މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން، މާލެއާއި ވިލިމާލޭގައި ކާބޯތަކެތި ހަދާ ތަންތަން ބަލައިފާސްކުރަން ފަށައިފިއެވެ.
މި ގޮތުން، ބަލައިފާސްކުރުމަށް ހަމަޖެހިފައިވަނީ ސައިހޮޓާ، ކެފޭ/ރެސްޓޯރެންޓް، ޓޭކްއަވޭ, އަދި ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް އެމްއެފްޑީއޭއިން ހުއްދަދީފައިވާ އެހެނިހެން ތަންތަނާއި، ހުއްދަ ނުނަގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނެވެ.
އަދި، އެމްއެފްޑީއޭގެ ހުއްދަ ނުނަގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ނޯޓިސް ދިނުމަށްފަހު ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 21ން 25ށް ކަމަށް ވީނަމަވެސް، ބަލަންޖެހޭ ގިނަ ތަންތަން ހުރުމާއެކު، މުއްދަތު އިތުރުވުން އެކަށީގެންވާކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
މި އޮޕަރޭޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާލެ 6 ސަރަހައްދަކަށް ބަހާލައިގެން، ކޮންމެ ސަރަހައްދަކަށްވެސް އެމްއެފްޑީއޭއާއި މާލެ ސިޓީ ކައުންސިލުގެ ގުޅިފައިވާ ޓީމެއް ފޮނުވައިގެންނެވެ.
މިގޮތުން ފުރަތަމަ ބެލުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުރި ތަންތަން ކަމަށާއި، ވިލިމާލޭގެ ތަންތަން ބަލާނީ މާލޭގެ ތަންތަން ނިމުމުން ކަމަށްވެސް އެމްއެފްޑީއޭއިން މަޢުލޫމާތުދެއެވެ.
One Response
ތަރުކާރީ ވިއްކާ ތަންތަން ބަލާ ފާސް ކުރުމަށް އެދެމެވެ މީދާ ވަރަށް ގިނައިން ފެނޭ ބާޒާރު ބަންދު ގަޑީ ކެމެރާ ތަށް ބަލާށެވެ