ރަތްކުލައިގެ އަންހެން ގެރި : އިސްލާމީ އަދި ޔަހޫދީންގެ އަގީދާއަށް ބަލާލުމެއް

Loading

Facebook
Twitter
WhatsApp

މިދުނިޔޭގައި ދިރިއުޅެމުންދާ އިންސާނުންނަކީ ކޮންމެ ދީނަކަށް ނުވަތަ މަޒްހަބަކަށް ތަބާވާ ބަޔަކަށް ވިޔަސް އެ ބައެއްގެ އަގީދާއާއި އާދަކާދައާއި ވިސްނުން އެބައެއްގެ ޢަމަލުތަކުގައި ވަރަށްބޮޑު ޙިއްސާއެއް އަދާކުރަމުން ގެންދާނެކަން ގަބޫލުކުރަން ޖެހެއެވެ. 


އަޅުގަނޑުމެން އިސްލާމުންގެ ތެރޭގައިވެސް މިކަންތައް މިގޮތަށް ނެތެކޭ ނުބުނެވޭނެއެވެ. އަޅުގަނޑުމެންނަށް ކޮންމެ ހުކުރުދުވަހެއްގެ ޚުތުބާގައި ކަހަލަ ގޮތަކަށް އިވެމުންދާ ނަސޭޙަތުގެތެރޭގައި “ ބަޔަކުމީހުންގެ ޙާލަތު އެމީހުން ބަދަލު ނުކުރާހާ ހިނދަކު މާތް ﷲ އެ ޙާލަތު ބަދަލު ނުކުރައްވާނެކަން “ ހަނދާން ކޮށްދެއްވުން ހިމެނެއެވެ.

ފާއިތުވެގެންމިދާ އެތައް އަހަރުދުވަހަކު އިސްރާޢީލުން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ތަންފީޒު ކުރަމުން ގެންދާ ޣައިރު ގާނޫނީ އަޅުވެތިކުރުމާއި ހިންގަމުންގެންދާ ގަތުލުއާންމު ތަކުގައި އެމީހުންގެ އަގީދާއާގުޅޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ޔަހޫދީންގެ އެ އަގީދާތަކަށް މުސްލިމުން އީމާންވުމަކީ ބޭނުން ކަމެއް ނޫނެވެ. އެހެންނަމަވެސް އެކަންތައް ދެނެގަތުމަކީ ވިސްނާ ފިކުރު ކުރުމަށްޓަކައި ބޭނުންތެރި ކަމެކެވެ.           

ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި މި ގެނެސްދެނީ މިދިޔަ ރޯދަމަހު ޝައިޚް މުޢިއްޒު ބުހާރީ ދެއްވި ހުކުރު ޚުތުބާއެއްގެ އުސްއަލި ތަކެވެ. ޝައިޚުގެ ޚުތުބާގައިވެސް މަޢުލޫމާތު ލިބިގަތުމާއި އެ މަޢުލޫމާތު ދެނެގަތުމުގެ މައްޗަށް ބާރު އަޅުއްވާފައިވެއެވެ.

ވަކިން ޚާއްސަކޮށް އިންޓަރނެޓްގެ ޒަރީއާތަކުން ތެދާއި ދޮގު ވަކިކުރަން ނޭންގޭ ވަރަށް މަސްހުނި ކުރަމުން ގެންދާ މި ޒަމާނުގައި މަޢުލޫމާތުގެ ޙަގީގަތް ދެނެގަތުމުގެ މުހިންމުކަން މާބޮޑުވެއްޖެ ކަންވެސް ފާހަގަ ކުރައްވާފައި ވެއެވެ. ( މަޢުލޫމާތު ދެނެގަތުން އަޅުގަނޑު މާނަކުރަނީ އެ މަޢުލޫމާތުތަކާއި ދޭތެރޭ ވިސްނާ ފިކުރުކޮށް އެ މަޢުލޫމާތުގެ ތެދު ދޮގު ދެނެގަތުމަށެވެ.)

ޚުތުބާ ފައްޓަވަމުން ސުރުޚީގައި ބުނެފައިވާ ރަތްކުލައިގެ އަންހެން ގެރީގެ ކުރު ތަޢާރުފެއް ދެއްވާފައިވެއެވެ. އަދި އެ ގެރިއާ ބެހޭ ގޮތުން ކުރެވެމުންދާ ސުވާލުތަކުގެތެރޭގައި އިސްލާމް ދީނުގައި އެއްވެސް މިންވަރަކަށް އެކަމަށް އަލިއަޅުވާލާފައި ވޭތޯ ކުރަމުންގެންދާ ސުވާލުތަކަށް ވަރަށް ސަރީޙަކޮށް އާއެކޭ ވިދާޅުވެފައި ވެއެވެ.

ސުވާލު އުފެދިފައިވާ ރަތްކުލައިގެ އަންހެންގެރިއަކީ އެ އުންމަތުގެ ނަބިއްޔަކު ކަމުގައިވާ މޫސާގެ ފާނުގެ ޒަމާނަށް ނިސްބަތްކުރެވޭ ޙާދިސާއެއްކަމަށާއި އެކަން ހިނގާދިޔަގޮތް އޮޅުންފިލުވާ ދެއްވާފައި ވެއެވެ.

 ގެރިއަކުން ގުރުބާން ކުރަން ބަނީ އިސްރާއީލުންނަށް އަންގަވަން މޫސާގެ ފާނަށް ވަޙީގެ ޒަރީއާއިން އަމުރު އައުމާއިގުޅިގެން އެކަން އެބައިމީހުންނަށް އެންގެވުމުން މަލާމާތް ކުރަނީ ތޯ އެމީހުން މޫސާގެފާނަށް ދެންނެވި ކަމަށް ވެއެވެ. 

އެހިނދު މޫސާގެ ފާނު ވިދާޅުވިކަމަށް ވަނީ ތަންދޮރު ނުދަންނަ ޖާހިލުންގެ ތެރޭގައި ތިމަންކަލޭފާނު ނުލެއްވުން އެދި މާތް ﷲ ގެ ޙަޒްރަތުން ރައްކާތެރިކަން ލިބި ގަންނަ ކަމަށެވެ. ކަންތައްތައް ދެނެގަތުމުގެ މުހިންމުކަމަށް މިއިންވެސް ދަލީލު ލިބެއެވެ.

ކޮންމެއަކަސް ބަނީ އިސްރާއީލުން މޫސާގެ ފާނަށް އެތައް ސުވާލުތަކެއް ކުރިމަތި ކުރުމަށްފަހު އެންމެ ފަހުން އެހެން ގޮތެއް ނެތިގެން ރަތްކުލައިގެ އަންހެންގެރި ގުރުބާން ކޮށްފިއެވެ.

މިޙާދިސާއިން މުސްލިމުން ދެނެގަންނަންވީ މާތް ﷲ ގެ އަމުރުފުޅު ތަކާއި ދޭތެރޭ ސުވާލުކުރުމުގެ ޖާގަ ނޯންނާނެ ކަމަށާއި އެކަމަށް ތަބާވުމަކީ އެންމެ ހެޔޮކަން ބޮޑުވެގެންވާ ގޮތް ކަމަށް ޝައިޚުގެ ޚުތުބާގައި ބާރު އަޅުއްވާފައިވެއެވެ. އަދި މުސްލިމުންގެ ގޮތަކީވެސް އެއީ ކަމަށް ވިދާޅުވެފައި ވެއެވެ.

މާތް ﷲ ގެއަމުރުފުޅު އައުމުން މޫސާގެ ފާނުގެ ކުރިފުޅުމައްޗަށް ސުވާލަކަށްފަހު ސުވާލެއް ގެނެސް ގަތުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މިއަދުވެސް ބަނީ އިސްރާއީލުންގެ އަގިދާގައި މިއީ ފުރިހަމަކުރުން އުދަނގޫކަން ބޮޑު މައްސަލައަކަށް ވެފައި އޮތުމެވެ. ހަމައެފަދައިން ފުރިހަމަނުކޮށް ބޭއްވޭނެ މައްސަލައެއް ވެސް ނުމެނޫނެވެ.

ބަނީ އިސްރާއީލުންގެ އަގީދާގައި ރަތްކުލައިގެ އަންހެން ގެރި ގުރުބާންކުރުން ގުޅިފައިއޮތީ އެބައިމީހުންގެ ރޫހާނީ ސާފުތާހިރުކަމާއެވެ. ރޫހާނީ ގޮތުން އެމީހުން ސާފު ތާހިރުވެ ތިބުމަށްޓަކައި ރަތްކުލައިގެ އަންހެން ގެރި ގުރުބާން ކުރުން ގުޅިފައިވާ މިންވަރަށް ޚުތުބާގައި އަލިއަޅުވާލާފައި ވެއެވެ.

އެންމެ ފުރަތަމަ  ގުރުބާންކުރަންޖެހޭ ގެރީގެ ސިފަތަކަށް ބަލާލަމާ ހިނގާށެވެ.

އެ ގެރިއަކީ އުމުރުން ތިން އަހަރާއި ހަތަރު އަހަރާ ދެމެދުގެ އަންހެން ގެރިއަކަށް ވާންޖެހެއެވެ. މުޅިގެރިއަކީ ރަތް ކުލައިގެ ގެރިއަކަށް ވާން ޖެހެއެވެ. އެންމެ ކެހެރިއެއްވެސް  އެހެންކުލައެއްގައި ހުރެގެންނުވާނެއެވެ. 

މޮއްގަނޑުތަކާއި ހުރިހާ ތަނެއްވެސް ހުންނަން ޖެހޭނީ ސާފު ރަތްކުލައިންނެވެ. އެއްވެސް އުނި ސިފައެއް ހުރެގެން ނުވާނެއެވެ. އަދި އެ ގެރި ލައްވާ އެއްވެސް މަސައްކަތެއް ކުރުވާފައި އޮވެގެން ނުވާނެއެވެ. އަދި ހަމަ އެފަދައިން މަސައްކަތެއް ކުރުވަން ތައްޔާރުކޮށްފައި އޮވެގެންވެސް ނުވާނެއެވެ. އަދި އެއީ ބިކުރުވެރި ގެރިއަކަށްވެސް ވާން ޖެހޭނެއެވެ.

ކޮންމެއަކަސް ފާއިތުވެގެން މިދާ ދެހާސް އަހަރުދުވަހުގެ ތެރޭގައި އެ ޝަރުތުތައް ފުރިހަމަވާ ހަމައެންމެ ގެރިއެއްވެސް ލިބިފައެއް ނުވެއެވެ. މި ސަބަބަށްޓަކައި އެފަދަ ގެރި ހޯދުމަށްޓަކައި ޗަންދާ ނެގުމާއި ފަންޑް ރެއިޒް ކޮށްގެން ވިޔަސް ތަފާތުގޮތްގޮތުން މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެންމެފަހުން އެމެރިކާގެ ޓެކްސަސްގައި މިކަމަށް ޚާއްސަ ރާންޗެއްގައި ޖެނެޓިކްގޮތުން ގެރި އުފެއްދުމުގެ މަސައްކަތް ކުރަން ފަށާގަނެވުނެވެ.

އެތައްދުވަހެއްގެ މިންނެތް މަސައްކަތުން 2002 ވަނަ އަހަރު ރަތްކުލައިގެ އަންހެން 2 ގެރި ހޯދުނު ކަމަށް ވެއެވެ. އެހެންނަމަވެސް ބަލަންޖެހޭ ގޮތްގޮތަށް ބެލުމަށްފަހު ޝަރުތު ފުރިހަމަ ނުވާތީ ގުރުބާން ކުރެވޭގޮތެއް ނުވިއެވެ.

2018 ވަނައަހަރު ޓެކްސަސްގެ ރާންޗުގައި ޖެނެޓިކްގޮތުން ރަތްކުލައިގެ އަންހެން ގެރިއެއް އުފެއްދިއްޖެކަމުގެ ވާހަކަތަކެއް މީޑިއާގެ ސުރުޚީތަކަށް އަރައިގެން ދިޔައެވެ. އަދި އެ ގެރި ބޮޑުވަމުންއަންނައިރު ހުރިހާ ޝަރުތުތަކެއް ފުރިހަމަވޭތޯ ފާރަލައިގެން ބަލަމުން ގެންދާ ކަމަށްވެސް މީޑިއާތަކުން ފާހަގަ ކުރަމުންގެންދިޔައެވެ.       

2022 ވަނައަހަރު އުފާ ފާޅުކުރުމާއި ހިތްހަމަ ޖެހުމުގެ ޝުއޫރުތައް ހިމެނޭ ހަފްލާއެއްގައި ޓެކްސަސް އިން ހުރިހާ ޝަރުތުތަކެއް ފުރިމަވެފައިވާ 5 ގެރި އިސްރާއީލަށް ގެނެސްފިއެވެ. މިހާރު އެ ގެރިތަކަށް ޚާއްސަކުރެވިފައިވާ ބަގީޗާއެއްގައި އުމުރުން 3 އަހަރު ފުރެންދެން އެންމެ މަތީ ސެކިއުރިޓީގައި ގެންދަނީ ބަލަހައްޓަމުންނެވެ. ގެރިތައް ގުރުބާންކުރުމުގެ ޢުމުރުފުރާއަށް އަންނާނީ މިހިނގާ 2024 ވަނަ އަހަރުގެތެރޭގައެވެ.

ކުއްލިއަކަށް ބައިނަލް އަގްވާމީ މީޑިއާތަކުން މި ގެރިތަކުގެ ޚަބަރުތައް މާބޮޑަށް ޚާއްސަ ކުރެވިގެން މިދަނީ ކީއްވެގެންތޯ ބަލާލަން ޖެހެއެވެ.

މިހާހިސާބުން ކިއުންތެރިންގެ ތެރޭގައި ޓެމްޕްލް މައުންޓާއި ޙަރަމުއްޝަރީފް ގެ ވަރަށް ކުރު ޚުލާސާއެއް މިތާނގައި ލިއެލަން ގަސްދުކުރަމެވެ. އަޅުގަނޑު ލިޔަން މިގަސްދުކުރަނީ އާންމުކޮށް ފެންނަންހުރި ތާރީޚީ ލިއުންތަކުގައި ފާހަގަކޮށްފައިވާ މަޢުލޫމާތެވެ. 

ފަހަރެއްގައި އިސްލާމީ ތާރީޚުގައި އެ މަޢުލޫމާތުތައް މާ ފުރިހަމައަށް ބަޔާންކޮށްފައި ހުރެދާނެ އެވެ. ޢިލްމުވެރިން އަޅުގަނޑަށާއި ސަންދާނުގެ ކިއުންތެރިންނަށް އެ މަޢުލޫމާތު ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަކީ އަޅުނޑު ނިހާޔަތަށް އެދޭ ކަމެކެވެ.

ޔަހޫދީންނާއި ނަސާރާއިންގެ މެދުގައި ޓެމްޕްލް މައުންޓްގެ ނަމުން މަޝްހޫރުވެފައިވަނީ ޙަރަމުއް ޝަރީފް ނުވަތަ މަސްޖިދުލް އަގްސާ ހިމެނޭ ސަރަޙައްދެވެ.

އެންމެ ފުރަތަމަފަހަރު ޓެމްޕްލް މައުންޓް ބިނާކުރެއްވީ ސުލައިމާނުގެ ފާނެވެ. އެއީ ގާތްގަނޑަކަށް އީސާގެ ފާނަށްވުރެން 957 އަހަރު ކުރިންނެވެ. އެތަން ހަލާކުކޮށްލި ކަމަށް ތާރީޚުގައި ބުނެފައިވަނީ ބެބީލޯނިއަން ރަސްގެފާނު ނެބޫޗަންދު ނިޒާރު ބައިތުލް މަގްދިސް ފަތަހަ ކުރުމުގެ ތެރޭގައި އީސާގެފާނުގެ ކުރިން 587 ވަނައަހަރު ހިސާބުގައެވެ.

ދެވަނަ ޓެމްޕްލް ޢިމާރާތްކުރުމުގެ މަސައްކަތް ނިމުނީ އީސާގެ ފާނުގެ ކުރިން 515 ވަނަ އަހަރު ހިސާބުގައެވެ. ދެވަނަފަހަރަށް ޓެމްޕްލް މައުންޓް ބިނާކުރުމުގެ މާބޮޑު ތަފްސީލެއް ތާރީޚަކުން އެނގޭކަށްނެތެވެ. އެކަތި އަނެކައްޗާއި ތަޢާރުޒްކުރާ މަޢުލޫމާތުތަކެއް ހުރުމުގެ ސަބަބުން އޭގެ ތެރެއަށް ވަންނަން ބޭނުން ނުވީއެވެ.

ފާރިސްކަރައިގެ ރަސްގެފާނުގެ ހުއްދައާއިއެކު އެދުވަސްވަރު ޔަހޫދީން އެނބުރި ފަލަސްތީނަށް އައީކަމަށް ތާރީޚުން އެނގެއެވެ.  

އީސާގެފާނުގެ ކުރިން 20 ވަނަ އަހަރު ހިސާބުގައި ކިންގް ހެރޯޑް ޓެމްޕްލަ މައުންޓްގެ ސަރަޙައްދު ބޮޑުކުރިކަން އެނގެއެވެ. ދެވަނަފަހަރަށް ޢިމާރާތްކުރި ޓެމްޕްލް ހަލާކުކޮށްލީ އީސާގެ ފާނަށްފަހު 70 ވަނަ އަހަރު ހިސާބުގައި ރޯމަނުންނެވެ. އެފަހަރު އެސަރަޙައްދުގައި ހުރި ކުޑަ ފާރު ހަލާކުކޮށްނުލައި ބެހެއްޓިކަމަށް ވެއެވެ.

އެ ސަރަޙައްދު އެއްކޮށް ގޮނޑުކޮށްފައި އޮއްވާ އީސާގެފާނުގެ ފަހުން 638 ވަނަ އަހަރު ހިސާބުގައި މުސްލިމުންގެ 2 ވަނަ ޚަލީފާ އުމަރުގެ ފާނު އެތަން ސާފު ކުރައްވައި ޔަހޫދީންނަށްވެސް އެ ސަރަޙައްދަށް އައިސްގޮސް ވުމުގެ ހުއްދަ ދެއްވިއެވެ.

މިހާރު ފެންނަންހުރި މަސްޖިދުލް އަގްސާ ޖަމާޢަތުގައި ނަމާދުކުރާ ތަނެއްގެ ގޮތުގައި އެންމެ ފުރަތަމަ ބިނާކުރެއްވީ ޓެމްޕްލް މައުންޓުގެ ދެކުނު ފަރާތު ފާރުގައި އުމައްޔަތު ދަރިކޮޅުގެ 5 ވަނަ ޚަލީފާ އަބްދުލް މާލިކް ނުވަތަ އޭގެފަހުން ވަޑައިގެންނެވި ޚަލީފާ އަލް ވަލީދު ނުވަތަ އެ ދެބޭފުޅުންގެ ޒަމާނުގައި އީސާގެ ފާނަށްފަހު 685 ން  ން 715 ވަނަ އަހަރާއިދެމެދުގައި ކަމަށް ތާރީޚުގައި ބުނެފައިވެއެވެ.

މިހާހިސާބުން ޔަހޫދީންނަށް ރަތްކުލައިގެ އަންހެން ގެރި ގުރުބާންކުރަންޖެހޭ ސަބަބުގެ މައްޗަށް ބަލާލަމާ ހިނގާށެވެ.

ޔަހޫދީން އަގީދާގައި ހިމެނިފައިވާގޮތުން ރޫހާނީ ގޮތުން ސާފު ތާހިރުވުމަށްޓަކައި އެ ގެރިން ގުރުބާންކުރަން ޖެހެއެވެ. ރޫހާނީ ގޮތުން ސާފުތާހިރު ޙާލަތެއްގައި މެނުވީ ބައެއް އަޅުކަން ކުރުން އެމީހުންނަށް ހުއްދައެއް ނޫނެވެ. މިސާލަކަށް ޓެމްޕްލަ މައުންޓުގެ ހުޅަނގުފަރާތު ފާރު އެއީ ޔަހޫދީންނަށް ވަރަށް މުގައްދަސް ތަނެކެވެ.

އެ ތަނުގައި ފިރިހެނުންނާއި އަންހެނުންނަށް ވަކިން އަޅުކަން ކުރެވޭނެ ޖާގަ ހަމަ ޖެހިފައިހުރެއެވެ. އެތަނުގައި އަޅުކަން ކުރަން ދެވޭނީ ރޫޙާނީގޮތުން ސާފު ތާހިރުވެ ހުރެގެންނެވެ. ބައެއްފަހަރު ޚަބަރުތަކުން ފެންނަ ވީޑިއޯ ތަކުގައި އެ ސަރަޙައްދުގައި ވަރަށް މަދު ބަޔަކު ނޫނީ އަޅުކަން ކުރާކަށް ނުތިބެއެވެ. އެއީ މި ބުނި ސަބަބާ ހުރެއެވެ.

ހުޅަނގު ފާރު ނުވަތަ ވެއިލިންގް ވޯލް ނުވަތަ ކޯޓެލް ކައިރީގައި އަޅުކަން ކުރުމުގައި ދުލުން ކިއުމާއި ސިޓީ ލިޔެފައި ފާރުގައި ހުރި ރެނދުތަކުގެތެރޭގައި ފޮރުވުން ހިމެނެއެވެ. ފާރުތެރެއިން އެ ކަރުދާސްތައް ނަގާފައި އެ ސަރަޙައްދުގައި ފަހުން ވަޅުލަނީއެވެ. އެމީހުންގެ އަގީދާގައި ވަޅުލެވޭ ކަރުދާސްތައް މާތް ﷲ ގެ ޙަޒްރަތަށް އުފުއްލަވާނެއެވެ.

– ނުނިމޭ ….

Loading

6 Responses

  1. ރަތްގެރިއެއްނޫން، ހިތްތަކަށްހަމަޖެހުން ގެނެސްދޭ ރީނދޫކުލައިގެ ގެރިއެއްކަމަށް ޤުރްއާންގެ ދިވެހިތަރުޖަމާގަބަޔާން ކޮށްފަ އޮންނާނީ..

  2. ދޮށީބެއަށް ޝުކުރިއްޔާ…..އަޅުގަނޑު ދިވެހިބަޔަށް ގެނެއްސާ އެވަނީ ޚުތުބާގައި އިނގިރޭސިބަހުން ޝައިޚް މުއިއްޒު ވިދާޅުވެފައިވާ ބަސް “ ދަ ރެޑް ހައިފަރ “ އެވެ. ލިއުމުގެ އަސްލަކަށް އަޅުގަނޑު ބެލީ އެ ޚުތުބާއެވެ.

  3. Komentu rangalheve. Reendho kulaige geri
    ekeve. Reendho kulaah Arabi
    .bahun kiyanee Sofraau eve.
    Ahumaru kiyanee Raiy kula asheve.
    Balaameehunge hiythakahufaaverikan genesdhey Reendho kulaige geriekeve

    1. ކީއްވެ އަސްލުނަން ޖަހާލައިފައި އޮޅުންފިލުވައިނުދިނީ ގޯހިއްޔާ. މަ ގޫގުށްލީމާވެސް ދަ ރެޑް ހައިފާ

  4. އަޅުގަނޑުގެ ލިއުމުގައި ބޮޑަށް ގެނެސްދެވޭތޯ ބަލާފައިވާނީ ޔަހޫދީންގެ އަގީދާއާއި މިހާރު ފަލަސްތީނުގެ ބިމުގައި ޔަހޫދީން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާހުރި ގުޅުން ހުރި މިންވަރު ކޮންމެވެސް ވަރަކަށް އަލިއަޅުވާލުމަށެވެ.
    ޔަހޫދީން ގަބޫލުކުރާ ތައުރާތުގެ ފޮތެއްކަމުގައިވާ ( ރޯމަން ފިގަރުން، ނަމްބަރ އެކްސް އައި އެކްސް 10-1 ) ގައި ބުނެފައިވާ އެއްޗަކާއި ކީރިތި ގުރުއާނުގެ ބަގަރާ ސޫރަތުގެ 60 ގެ އާޔަތްތަކުގެ މައްޗަށް ލިއުމުގެ ގާބިލުކަންވެސް އަޅުގަނޑުގެ ކިބައިގާ ނެތެވެ. އަދި އެއީ މި އާރޓިކަލް ލިއުމުގައި އަޅުގަނޑުގެ މަގްސަދެއްވެސް ނޫނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް