މުޣަލް އެމްޕަޔަރ -16

Loading

Facebook
Twitter
WhatsApp

http://sandhaanu.today/15769/ އާއި ގުޅޭ….

18 ވަނަގަރުނުގެ މެދުތެރެއަށް އައިއިރު ޕެޝްވާސުންގެ ލިއެކިއުންތަކުގައި ގައިވާޑުންގެ މިލްކިއްޔާތުގެ ބޮޑުބައެއް ފާހަގަ ކޮށްފައިވަނީ ސިފައިންގެ ލަޝްކަރު ތަކަށް ޚަރަދު ކުރުމަށްޓަކައި ހަވާލު ކުރެވިފައިވާ މިލްކު ނުކުރެވޭ މުދަލުގެ ގޮތުގައެވެ. އަދި އެމީހުންގެ ވެރިމީހާއަށް މުޚާތަބު ކުރެވެނީވެސް ޖާގިރުދާރުގެ ނަމުންނެވެ. ސިންދިޔާއިންނާއި ހޯލްކާރުން އަދި ބައެއް ކުދިކުދި އަވަށް ތަކުގެ ވެރިން ކަމުގައި ބެލެވެމުންދިޔަ ޕަވަރުންނާއި ދަރުންވެސް ތިބީ މިފަދަ ގޮތެއްގައެވެ. އެހެންނަމަވެސް ހޯލްކާރުންގެ އިގްތިސާދީ ކުރިއެރުންތައް ދުވަހެއް ދުވަހަކަށް ކުރިއަރަމުން ދިޔަކަން ފާހަގަ ކުރަންޖެހެއެވެ. 1730 ވަނައަހަރު މަލްވާރް ރާއޯ ހޯލްކާރަކީ އިރުމަތީ ގުޖުރާތުގެ މަލްވާއާއި ޚަންދޭޝްގައި އާމްދަނީން ޓެކްސް ނެގުމުގައި ވަރަށް އިސްމީހެއް ކަމުގައި ވެގެންދިޔައެވެ.

ކުޑަދުވަސްކޮޅެއްގެތެރޭގައި މަލްހާރް ރާއޯ ގެ އަމިއްލަ އޮފީސްތައް އިންޑޯރް ގައި ގާއިމްކޮށް އެ ހިސާބުގަނޑުގެ މުޅި ވިޔަފާރި ކޮންޓްރޯލްކޮށް ބަންހާޕޫރުގައި ވިޔަފާރީގެ މައިމަރިކަޒު ގާއިމް ކުރިއެވެ. އޭނާ މަރުވުމަށްފަހު އެ ބޮޑު ވިޔަފާރީގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންގެންދިޔައީ އޭނާގެ ފިރިހެންދަރީގެ ހުވަފަތް އަނބިމީހާ އަހަލްޔާބާއީ އެވެ. އެއީ 1765 އިން 1794 އަށެވެ. އެއީ ހޯލްކާރުންގެ އެންމެ ކާމިޔާބު ދުވަސްވަރެވެ. އެހެންނަމަވެސް 1761 ވަނަ އަހަރުގައި ހިނގި ޕަނިޕެޓުންގެ 3 ވަނަ ހަނގުރާމައަށްފަހު ޖެހިގެންއައި އަހަރުތަކުގައި ސިންދިޔާއިން އުތުރު އިންޑިއާގެ ސަރަހައްދު ތަކަށް ބާރުވެރިވެގަތް ފަދައަކުން ހޯލްކާރުންނަކަށް އެއްވެސް ސަރަހައްދެއްގައި ފައިތިލަ ސާބިތުކޮށެއް ނުލެވުނެވެ. ހަމައެފަދައިން ސިންދިޔާއިންނަށްވެސް ބާރުގަދަކޮށްލައިގެން ތިބެންޖެހުނީ ހަމައެކަނި މެދުތެރޭ އިންޑިއާގައެވެ. 1794 ވަނައަހަރު މަހާދާޖީ ސިންދިޔާގެ ވެރިކަމުގައި ހިނގާދިޔަ ޕަނިޕެޓުންގެ ހަނގުރާމައަށްފަހު ސިންދިޔާއިންގެ ބާރު އިތުރު ހިސާބުތަކަށް ފެތުރޭ ތަން ފެންނާން ފެށިއެެވެ. މަހާދާޖީގެ ދިގު ވެރިކަމުގައި އިނގިރޭސި ކުލީސިފައިންގެ ފައުޖުތައް ބޭނުންކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހަނގުރާމަތަކުގައި ބޭނުންކުރެވެމުންދިޔަ ލުއި ހަތިޔާރުތަކުގެ ބަދަލުގައި ބަރު ހަތިޔާރު ބޭނުންކުރެވެން ފެށުނެވެެ.

އަދި ޝާހު އާލަމް 2 ގެ ވެރިކަމުގައި މުޣަލް ރަސްކަމުގެ ޚާއްސަ މުޝީރަކަށް މަހާދާޖީ އައްޔަންކުރުމާއި އެކު ކުރިން އަފްޣާނުންގެ ދުވަސްވަރު ހަލާކުވަމުންދިޔަ އުތުރު އިންޑިއާގެ އެއްގަމު މަގުތައް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމާއި މިކަހަލަ ރަނގަޅު އެތައް ކަންތައްތަކެއް ހިންގުމުގެ ސަބަބުން އޭނާއަކީ މަރާތުންގެ ތެރޭގައި އުފެދުނު އެންމެ މަގުބޫލު ޝަޚްސިއްޔަތު ކަމުގައި ފާހަގަކުރެވިގެން ދިޔައެވެ. ދެން ފާހަގަކުރެވެންފެށީ އޭނާގެ ދިގުހިޔަނި ދިއްލީ އާއި ޢަގްރާ ހުރަސްކޮށް ރާޖަސްތާނާއި ގުޖުރާތަށްވެސް ފޯރަންފެށިތަނެވެ. މަހާދާޖީގެ މި އަމަލުތައް ކުރިޔަށްދާން ފެށިގޮތް އީސްޓް އިންޑިއާގެ ވެރިންނަށާއި ޕޫނާގައި ތިބި ނާނާ ފަދްވާނިސް ފަދަ އޭނާގެ ވާދަވެރިންގެ ތެރޭގައި ނުތަނަވަސްކަން އުފައްދަން ފެށިއެވެ.

ނަތިޖާއެއްގެގޮތުން މަހާދާޖީއަށްފަހު ވެރިކަމަށް އިސްކުރެވުނު ދަވްލަތު ރާއޯ ސިންދިއާއަކަށް އެ ފެންވަރުގައި ކުރިއަކަށް ނުގެންދެވުނެވެ. އަދި އެންމެފަހުން 1803 ވަނައަހަރު އިނގިރޭސީންނާއެކު ކުރަންޖެހުނު މަޝްހޫރު ސުރުޖީ-އަރުޖުންގާއޮތް މުޢާހަދާގެ ދަށުން އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ އުތުރާއި ހުޅަނގުގެ އެންމެހާ ސަރަހައްދުތައް އިނގިރޭސީންނާ ޙަވާލުކުރަންޖެހުނެވެ.

މުޣަލް ރަސްކަން އަރިއަޅާލައި ވެއްޓެމުން ދިޔައިރުވެސް މަހާދާޖީ ސިންދިޔާފަދަ ޝަޚްސިއްޔަތުތަކެއް އެ ރަސްކަމަށް ބައިއަތު ހިފައިގެން ތިބުމުގެ ސަބަބުން އެ ރަސްކަމުގެ ހައިބަތާއި ގަދަރު އޮތީ ހިފޭއްޓިފައެވެ. މިސާލެއްގެ ގޮތުން އިނގިރޭސީންގެ އަތުން ގްވާލިއޯރ ސަރަހައްދު އަނބުރާ މިނިވަންކުރުމަށްފަހު އެއީ މުޣަލް ރަސްކަމުގެ ފަރާތުން އޭނާއާއި ހަވާލުކޮށްފައިވާ ސަރަހައްދަކަށްވާތީ އެތަނުގެ ބާރުވެރިކަން އެހެންފަރާތަކުން ފޭރިގަންނާކަށް ފުރުސަތެއް ނުދިނެވެ. ހަމަ އެފަދައިން ޝާހު ޢާލަމް 2 އޭނާއަށް ދެއްވި އަމީރުލް އުމްރާ ( ޕްރިންސް އޮފް ޕްރިންސް ) އާއި ކޮމާންޑަރ އިން ޗީފް އަދި ނާއިބް ވަކީލޭ މުތުލަގް ( ޚާއްސަ މުޝީރު ) ގެ ޝަރަފްވެރި ލަގަބަށް އެއްވެސް ކިލަނބުކަމެއް ނާންނާނެގޮތަށް ރައްކާތެރި ވިއެވެ. އަދި މުޣަލްގެ ވެރިކަން ނިމިގެންދާ މަންޒަރުގެ ތެރޭގައިވެސް މުޣަލް ރަސްކަމުގައި އެކުލަވާލާފައިވާ ހިންގުމުގެ ނިޒާމުތަކާއި އިގްތިސާދީ ރޭވުންތެރިކަން ބަދަލުކުރާކަށް އެއްވެސް ސަރަހައްދަކުން ބޭނުމެއް ނުވިއެވެ.

1720 ވަނައަހަރަށް ފެށުނުއިރު މުޣަލް ވެރިކަމުގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތަކަކީ އޭގެކުރިން ދުވަހަކުވެސް އެ ރަސްކަމުގެ ބާރުގެ ދަށުގައި ނުހިމެނޭފަދަ ބޮޑު ސަރަހައްދެކެވެ. އޭގެ ތެރޭގައި އެއްވެސް ދުވަސްވަރެއްގައި މަރުކަޒީ ސަރުކާރުގެ ބާރުނުހިނގާ ދެކުނު އިންޑިއާގެ ބޮޑު ސަރަހައްދެއްވެސް ހިމެނުނެވެ. އެހެންނަމަވެސް މުޣަލް ރަސްކަމުގެ ފަރާތުން ކަމަށްބުނެ މަރާތުންއައިސް ބައެއްފަހަރު ޓެކްސް ނެގުންފަދަ މުޢާމަލާތު ހިންގިއެވެ. މިފަދަ މުޢާމަލާތުތަކެއް މައިސޫރުގައިވެސް އެމީހުން ހިންގަމުން ގެންދިޔައެވެ. މައިސޫރަކީ މުޣަލް ރަސްކަމުގެ ބައެއްކަމުގައި ރަސްމީގޮތުން ހަމަޖެހުނީ 1690 ވަނައަހަރުގައެވެ. އެކަންފާހަގަކުރުމުގެ ގޮތުން އޭރު މައިސޫރުގައިވެރިޔަކަށްހުރި ޗިއްކާ ދޭވާ ވަޑިޔާރުގެ ސަފީރަކު އައުރެންގެޒޭބް އަރިހަށް ފޮނުވިއެވެ. އަދި މައިސޫރުން މުޣަލް ރަސްކަމަށް ކަނޑައެޅިފައިވާ އުސޫލުން ޖިޒީ ދައްކަން ޖެހުނެވެ. ނަމަވެސް ޑެކަން ސަރަހައްދުގައި މުޣަލްގެ ވެރިކަން ބައިބައި ވެފާ އޮތުމުގެ ސަބަބުން މިކަމަށް ކޮންމެވެސް ވަރަކަށް ހުރަސް އެޅެމުން ދިޔައެވެ. މިޙާލަތުގައި މަރާތުންގެ ބައެއް އިސް މީހުން މައިސޫރު ގެ ރަށްތައް ފޭރުމުގައި ކުރީގެ މުޣަލް އެމްޕަޔަރގައި ވަރަށް އިސްދައުރެއް އަދާކުރަމުން ގެންދިޔަ ޗީން ގިލިޗް ޚާންގެ ފަރާތުންވެސް އުނދަގޫތަކެއް ކުރިމަތި ކުރަމުން ގެންދިޔައެވެ. އޭނާއަކީ އޭރުވެސް އަމިއްލައަކަށް ނިޒާމުލް މުލްކުގެ ލަގަބުގައި ޑެކަންސަރަހައްދުގެ ހައިދަރ އާބާދުގައި މުޣަލް ވެރިކަމާ ދެކޮޅަށް އަމިއްލަވެރިކަމެއް ގާއިމުކޮށްގެން އުޅޭ މީހެކެވެ.

މި ޙާލަތުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އަނެއްކަމަކީ މުޣަލްގެ ވެރިކަން ހަމައެކަނި ދިއްލީ ސަރަހައްދަށް ކުޑަވެފައިވުމާއެކު މައިސޫރު އޮތީ އަޅާނުލެވިއެވެ. ހަމަ މިފަދައިން އުތުރުގެ ބައެއް އެހެން ސަރަހައްދުތައްވެސް އަޅާނުލެވި އޮތުމުގެ ސަބަބުން މުޣަލް ރަސްކަމުގެ ތެރޭގައި ދެމިއޮތުމާމެދު ތަފާތު ވިސްނުންތައް ގެންގުޅެމުން ދިޔައެވެ. މިކަހަލަ ކޮންމެ ތަފާތު ވިސްނުމެއް އިތުރަށް ހޫނުކުރަން ސަފާވިދުން ތިބެނީ ބަލަބަލައެވެ. އުތުރުގެ ސަރަހައްދުތަކަކީ މައިގަނޑުގޮތެއްގައި މިހާރުގެ އަފްގާނިސްތާނުގެ ސަރަހައްދުތަކެވެ. އެތާނގައި އޮންނަ ބާރުގަދަ ދީނީ ވިސްނުމެއްގެ ސަބަބުން ސަފާވިދުންނަށް އަދި މުޣަލް އެމްޕަޔަރަށްވެސް އެމީހުންގެ ސަފުތައް ވަކިވަކި ކުރެވޭނެގޮތެއް ނުފެނެއެވެ. އެމީހުންނަށް އެހީތެރިވެދޭ ފަރާތަކާއެކު ގާއިމުވެ ތިބޭނެއެވެ. މީގެ މިސާލެއްގެ ގޮތުން 16 ވަނަ ގަރުނުގެ ފަހުކޮޅު އަދި 17 ވަނަގަރުނުގެ ކުރީކޮޅު ބާޔާޒީދު އަންސާރީގެ “ ރޯޝަނީ މޫވްމެންޓް “ އިން ހިންގި އިދިކޮޅު ހަރަކާތްތައް މުޣަލްގެ އެހީގައި ހުއްޓުވުމާއި އަދި އައުރެންގްޒޭބްގެ ވެރިކަމުގައި އޭނާގެ ވެރިކަމުގެ ދަށުގައިހުރި އަވަށްތަށް އަތުލުމަށް ޕޮސްތޫންގެ ވެރިޔަކަށްހުރި ޚުޝްހާލް ޚާން ކަތަކް އިސްލާމީ ހަރުކަށި ފިކުރުގެ ނަމުގައި ދިން އުދުވާންތައް ފާހަގަކުރެވެއެވެ. ޚުޝްހާލް ޚާން ބޭނުން ކުރި އުކުޅުތަކުގެ ތެރޭގައި ސޫރުގެ ސޭރުޝާހުގެ ދުވަސްވަރު އަފްޣާނުންގެ ރަށްތަކުން ހުމާޔޫންގެ ރަސްކަމުގައި މުޣަލް އެމްޕަޔަރ ބޭރުކުރި ހުނަރުވެރި ގޮތުގެ މައްޗަށް ހަދާފައިވާ ޅެންތައް ބޭނުންކުރުން ފާހަގަކުރެވެއެވެ. މިފަހަރު މި އުކުޅު ބޭނުން ކޮށްގެން ސަފާވިދު ގަވަރނަރުގެ ބާރުގެ ދަށުގައި އޮންނަ ކަންދަހާރުގައި ޕޮސްތޫންގެ ވެރިކަމެއް ގާއިމްކުރުން ކާމިޔާބު ކުރެވުނެވެ.

…ނުނިމޭ…

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް