ޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓް ކުރުމުގެ އެއްބަސްވުމުން ރަޝިޔާ އެކަހެރި ވުމަށްފަހު އެފްރިކާ ބައްރުގެ ބައެއްގައުމުތަކަށް ކާބޯތަކެތި ލިބުން ދަތިވެފައިވާތީ އެފްރިކާގެ 6 ގައުމަކަށް ހިލޭ އެހީގެ ގޮތުގައި ގޮވާމުގެ ބާވަތްތައް ފޮނުވާދޭއްވާނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުގެ ސަބަބުން ބައިނަލް އަގްވާމީ ދަނޑުގައި ރަޝިޔާއެކަހެރި ވެފައިވާ މި ދަނޑިވަޅުގައި އެފްރިކާގެ ގައުމުތަކާއިއެކު ގުޅުން ބަދަހިކުރަން ރައީސް ޕޫޓިން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ނަތީޖާ ލިބެމުންދާ މިންވަރެއް ދެނެގަތުމުގެ ބޭނުމުގައި އެފްރިކާ ގައުމުތަކުގެ ވެރިންނާއިއެކު ސެއިންޓް ޕީޓަރސްބާރގް ގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޕޫޓިންވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބުރުކިނާ ފާސޯ އާއި ޒިމްބާބުވޭ އާއި މާލީ އާއި ސޮމާލިއާ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކާއި އަދި އެރިތުރިއާއަށް ކޮންމެ ގައުމަކަށް 25 ހާސް އާއި 50 ހާސްޓަނާ ދެމެދުގެ ގޮވާން ރަޝިޔާއިން ފޮނުވާ ދެއްވާނެ ކަމަށެވެ.
ދެކުނު އެފްރިކާއާއި އެފްރިކާގެ އިތުރު ސަތާރަ ގައުމެގެ ވެރިން ރައީސް ޕޫޓިންނާއިއެކު މި ބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގަތެވެ. އެކަމަކު ހުޅަނގުގެ ގައުމުތަކުން ގެންދިޔައީ އެ ގައުމުތަކުން ބައިވެރި ނުވުމަށް ބާރުއަޅަމުންނެވެ.
ކްރެމްލިންއިން މަޢުލޫމާތު ދީފައިވާގޮތުގައި މި ބައްދަލުވުމުގައި ޔޫކްރެއިންގެ މައްސަލައާއި އަދި ސިފައިންގެ ބަޣާވަތަކުން މިހާރު ހައްޔަރުކޮށްފައިވާ ނައިޖަރުގެ ރައީސް މުޙައްމަދު ބަޒޯމްގެ މައްސަލާގައިވެސް މަޝްވަރާ ކުރެވޭނެއެވެ.
މިއީ އެފްރިކާގެ ލީޑަރުންނާއެކު 2019 ވަނައަހަރުން ފެށިގެން ރަޝިޔާއިން ބާއްވަމުން ގެންދަވާ ދެވަނަ ބައްދަލުވުމެވެ. މިދިޔަ ބުދަދުވަހު ރައީސް ޕޫޓިން ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ އާއި އިތިއޯޕިޔާގެ ބޮޑުވަޒީރު އަޙުމަދު އަބީއާއި ބައްދަލު ކުރައްވާފައެވެ.
ބްލެކްސީ ތެރޭންލާފައި ޔޫކްރެއިނުގެ ގޮވާން އެކްސްޕޯރޓް ކުރުމުގެއެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ރަޝިޔާއިން އެއްބަސް ނުވާނެކަން ތަކްރާރުކޮށް ގެންދަނީ ހާމަކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެފްރިކާގެ ގައުމުތަކުގައި ކާބޯތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ. މިދިޔަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން ޔޫކްރެއިނުން 33 މިލިއަން ޓަނުގެ ގޮވާން ވަނީ އެކްސް ޕޯރޓް ކޮށްފައެވެ. އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗަށްކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނެވުނެވެ.
ޔޫކްރެއިންގެ ގޮވާން އެކްސްޕޯރޓް ކުރުމުގެ އެއްބަސްވުމުން ރަޝިޔާ އެކަހެރިވެފައި ވުމުގެ ސަބަބުން އެފްރިކާގެ ގައުމުތައް ބަޑަށް ޖެހުމުގެ ފުރުސަތު މެދުވެރިވަމުން ދާތީ އެކަމާއިމެދު ރައީސް ޕޫޓިން އަރިހުގައި ސުވާލު ދެންނެވުމަށް ރަޝިޔާ އާއިއެކު އެފްރިކާގެ ލީޑަރުން ބާއްވަމުން ގެންދަވާ ސަމިޓުގެ ބައިވެރިންނަށް އެމެރިކާގެ ޚާރިޖީ ވަޒީރު ގެންދެވީ ބާރުއަޅުއްވައި އިލްތިމާސް ކުރައްވަމުންނެވެ. ނިއުޒީލޭންޑަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެފައިވަނީ އެފްރިކާގެ ލީޑަރުންގެ ސުވާލުތަކުން ރައީސް ޕޫޓިން ރަނގަޅަށް އަނގަބަންދު ކޮށްލާނެކަމަށް އަހަރެން އުންމީދު ކުރަމެވެ.
ސެއިންޓް ޕީޓަރސްބާރގުގައި މި ބައްދަލުވުން ބޭއްވެމުން މިދަނީ ބްރިކްސްގެ ވެރިންގެ ބައްދަލުވުން ދެކުނު އެފްރިކާގެ ޖޮހަނަސްބާރގްގައި ބޭއްވުމަށް މަސްދުވަހަށް ވެފައި ވަނިކޮށެވެ. ދެކުނު އެފްރިކާއިން އެންމެފަހުން ބުނެފައިވާ ގޮތުގައި ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގެ އަމުރުގެ ސަބަބުން ދެކުނު އެފްރިކާގެ ސަމިޓްގައި ރައީސް ޕޫޓިން ބައިވެރިވެ ވަޑައިގަންނަވާނީ އޮންލައިންކޮށެވެ.