މުޣަލް އެމްޕަޔަރ- 15

Loading

Facebook
Twitter
WhatsApp

http://sandhaanu.today/15653/  އާއި ގުޅޭ…

މުޣަލް ރަސްކަމުގެ ލަޝްކަރުތަކާއި ކުރިމަތިލާންޖެހުމުގެ ސަބަބުންނާއި އަދި ޝިވާޖީގެ ވިސްނުންވެސް ކުރީގައި އެގޮތަށް ބައްޓަންކޮށްފައި އޮތުމުން ރާޖާރާމް ގަސްދުކުރީ ތަމަޅައިންގެ ވަޒަންތަކަށް އޭނާގެ މައިމަރުކަޒު ބަދަލުކުރުމަށެވެ. އެތަނުގައިހުރި ވިޖަޔާނަގަރ ރަސްކަމަށް ނިސްބަތްކުރެވޭ ރަސް ރަސްކަލުން ޖިންޖީ އަވަށުގައި ބިނާކުރި ވަރުގަދަ ކިއްލާގައި އަދި އޭގެފަހުން އެ ރަސްކަމުން އުފެދު ކުރިތަކުގެ ރަސް ރަސްކަލުން ކަމަށްވާ ނަޔާކާ ރަސްކަމުގައި ވެސް ބޭނުންކުރި އެ ކިއްލާގައި އަށް އަހަރު ދުވަސް ވަންދެން ރާޖާރާމް ހިމާޔަތް ހޯދައިގެން ހުއްޓެވެ.

އެއީ 1690 ގެ އަހަރުތަކުގައެވެ. ރާޖާރާމް އެ ކިއްލާގައި ހުރި ދުވަސްތަކުގައި އެ ކިއްލާއޮތީ މުޣަލްރަސްކަމުގެ ސިފައިން ހިސާރުކޮށްފައެވެ. އެދުވަސްވަރު މަރާތުންގެ ބާރުވެސް ކުޑަވަމުންދާކަމުގެ އަސަރުތައް ކޮންމެވެސް ވަރަކަށް ފެންނަމުންދިޔައެވެ. މުޣަލް އެމްޕަޔަރާއެކު ކުރެވުނު މުޢާހަދާއެއްގެ ދަށުން 18 ވަނަގަރުނަށް ފެށުނުތަނާހެން ކޮންމެވެސް ވަރަކަށް މަރާތުންގެ ބާރުތައް ގަދަވާތަންވެސް ފެނިގެންދިޔައެވެ. އެކަމަކު ރާޖާރާމް ވަރިކުރި އަނބިމީހާ ތާރާބާއީ އާއި ދެމެދު އުފެދު ތަފާތުތަކެއްގެ ނަތީޖާއަކަށްވީ ޝާހޫން އަށް 1708 ގައި ތަޚްތު ލިބުމެވެ.

ޝާހޫންގެ ރަސްކަމުގައި ހޭދަވެގެންދިޔަ ސާޅީހަކަށް އަހަރު ދުވަސް ވެގެންދިޔައީ ސިޓްޕާވަން ބްރަހްމިނުންގެ އިލްމުވެރިންނަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދިޔަ ދުވަސްތަކަކަށެވެ. އަދި މަރާތުންގެ ސަރަހައްދުތަކުގެ މުޅިކޮންޓްރޯލް އެމީހުންގެ ބާރުގެ ދަށަށްގޮސް ބޮންސް ލޭންނަކީ އެއްވެސް ބާރެއްނެތް ހަމައެކަނި ނަމެއިގައިތިބި ބޮޑުންތަކަކަށް ވެއްޖެއެވެ. ޝާހޫންގެ ވެރިކަން ފެތުރުމުގައި އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ޕެޝްވާސް ( ޗީފް މިނިސްޓަރ ) އެއްގެގޮތުއިހުރި ބާލާޖީ ވިޝްވަނާތެވެ. ހަމައެއާއެކު ވިޝްވަނާތަންއަށް ފަހު ވެރިކަމަށް އައި ބާޖީ ރާއޯގެ ވެރިކަމުގައި 1720 އިން 1740 އަށް ކުރިއަށްވުރެން އެތައްގުނައަކަށް މަރާތުންގެ ސަރަހައްދު ފުޅާކުރިއެވެ. އަދި މުޣަލް އެމްޕަޔަރުން ޓެކްސް އޮފިސަރުން ބޭނުންކޮށްގެން ނަގަމުން ދިޔަ ޓެކްސް ގެ އުސޫލުތައް ބަދަލުކުރުމާއެކު ގަނޑުކޮށް ޓެކްސް ނެގުންވެސް ތަޢާރުފް ކުރެވިގެން ދިޔައެވެ.

މިބަދަލުތައް ގެނެވުނީ މަރާތުންނާއި މުޣަލްއާއި ދެމެދު އެއްބަސްވެވުނު މުޢާހަދާއެއްގެ ދަށުންނެވެ. ޓެކްސް ނެގުމާބެހޭ އެންމެހާ ލިއެކިއުންތަކެއް ބަލަހައްޓަކުން ގެންދިޔައީ މުޣަލް އެމަޕަޔަރގެ ރަސްމީ ބަސް ކަމުގައިވާ ފާރިސީ ބަހުންނެވެ.

ޝާހުންގެ ވެރިކަން ނިމުމަކަށްއައިރު މަރާތުންނަށްޓަކައި ތަފާތު ގިނަ ގަވައިދުތަކެއް ހެދިފައި ހުއްޓެވެ. އެއީ ދަނޑުވެރިކަމާއި ވިޔަފާރިއާ ބޭންކިންފަދަ އެތައް ދާއިރާއަކުން އެމީހުން ހޯދައިފާ ކުރިއެރުންތަކަށް ކޮންމެހެން ބޭނުންވާގަވައިދު ތަކެއް ކަމުގައި ބެލެވެއެވެ. ބޭންކުތަކުގެ މައި މަރުކަޒު ޕޫނާގައި ހުރިއިރު އޭގެ ގޮފިތައް ގުޖުރާތާއި ގަންގާކޯރުގެ ސަރަހައްދުތަކާއި އަދި ދެކުނުގެ އަވަށް ތަކުގައިވެސް ގާއިމްކުރިއެވެ. ވިސްވަނާތު ބާލާޖީގެ ޚާއްސަ ބެލެހެއްޓުމެއްގެ ދަށުން ދަނޑުވެރިކަން ކުރިއެރުވުމާއި އަދި އޭގެ އުފެއްދުންތައް ގޮނޑުދޮށުގެ ރަށްތަކަށް ފޯރުކޮށް ދިނަމަށްޓަކައި ބޯޓުފަހަރު ދުއްވުމުގެ ޚިދުމަތް ތަޢާރުފް ކުރެވިގެން ދިއައެވެ.

ނަަމަވެސް ބޯޓުފަހަރު ދުއްވުން ތަޢާރުފް ކުރުން ވެގެންދިޔައީ އޭރު އެތަނަށް ޚާއްސަކޮށް ބޮމްބޭ ސަރަހައްދަށް އައިސްތިބި އިނގިރޭސީންނާއި ދާމަން އަދި ގޯވާއަށް އައިސްތިބި ޕޯޗްގީޒުންނަށް ވަރުގަދަ ބޮލުރިހުމަކަށެވެ. މިނޫނަސް ވަރަށް ގިނަ ތަފާތު ގޮތްގޮތަށް މަރާތުންގެ ބާރު ފެތުރުމުގެ ހަރަކާތްތައް ހިންގަމުން ގެންދިޔައެވެ. އޭގެތެރޭގައި މަރާތުންނަށް ބައިއަތު ހިފައުގެންތިބި ނުފޫޒުގަދަ މީސްމީހުންނަށް އެމީހުންގެ އަވަށްތައް ކޮންޓްރޯލް ކުރުމުގެ ބާރުތައް ހޯދާދިނުމާއި އެހެނިހެން އަވަށްތަކަށް އަރައި ލޫޓުވުންފަދަ އެތައް ކަމެއް ހިންގަމުން ގެންދިޔައެވެ. މަރާތުންގެ އެހީގައި ބާރުގަދަކުރި އަވަށްތަކުގެ ވެރިންގެތެރޭގައި ގައިވާޑުންނާއި ސިންދިޔާއިންނާއި ހޮލްކާރުން ޚާއްސަގޮތެއްދައި ފާހަގަކުރެވެއެވެ. އޭގެ އިތުރުން ބޮންސްލޭ ޚާންދާނަށް ނިސްބަތްކުރެވޭ ބައެއް މީހުންވެސް ނާގުޕޫރާއި ކޮލްހާޕޫރުފަދަ ބައެއް ސަރަހައްދުތަކުގެ އިސް ސަފަށް ނެރުން ހިމެނެއެވެ. ކޮލްހާޕޫރުގެ އިސް މަގާމުތަކަށް ނެރުނީ ރާޖާރާމްގެ އަންހެނުން ތާރާބާއިގެ ޚާންދާނަށް ނިސްބަތްވާމީހުންނެވެ. 1708 ގައި އޮތް ޝާހުންގެ ރަސްކަން ގަބޫލުނުކޮށް ތާރާބާއި މަސައްކަތްކުރީ މުޣަލުންގެ ބައެއް ސަފުތަކާއެކުގައި ގުޅުން ބަދަހި ކުރާށެވެ. ކޮލްހާޕޫރުގެ ބޮންސްލޭންނަށް ނިސްބަތްކުރެވޭ މީހުންގެ ބާރުގެ ދަށުގައި މަދު އަވަށްތަކެއް 19 ވަނަގަރުނު ފެށުމާހަމަޔަށްވެސް ހުއްޓެވެ. މަރާތުންގެ ހަނގުރާމައިގާ އެމީހުންގެ ރާޖާ އިނގިރޭސިންނާ ބައިއަތު ހިފުމާއިހަޔަށް އެކަން އެގޮތުގައި ހިނގަމުންދިޔައެވެ. މަރާތުންގެ މައި މަރުކަޒެއްކަމުގައި ބަލަނީ ޑެކަން ސަރަހައްދު ސަޓާރާއެވެ.

ކޮލްހާޕޫރުގެ ބޮންސްލޭންނާއި ޚިލާފަށް ނާގުޕޫރަށް ނިސްބަތްކުރެވޭ ތަންޖާވޫރަށް ނިސްބަތްކުރެވޭ ވިޔަމްކޯޖީން ދެކޭގޮތުގައި އެމީހުންނަކީ ސަޓާރާގެ ވެރިންގެ ޚާންދާނާއި ސިދާގުޅިފައިތިބި ބައެކެވެ. އެމީހުން ދެކޭގޮތުގައި އެމީހުންނަކީ 1727 އިން 1755 އަށް ވެރިކަންކުރި ރަގޫޖީ ބޮންސްލޭ ގެ ޚާންދާނާ ގުޅިފައިތިބި ބައެވެ. 1740 ގެ އަހަރުތަކުގައި އަދި ފަހުން 1750 ގެ ކުރީކޮޅު ބަންގާޅާއި ބިހާރު ފަދަ ސަރަހައްދުތައް މަރާތުންގެ ބާރުގެ ދަށަށް ގެނައުމުގައި ރަގޫޖީ ބޮންސްލޭ ވަރަށް އިސް ރޯލެއް އަދާކުރިއެވެ. އެހެންނަމަވެސް ރަގޫޖީ ބޮންސްލޭގެ ފަހުން އައި ވެރިންކަމުގައި ބެލެވޭ ޖަނޯޖީ އާއި ސަބާޖީ އަދި މުދޯޖީ އާއި ޕެސްވާސުން ( ޗީފް މިނިސްޓަރުންގެ ގޮތުގައި މުޚާތަބުކުރެވޭ މީހުން ) ގެ ގުޅުން ތަފާތު ގޮތްގޮތަށް މާނަކުރެވޭއެވެ.

އަދި އެއީ ވަރަށް އާދައިގެ ފެންވަރެއްގައި އޮތް ގުޅުމެއްކަމުގައިވެސް ބެލެވެއެވެ. މިފުރުސަތުގައި ސަޓާރާގެ ވެރިންނާއި އެމީހުންގެ ޗީފް މިނިސްޓަރުން ކަމުގައި ބެލެވޭ މީހުންގެ ޚާންދާނަށް ނިސްބަތްކޮށްގެން ކުރީސަފަށް ނިކުންނަން އުޅޭ އެހެންމީހުންތައް ވެސް ދިޔައީ ފެންނަމުންނެވެ. 1720 ގައި ބައިވެރިވި ގައިވާޑުންގެ ޚާއްސުން ކަމުގައިވާ ދާމާޖީ އާއި ޕިލާޖީގައިވާޑުންއަކީ ބޮންސްލޭ ޚާންދާނަށް ނިސްބަތްވުމުގެ އިތުރުން ދަބާދޭ ޚާންދާނަށްވެސް ނިސްބަތްކުރެވޭ ބައެކެވެ. އެމީހުންނަކީ ޓެކްސް އެއްކުރުމުގައި އިސްދައުރެއް އަދާކުރި ބައެކެވެ. އަދި ދަބާދުންނާއި ޕެޝްވާސުންގެ ޚިޔާލުތަފާތުވުމުގެ ދަނޑިވަޅުބަލާފައި ސިޔާސީގޮތުން ކުރިއަށް ނިކުތުމަށް ފުރުސަތުގެ ބޭނުން ކުރީއެވެ.

ހަމައެދުވަސްވަރު މުޣަލްރަސްކަމުގެ ގަނޑުވަރުތެރޭގައި ހިނގާދިޔަ ކޯޅުންގަޑުންވެސް އެންމެ ބޮޑަށް ފައިދާކުރީ މަރާތުންނަށެވެ. އެހެންނަމަވެސް ހަގީގަތުގައި ޕެޝްވާސުން ކުރިއަރައި ގައިވާޑުން ބާރުގަދަވެގެން ދިޔައީ ޝާހުގެ ރަސްކަން ނިމުމަށްފަހުގައެވެ. 1750 ވަނައަހަރުގެ ގެ ކުރީކޮޅުގައި ގުޖުރާތުނެ ލިބޭ އާމްދަނީގެ ރަނގަޅު ޙިއްސާއެއް އެ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހުނު ގަވައިދު ޕެޝްވާސުންވެސް ގަބޫލުކުރިއެވެ. 1752 ވަނައަހަރު ގުޖުުރާތުގެ ވެރިރަށް އަހްމަދުއާބާދުން ނެރުނު އަމުރަށް ގުޖުރާތުގެ ސުބާ ސަރަހައްދުގައި ހުންނަ ގަވަރނަރ ވަޒީފާއިން ވަކިކުރުމުން މިގަވައިދުގައި ސިއްކަ ޖެހުނީއެވެ. އެއަށްފަހު ވިޔަފާރިއާއި އިގްތިސާދު އަލުން ބައްޓަންކުރުމުގެގޮޮތުން ގައިވާޑުންގެ ވެރިރަށްކަމުގައި ބަރޯޑާ ކަނޑައެޅުނީއެވެ.

1768 ގައި ދާމާޖީ މަރުވުމާގުޅިގެން ގައިވާޑުންގެ ވެރިކަމަށް ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ކުރިމަތިވިއެވެ. ސަބަބަކީ އެމީހުންގެ ތެރޭގައި ހަމަނުޖެހުން އުފެދިއްޖެނަމަ އެކަން ހައްލުކޮށް ދިނުމަށް ޕޫނާއާއި ޕެޝްވާސުންނަށް އަދިވެސް ބަރޯސާ ވަމުންގެންދިއުމެވެ.

ދާމާޖީ މަރުވުމުން 1771 އިން 1789 އަށް ފާތިހްސިންގް ގެ ވެރިކަމުގައި ޕެޝްވާސުންނާއެކު އޮންނަގުޅުން ގާތްގަނޑަކަށް ނިމުމަކަށް އައެވެ. އޭގެ ބަދަލުގައި އޭނާ އިސްކުރެއްވީ އޭރު އިންޑިއާއަށް އަތްގަދަކުރަމުން ގެންދިޔަ ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީއާއެކު ގުޅުން ވަރުގަދަ ކުރުމަށެވެ. ނަތީޖާއަކަށް ވެގެންދިޔައީ އިނގިރޭސީންގެ ބާރުގަދަކުރުމަށް އިތުރު ފުރުސަތުތައް ހުޅުވޭނެ މަގު ފަހިވެގެންދިއުމެވެ. ޕެޝްވާސުންނަކީ ހަމައެކަނި ގާނޫނީ މުޝީރުންނެވެ.

…ނުނިމެ…

 

 

Loading

One Response

  1. މުޣުލް ވިޔަސް އެމްބީއެއް އެއް ވިޔަސް ވެރިކަމާއި ކުޅިމަޖަލާއި ލައްޒަތަށްޓައި އުޅެގަތުމުން ނަތީޖާ ނިކުންނާނީ ހަމަ އެއްގޮތަކަށެވެ. މުޣަލް ގެ ހިސްޓުރީންވެސް ޢިބުރަތެއް ލިބިގަންނަމާތޯއެވެ. ގައުމު ހިންދޫ އިންޑިއާއަށް ވިއްކާނުލާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް