އެހެންނަމަވެސް އެއީ ސާދާ ވިސްނުމެއްގެ ތަސައްވުރެއް ނޫންކަން އެ ގައުމުގެ ރައްޔިތުން އޭރުވެސް ގެންދިޔައީ ގަބޫލު ކުރަމުންނެވެ. ވެރިކަމުގައި ހުންނެވި ލީޑަރގެ މައްޗަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ.   

އަހަރުތައް ދިޔައީ ފާއިތުވަމުންނެވެ. ރެއިލްވޭ ޓްރެކްތައް އެޅެމުންދިޔަތަން ފެނުނެވެ. އެކަމަކު އައިސް ގޮސްވާ ރޭލެއް ނުފެނެއެވެ. “ އަހަރެމެން ފުރަތަމަ މަޝްރޫއު ފުރިހަމަ ކުރުމަށް ފުރުސަތުދޭށެވެ. ރޭލްތައް އަންނާނެއެވެ. “ ބުނާކަހަލައެވެ. އެއީ ސިޔާސަތެކެވެ. ޖުވާކުޅުމެއް ނޫނެވެ.        

ސްޓޭޝަން ފުރިހަމަކުރެވުމާއެކު ގައުމުގެ ދިދަ އުފުލާލެވިގެން ދިޔަތަން ފެނުނެވެ. ތަރައްގީގައި ފުންނާބު އުސް ކުންފުނިތައް އަތުވެއްޖެއެވެ. ސްކޫލްތަކާއި ސިއްޙީ ޚިދުމަތާއެކުގައި ސަރަހައްދު އާބާދުވާންފެށިތަން ފެނުނެވެ. ބިންގާއެޅުމުގެ ދިހަ އަހަރުފަހުން އެއީ ރަށުގެ މެދުތެރެއަށް ވެއްޖެއެވެ.

އެއީ ކިސަޑުން ތަތްތެޅިފައިވާ ހުސްބިމެއްގައި ވަށައިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައި ފެންސް ޖަހާފައިހުރި އޭރުގެ ރޭއިލްވޭ ސްޓޭޝަންހުރި ބިމެވެ. ހަފުތާނިމުމުން އެތަނަށް އަންނަ ރޭލުން ތިމަތިމާމެން ދާން ބޭނުންވާ މަންޒިލަށް ދެވިދާނެކަމުގެ އުންމީދެއްވެސް ނެތިފާތިބޭ މީހުންގެ ދިގު ކިއޫތަކުން ތަކުން ސަރަހައްދު އޮންނަނީ ފުރިފައެވެ.                         

މިދައްކަނީ ޗައިނާގައި މިހާރު އެންމެ ކުރިއަރާފައިވާ ޝަހަރުތަކުގެ ތެރޭން އެގައުމުގެ ޝެންޒެން ސަރަހައްދުގެ ގިއާންހައިގެ ވާހަކައެވެ. ގިއާންހައި ސަރަހައްދު މަޝްހޫރުވެފައިވަނީ ގިއާންހައި ކޯރަކީ ޗައިނާގެ އެންމެބޮޑު ކޯރުކަމަށްވުމުގެ ސަބަބުންނެވެ. އަދި އެއީ ދުނިޔޭގެ ނިސްބަތުން ދެވަނައަށް އެންމެ ބޮޑުކޯރުވެސް މެއެވެ.                                          

އެއްދުވަސްވަރެއްގައި ފަޅުބިމެއްގެ ގޮތުގައި ފެނިފައިވާ ނާމާން ސަރަހައްދު މިއަދު އޮތީ ބޭންކުތަކާއި ކޮފީ ޝޮޕްތަކާއި ރޭގަނޑު ހުޅުވާފައިހުންނަ ފިހާރަތަކުން ފުރިފައެވެ. އޮފީސްތަކުގައި މަސައްކަތް ކުރަންދަމުން ކުޑަދަރިފުޅު ބަހައްޓާނެ ޗައިލްޑްކެއަރ ސެންޓަރތައް ވަނީ ތަންތަން ކޮޅުގައި ގާއިމް ކުރެވިފައެވެ.

އުމުރުން ދުވަސްވެފައިވާ މާމަ ގެއަށްދިމަށްޓަކައި މީގެކުރިން  ދޮޅުގަޑިއިރުގެ ބަސްދަތުރެއް ބޭނުންވިއަސް މިއަދު އަންޑަރ-ގްރައުންޑް ސްޓޭޝަންތަކުގެ ވަސީލަތުން އެދަތުރަށް ބޭނުންވަނީ ހަމައެކަނި 18 މިނިޓެވެ. މީގެ ދިހަ އަހަރުކުރީގެ ބެއިޖިންގެ ޔިޒުއާންގ ސަރަހައްދަށް އަޅާކިޔާލައިފިނަމަ މިހާރުގެ ގިއާންހައި އުޅޭނީ މާކުރީގައެވެ.                       

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ފިލާވަޅު ލިބިގަންނާށެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފުރަތަމަ ރިޔާސަތުގައި 2017 ވަނައަހަރު ޗައިނާއާއި ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ޗައިނާއިން އޮތީ ގޮތް ހުސްވެފައިކަމަށް އޭރުގެ މީޑިއާ ރިޕޯރޓްތަކުން މިހާރުވެސް ބެލޭނެއެވެ. އެކަމަކު 2024 ވަނައަހަރު އެމަނިކުފާނުގެ ރިޔާސަތުގައި ޗައިނާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ކޮނޑާކޮނޑު ޖައްސާފައި އާނ ދޮގޭ ! ބުނަންކެރުނެވެ. އެންމެ ހައެއް އަހަރުތެރޭގައި އިގްތިސާދީ ގޮތުން އެމެރިކާގެ ބޫޓުގެ ސައިޒް ޗައިނާއިން ދައްކާދީފިއެވެ. ޗައިނާގެ ބޭރުގެ ދަރަނި ގާތްގަނޑަކަށް 2.45  ޓްރިލިއަން ޑޮލަރުގައި އުޅޭއިރު އެމެރިކާގެ ދަރަނި 30 ޓްރިލިއަން ޑޮލަރަށްވުރެން މައްޗަށް އަރައިގެން ހިނގައްޖެއެވެ. 

ގައުމު ތަރައްގީ ކުރަން ބޭނުންނަމަ ގަރުދިޔައާއި ބަތާ ކައިގެންވެސް ލިބޭއެއްޗަކުން އެކަން ކުރަން އެގެންވާނެއެވެ. ގަރުދިޔައާއި ބަތާ ކާންޖެހޭނީ ފުރަތަމަ ރައްޔަތުންގެ ޚާދިމުންނެވެ. އެތަން ފެނުމުން ރައްޔަތުންވެސް ގަރުދިޔައާއި ބަތް މާބޮޑު ޝަކުވާ ކުރުމެއްނެތި ކާނެއެވެ. މިނިވަންކަން ނަގާލައިގެނާއި ގައުމު އިންތިހާއަށް ދަރަނިވެރި ކޮށަލައިގެން ގެނެވޭނީ ތަރައްގީއަށް ކިޔާނީ ދަރަބޯ ނޫން ކޮންއެއްޗެކޭ ހެއްޔެވެ. އަދި ނިވިިތާކަށް އެކުންފުންޏައް ދަ ގްރޭޓަރ މާލޭ އޭރިޔާވެސް އެދިނީއެވެ. މިއީ އަޅުވެތި ކުރުމުގެ ސިޔާސަތެވެ. ސިޔާސީ ތަޖްރިބާކާރުންގެ ވިސްނުންފުޅަށް ފަންނީ ތަޖްރިބާކާރުންގެ ތެދުވެރި ހުނަރުވެރިކަން އެއްކުރެއްވުމުން އަމާޒަށް ވާސިލުވުމުގެ މަގު ސާފުވެގެންދާތަން ފެންނާނެއެވެ.                                     

Loading

One Response

  1. ޥަރަށް ޜަނގަޅު ޅިޔުމެކެވެ ގިނަ ބަޔަކު ކިޔާނެ ނަމައެވެ. އަދި މި މަޒްމޫނުން ފިލާވަޅު ދަސްކުރަން ޖެހެނީ ރައްޔަތުންގެ ޚާދިމުން ކަމުގައި ބެލެވޭ ނަމަވެސް އެމީހުން އެކަން ގަބޫލު ނުކުރާ ވެރިންނެވެ އެއާއެކު ރައްޔަތުން ވެސް ފިލާވަޅުތަކެއް ދަސްކުރަން ޖެހެއެވެ ލިބޭ މިންވަރު ދެނެގަންނަންޖެހެއެވެ. ކަންކަން ކޮށްދޭނެ ކަމަށް ބުނާއިރު އެކަން ކުރަން ފައިސާ ހޯދަނީ ކިހިނެއްތޯ ފަހަތުން ސުވާލު ކުރަންވީއެވެ. އަދި އެއީ ދަރަންޏެއްނަމަ އަނބުރާ ދައްކަނީ ކިހިނެއްތޯވެސް ސުވާލު ކުރަން ވީއެވެ ނޫންނަމަ ކަންކަން ދާނީ އަދިވެސް ގޯހުން ގޯހަށެވެ

Leave a Reply to އަބޫ އިބްރާހިމް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް