ރަތްކުލައިގެ އަންހެން ގެރި : އިސްލާމީ އަދި ޔަހޫދީންގެ އަގީދާއަށް ބަލާލުމެއް - 2

Loading

Facebook
Twitter
WhatsApp

https://sandhaanu.today/38718/ އާއި ގުޅޭ…..

ޔަހޫދީންގެ އަގީދާގައި ރޫހާނީ ގޮތުން ނުތާހިރު މީހަކަށް ވެވޭ ޙާލަތު ތަކުގެތެރޭގައި މައްޔިތަކު ގައިގާ ބިހުން ނުވަތަ މައްޔިތަކު ގައިގާ ބީހިފާހުރި މީހެއްގެ ގައިގާ ބީހުންވެސް ހިމެނެއެވެ. ގެރި ގުރުބާންކޮށްގެން ނޫނީ އެ ޙާލަތުން ތޯހިރު ވެވޭނެ މަގެއް ނެތްކަމުގެ ދެކެތެވެ. 

ގެރި ނުލިބި ފާއިތުވެގެން މިދާ ދެހާހެއްހާ އަހަރުދުވަހުގެ ޙާލަތަށް ވިސްނާލުމުން އެނބުރުން އަރާނެކަން ޔަގީނެވެ. މިއީ މާތް ﷲ ގެ އަމުރު ފުޅާދޭތެރޭ ސުވާލުކުރުންގިނަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން އަމިއްލައަށް އެބައިމީހުން ލިބިގަތް ތަކްލީފު ތަކެކެވެ.                       

ރަތްކުލައިގެ އަންހެން ގެރި ގުރުބާންކުރުން ގުޅިފައިވާ އެހެން ބައިވަރު ކަންތައްތައްވެސް ޝައިޚުގެ ޚުތުބާގައި ފާހަގަ ކުރައްވާފައި ވެއެވެ.

ޔަހޫދީންނާއި ބައެއް ނަސޯރާ މަޒްހަބުތަކުގެ އަގީދާގައި ތިންވަނަފަހަރަށް ޓެމްޕްލް މައުންޓް ބިނާކުރުމާއި އީސާގެ ފާނު ވަޑައިގަތުން 10 ވަނަ ރަތްކުލައިގެ ގެރިން ގުރުބާންކުރުމާއި ގުޅުވާފައިވެއެވެ. ( މިތާގައި  އީސާގެފާނުގެ ނަންފުޅު ލިޔެވިފާވީކަމުގައިވިޔަސް އީސާގެފާނަކީ މަސީޙް ކަމަށް ޔަހޫދީން ގަބޫލެއް ނުކުރެއެވެ. އެބައިމީހުންގެ އަގީދާގައި މަސީޙް ވަޑައިގަތުން ވަނީ ގެރީގެ ގުރުބާންކުރުމާ ގުޅުވާފައެވެ.)  

ޔަހޫދީންގެ ތާރީޚުން އެނގޭގޮތުގައި މޫސާގެ ފާނުގެ ޒަމާނަށްފަހު މިހާތަނަށް ޝަރުތު ފުރިހަމަ ވެގެން ނުވަ ގެރި ވަނީ ގުރުބާން ކުރެވިފައެވެ.                                            

ޓެކްސަސް އިން ގެނެސްފައިވާ 5 ގެރީގެތެރެއިން ފުރަތަމަ ގުރުބާން ކުރެވޭ ގެރި ވެގެންދާނީ ދިހަވަނަ އެރިއަށެވެ. މިހާދިސާ ވެގެން ދާނީ ޔަހޫދީންގެ އަގީދާގައި މުޅިދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ފެށުން ކަމުގައެވެ. އެންމެ ފުރަތަމަ ތިންވަނަ ފަހަރަށް ޓެމްޕްލް މައުންޓް އިމާރާތް ކުރެވުމެވެ. ދެން އީސާގެ ފާނު ވަޑައި ގަތުމެވެ. މިގޮތަށް ކަމަކަށްފަހު ކަމެއް އަންނަމުންދާނެއެވެ. އަދި އެކަމަށްޓަކައި ޔަހޫދީންގެ އަގީދާ ފުރިހަމައަށް ތަންފީޒުކުރެވެމުން ދާނެއެވެ.

މިއީ ޔަހޫދީން ގަބޫލުކުރާ ގޮތެވެ. އެމީހުންގެ އަގީދާއެވެ. އެމީހުން އެދޭގޮތަށް ކަންތައް ނިންމަވައި ދެއްވުމާއި ނުދެއްވުމަކީ މާތް ﷲ ގެ ނިޔާއެވެ. ޔަހޫދީންގެ އަގީދާއާއި އެއްގޮތަށް ކަންތައް ނިމިގެންދާނެކަމަށް މުސްލިމުން ގަބޫލުކުރާކަށް ނުކުރެއެވެ.

ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ޔަހޫދީންގެ މި އަގީދާއާއި ގުޅޭގޮތުން އެއްވެސް ދަލީލެއް ލިބިފައި ނުވާނަމަވެސް މިއަދުގެ މެދު އިރުމަތީގެ ޙާލަތުން މިވަނީ ކީއްކަމާއި ދޭތެރޭ މުސްލިމުން އިބްރަތް ލިބިގަންނަން ޖެހެއެވެ. މަޢުލޫމާތު ދެނެގަނެގެންނުނީ އެކަމެއް ނުކުރެވޭނެއެވެ. ޔަހޫދީންގެ އަގީދާއާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަން ކުރަމުން ގެންދާނެތީއެވެ. މިހާރު ހަމަޖެހިފައިވާގޮތުން ގެރިތައް ގުރުބާންކުރެވޭނީ ޔަހޫދީންގެ ޚާއްސަ މުނާސަބަތެއްގައެވެ. އެ ކަމަށްޓަކައި 2 މުނާސަބަތެއް ފާހަގަކޮށް މިހާރު ގެންދަނީ ގުރުބާން ކުރުމުގެ ކަލަންޑަރު ކަނޑައަޅަމުންނެވެ. 

ފުރަތަމަ މުނާސަބަތަކީ މިހިނގާ އޭޕްރިލް މަހުގެ 23 ވަނަދުވަހުން 30 ވަނަ ދުވަހާ ދެމެދެވެ. އަދި ދެވަނަ މުނާސަބަތަކީ ޖޫން މަހުގެ 11 އިން 13 އަށެވެ.                                  

ގުރުބާން ކުރާނީ ޔަހޫދީންގެ އިސް ރަބާއި އަކު ލައްވައެވެ. ގުރުބާންކުރެވޭ ގެރިތަކު ލޭ އޮހޮރެން ޖެހޭނީ ވަކި މިސްރާބަކަށެވެ. އެއަށްފަހު ގުރުބާންކުރެވުނު ގެރިތަކުގެ ލެޔާއި މަހާއި ކައްޓާއި ކެހެރިއާއި ބަނޑުގައިހުރި ނަޖިހާވެސް އެއްކޮށް ދަރުން އަންދާލުމަށްފަހު ލިބުނު އަޅިތައް ފެނާއެއްކުރާނީއެވެ.

އެއަށްފަހު އެ ފެނަކީ އެމީހުން ގަބޫލުކުރާގޮތުގައި ތާހިރުވެގަތުމަށް ބޭނުންކުރާ ވަސީލަތަކަށް ވެދެއެވެ.                           

ޓެކްސަސްގެ ރާންޗްގައި ގެރި އުފެއްދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށް ވެއެވެ. އެހެންވީމާ މުސްތަގްބަލްގައި ތާހިރުވެގަތުމުގެ އުދަނގުލަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ޔަހޫދީންގެ އަގީދާއާއި އެއްގޮތަށް އެމީހުންގެ އަމަލުތައް ފަރުމާކޮށް މީޑިއާތަކުގެ ވަސީލަތުން މުޅި ދުނިޔެއަށް ހާމަކުރަމުން ގެންދާއިރު ބައެއްފަހަރު ތެދުދޮގު އޮޅުވާލަމުން ގެންދާކަން ވެސް ގަބޫލުކުރަން ޖެހެއެވެ. 

އިރާގުގައި ފަނާކުރަނި ހަތިޔާރު ހުރިކަމަށްބުނެ އެކަން ގިނަ މުސްލިމްގައުމުތަކެއްވެސް ހިމެނޭގޮތުގައި އޮތީ ގަބޫލުކުރުވާފައެވެ. ކާނަލް ގައްޒާފީގެ ވެރިކަމުގައި ލީބިޔާ ފުޑިގެންދާކަން އެގައުމުގެ ރައްޔިތުންނަށްވެސް އޮތީ ވިސްނާދީފައެވެ. ހަމައެކަނި އިސްލާމީ ގައުމުތަކުންވެސް މީގެ ގިނަ ހެކިތަކެއް ފެންނަން އެބަހުއްޓެވެ.

ގިޔާމަތުގެ ބައެއް އަލާމާތްތައް މާތްނަބިއްޔާ އޮތީ އިސްލާމީ އުންމަތަށް އަންގަވާފައެވެ. އެކަންތައްތައް އެގޮތުގެ މަތިން މެދުވެރިވެގެން ދާނެއެވެ. ދައްޖާލުގެ ބޮޑުވެގެންވާ ފިތުނައާއި ޔައުޖޫޖު މައުޖޫޖް ބާގައިމީހުންގެ ނުބައިކަން އޮތީ އަންގަވާފައެވެ. 

ދުނިޔޭގެ އިރުމަތިންނާއި ހުޅަނގުން އަދި އަރަބިންގެ ބައްރުން އަންނާނެ ބާރުގަދަ ބިންހެލުމެއްގެ ވާހަކައިން އޮތީ ޚަބަރުދާރު ކުރައްވާފައެވެ. ޔަމަނުން އުފެދިގެން އަންނާނެ އަލިފާންގަނޑުގެ ވާހަކައާއި ބިމުދާއްބައާއި މުޅިދުނިޔެ ފޮރުވިގެންދާނެ ދުންގަނޑެއްގެ މަޢުލޫމާއޮތީ ދެއްވާފައެވެ.

އޭގެކުރިން އިންސާނުން އަވަދިނެތި މަސައްކަތުގައި ދުވަސްތައް ހޭދަކުރަމުންދާއިރު ވަގުތު މަދުވުމުގެ ޝަކުވާތައް ކުރާނެކަމާއި ލޭއޮހޮރުވުން އިންތިހާއަށް ގޮސް ލޭ އޮހުވާމީހާއަށް އެއީ ކީއްވެގެން ކުރިކަމެއްކަންވެސް ނޭންގޭ މިންވަރަށް އިންސާނުން ޣާފިލުވެގެންދާނެ ކަމަށާއި މިބާވަތުގެ ގިނަ ޢަލާމާތްތަކެއް ފެނިގެންދާނެކަން އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ ވަނީ މި އުންމަތަށް އަންގަވާފައެވެ.             

މިފަދަ ބައެއް އަލާމާތްތައް ކުރިމަތިން މިހާރުވެސް ފެންނަ ކަހަލައެވެ. މުސްލިމުންނަށް އެންމެ އައުލާކަން ބޮޑީ ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގަމުން ޙަރަކާތްތަކާއި މެދު ފާރަވެރިވެ އެކަން ދެނެގަތުމާއި އެކު އެފަދަ އެންމެހާ ނުރައްކާތެރި ކަމަކުން އިސްލާމީ އުންމަތް ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ޙަޒްރަތުގައި ދުޢާ ދެންނެވުމުގައި ދެމި ތިބުމެވެ. މުސްލިމުންނަށް ލިބިފައިވާ އެންމެ ބާރުގަދަ ހަތިޔާރަކީ މާތް ﷲގެ ކިބަޔަށް ދުޢާ ދެންނެވުން ކަމުގައި އަންގަވާފައި ވާތީއެވެ.

އެމީހުންގެބައެއް ގަބޫލުކުރާގޮތަކީ:

https://freegrace.in/red-heifers-arrive-in-israel-could-this-be-the-end-times

                                 

                    

Loading

One Response

  1. “ ރަތްކުލައިގެ އަންހެންގެރި “ އަޅުގަނޑު ބޭނުންވީ މިޒަމާނުގައި ޚާއްސަކޮށް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މަދަދާއެކު ފަލަސްތީނުގައި ޔަހޫދީން ހިންގަމުންގެންދާ ޖަރީމާތަކާއި އެމީހުންގެ އަގީދާއާއި ހުރި ގުޅުމުގެ ކޮންމެވެސް މިންވަރެއް ސަންދާނުގެ ކިއުންތެރިންގެ މައުލޫމާތަށްޓަކައި ގެނެސްދިނުމެވެ. އަޅުގަނޑުގެ އަމިއްލަ މައުލޫމާތުގައި މިފަދަ ލިއުމެއް ލިއުމުގެ ގާބިލުކަން ލިބިފައި ނެތްކަމަށް އެންމެ ފުރަތަމަ ގަބޫލު ކުރާނީ އަޅުގަނޑެވެ. އަދި އަޅުގަނޑަށް މައުލޫމާތު ފޯރުކޮށް ދިނުމަށް އިލްމުވެރިންގެ އަރިހުން އެދިފައިވެސް ވާނެއެވެ.
    އަރަބި ބަހުން ރީންދޫ ކުލައަށް ކިޔާނަމަކާއި ރަތްކުލައަށް ކިޔާ ނަން އެނގުމަކީ އަޅުގަނޑު ބޭނުންވާ މައުލޫމާތެއް ނޫނެވެ. ހަމައެފަދައިން ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާގައި އޮތީ މިހެންނޭ ބުނުމަކުން އަޅުގަނޑަަށް ނުފުދެއެވެ. ރާއްޖޭގެ އިލްމުވެރިޔަކު ކަމުގައިވާ ކުރީގެ ރައީސް މައުމޫން ވިދާޅު ވެފައިވަނީ “ ތަރުޖަމާ އަކީ ހުއްޖަތެއް ނޫނެވެ ”. މިހެންނެވެ.
    އަޅުގަނޑު ބޭނުންވާ މައުލޫމާތަކީ ގިނަ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތަކާއި އެކަމުގެ މައްޗަށް ތާރީޚުން އެނގޭ އެއްޗެކެވެ. އައްޑޫ އަހްމަދު ވިދާޅު ވެފައިވާ ފަދައިން ފިލާހުރެފާ އެއްޗެކޭ ވިދާޅުވުމެއް ނޫނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް