ރާއްޖޭގެ ދެކުނާއި އުތުރުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ގޮފި އުވާލުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަތަރު ބިލެއް ހުށަހެޅުމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވާފައިވާއިރު އޭގެ ތެރޭގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް ހިމެނެއެވެ.
އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ގޮފިތައް އުވާލުމަށާއި ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އެނޫންވެސް އިސްލާހު ތައްވެސް މިބިލުގައި ވަނީ ހުށަހަޅާފައެވެ.
އޭޖީ އޮފީހުން ބުނީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަނީ ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމުގައި މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ގާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ކަމާގުޅޭ އުސޫލުތައް ކުރިއެކޭވެސް އެއްފަދައިން ގާނޫނުގައި ކަނޑައެޅުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްކަމަށެވެ.
ރާއްޖޭގެ ދެކުނާއި އުތުރުގައި ހައިކޯޓުގެ ގޮފިތައް ގާއިމްކުރީ ރައީސް ޔާމިންގެ ދައުރުގައި 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ސިޓީ އަދި އައްޑޫ ސިޓީގައި ހައިކޯޓް ގޮފި ވަނީ ގާއިމް ކޮށްފައެވެ.
ހައި ކޯޓްގެ ގޮފިތައް އުވާލުމުގެ އިތުރުން އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ފަނޑިޔާރުންގެ ގާނޫނާއި, ފެނާއި ނަރުދަމާގެ ގާނޫނުގެ އިތުރުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުމާއި ގުޅޭ ބިލެއް ވެސް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.