ލޯބީގެ މަންޒިލު-5

Loading

Facebook
Twitter
WhatsApp

http://sandhaanu.today/13992/ އާގުޅޭ….

”ކޮންމެ ކޮންމެ ޑޮކްޓަރެއްގެ ގާތަށް ދާން އަހަރެން ވަރަށް ޖެހިލުންވޭ. އެންމެ ފަހުން ދިމާވި ކަންތައްގަނޑުން ސަލާމަތް ކޮށްދިނީ ޑޮކްޓަރ ޕެރޭރާ. އޭނާއަށް ހަގީގަތް އެނގުމުން ކަންތައްތައް ވަރަށް ގޯސްވި. އެންމެ ފަހުން ސަލާމަތް ވެވުނީ 20 ހާސް ރުފިޔާ ދީގެން. ވިހިހާސް ރުފިޔާއަކީ ވަރަށް ބޮޑު އަދަދެއް. ބައްޕަ ކިތަންމެ ދީލަތި މީހަކަށް ވިޔަސް 20 ހާސް ރުފިޔާ ޚަރަދު ކުރަނީ ކޮން ކަމެއް ކުރަންތޯ ބެލުމުގެ ހައްގު ބައްޕައަށް ލިބިގެންވޭ.“

”ރަނގަޅު ވާހަކައެއް ތި ބުނީ“ ޖޫލީ ބުނެލިއެވެ.

”ރާޖީއަށް ވީގޮތް ކަލޭ ހަނދާން އެބަހުރިތަ؟ އެ ފަކީރު އެކަންތައް ކުރުވި ޑޮކްޓަރަށް ފަސް ހާސް ރުފިޔާ ދިން. އެކަމަކު ރާޖީ މީހަކާ އިނދެގެން އެމެރިކާއަށް ފުރައިގެން ދިއުމާހަމައަށް ބިރުދައްކައިގެން ޑޮކްޓަރ އޭނާ އަތުން ފައިސާ އަތުލަމުން ދިޔަ.“

”ތިކަހަލަ ކަންތައްތަކުގައި ޕުޝްޕާ އެޑްވާނީ އަށްވުރެ ވިސްނުންތެރި އެހެން އަންހެން ކުއްޖަކު މަށެއް ނުދެކެން.“

”ކިހިނެއް އޭނާ ހެދީ؟“

”އޭނާއަކީ ވެސް ކަލޭހެން މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅު. އޭނާއަށް ތިފަދަ ކަމަކާ ކުރިމަތިވުމުން އޭނާ ކުރިކަމަކީ ވަރަށް ފަގީރު އާއިލާއެއްގެ ޒުވާނަކާ ކައިވެނި ކުރީ. އެ ޒުވާނާގެ މަންމައަށް ކެންސަރު ޖެހިގެން އުޅެނިކޮށް އެމެރިކާއަށް ގެންގޮސް ބޭސްފަރުވާކޮށް ރަނގަޅު ކުރުވި. އޭނާގެ އަންހެން ދެ ކޮއްކޮގެ ކައިވެންޏަށް ޚަރަދުކޮށް އެކަން ކުރުވި. އަދި ކޮންމެ މަހަކު އެ ޒުވާނާގެ ގެއަށް ފަސް ހާސް ރުފިޔާ ފޮނުވާ. ޕުޝްޕާގެ ބައްޕަގެ ވިޔަފާރީގެ ހުރިހާ ކަމެއް މިހާރު ހިންގައި ބަލަހައްޓަނީ ވެސް އެ ޒުވާނާ. އޭނާ މަސައްކަތް ކުރުމުން މެނޭޖަރަށް ކޮންމެ މަހަކު ދޭންޖެހޭ 15 ހާސް ރުފިޔާ ވެސް ސަލާމަތްވޭ. ޕުޝްޕާއަށް ވަނީ ރަނގަޅު އައްޑަނައެއް ލިބިފައި. ޕުޝްޕާ ކޮންމެ ފަހަރަކު ވިހަން ހޮސްޕިޓަލަށް ދަނީ ފިރިމީހާގެ ކޮންޑުގައި ބޯއަޅައިގެން އޮވެ. އެއްވެސް އެއްޗެކޭ އަހަން މިހާރު މީހަކަށް ނުކެރޭ. ޝައްކުގެ ނަޒަރަކުން ބަލައިލާނެ މީހަކު ވެސް ނުހުރޭ. ޕުޝްޕާ އުޅެނީ އުފަލުގައި. އޭނާގެ ކުރީގެ އެކުވެރިން ވެސް އުޅެނީ އުފަލުގައި. އަދި ކޮބާ! އޭނާގެ ފިރިމީހާ ވެސް އުޅެނީ އުފަލުގައި. އޭނާއަކަށް ވާއެއް ނުވާއެއް ނޭނގޭ“

”ތީ ވަރަށް ރަނގަޅު ގޮތެއް. އެކަމަކު ….. އެކަހަލަ ބަސްއަހާ ކުއްޖަކު ހޯދާނީ ކޮންތާކުން؟“ ސުޝީލާ ސުއާލު ކުރިއެވެ.

”ހޯދަން އުޅެފިއްޔާ ކަނލާންގެ ވެސް ދުނިޔެއިން ފެންނަ ވާހަކަ މީހުން ބުނެއެއްނު! ހިންދޫންގެ ފިރިންނަކީ އަންހެނުންގެ ކަނލާންގެ.“

ދެން އެދެމީހުން އެއްފަހަރާ ބާރަށް ބާރަށް ހީގަތެވެ.

ހިނިގަނޑަށްފަހު ސުޝީލާ ބުންޏެވެ. ”އެކަހަލަ ޒުވާނަކު ހޯދުމުގެ މަސައްކަތް ހަމަ މިއަދު ފަށަންވީ. ދެ މަސްދުވަހުގެ ތެރޭގައި އިންނާނެ މީހަކު ލިބެނިކޮށް މައްސަލައެއް ނުޖެހޭނެ. ތިން މިނިޓު އިރުގެ ތެރޭގައި ބޮޑު ވިޔަފާރިއެއް ނިމޭއިރު ދެ މަސްދުވަހުގެ ތެރޭގައި އެކަހަލަ މޮޔައަކު ނުލިބެންވީ ކީއްވެގެން؟“

ކުއްލިއަކަށް ބޭރުން ބަޔަކު ޒުވާބުކުރާ އަޑު އިވެން ފެށުމުން ވޭޓަރަށް ގޮވާލާފައި ޖޫލީ ސުއާލުކުރިއެވެ. ”އެއީ ކޮން އަޑުފަށްގަނޑެއް؟“

”ހިނގާފައި ދިޔަ މީހަކު ކަރުހިއްކައިގެންފައި ހުރި ވަރުން ފެން ވިއްކާ މީހެއްގެ އަތުން ފެން ތަށްޓެއް ހޯދައިގެން ބުއީ. އެކަމަކު އެމީހާ އަތުގައި ފެންތަށީގެ އަގަށް ދޭންވާ ފަސްލާރިއެއް ނެތް. ފެން ވިއްކާ މީހާ އެކަމާ ރުޅިއައިސްގެން ހަޅޭލަވަނީ.“

އެހެން މޭޒެއްގެ ދޮށުގައި ތިބި ބަޔަކު އެވަގުތު ވޭޓަރަށް ގޮވާލުމުން އޭނާ އެ މޭޒުދޮށަށް ދިއުމަށް ހިނގައިގަތެވެ. ޖޫލީއާއި ސުޝީލާ އެކަކު އަނެކަކަށް ބަލާލާފައި ތެދުވެ ބޭރަށް ނިކުންނަން ހިނގައިގަތެވެ.

ދޮރުހުޅުވާފައި ބޭރަށް ނިކުތުމުން އެދެމީހުންނަށް ލޯ ހުޅުވަންވެސް އުނދަގޫވިއެވެ. އަވިގަދަކަމުންނެވެ. ރަނގަޅަށް ލޯ ހުޅުވައި ބަލާލުމުން ފިނިކުރި ފެން ވިއްކާ މީހާ ޒުވާން ފިރިހެނެއްގެ ކަރުގައި ހިފަހައްޓައިގެން ހުރިތަން އެމީހުންނަށް ފެނިއްޖެއެވެ. އަދި އެ ދެމީހުން ދައްކާ ވާހަކައިގެ އަޑު އެއްވެސް ހުރަހެއް ނެތި ސާފުކޮށް އިވެމުން ދިޔައެވެ.

”މަގޭ ކަރުން ދޫކޮށްލާ!“ ޒުވާނާގެ އަޑުގައި ވަނީ އާދޭހުގެ އަސަރެވެ.

”އަހަންނަށް ދޭންޖެހޭ ފައިސާ ދީ! އެހެން ނޫނީ އަނގައިގައި ހުރި ދަތްތަކުގެ ތެރެއިން ފަސް ދަތް ބިންދާލާފައި ކަލޭގެ މުށުތެރެއަށް ލާންޖެހިދާނެ.“

ކުއްލިއަކަށް ޖޫލީ ކުރިއަށް ޖެހިލާފައި ފެން ވިއްކާ މީހާއާ ދިމާއަށް ބުންޏެވެ. ”މާ ހަޔާތްކުޑަވެގެން އުޅޭނެ ކަމެއްނެތް. އޭނާ ދޫކޮށްލާ!“

”އޭރުން ކާކު އަހަންނަށް ފަސް ލާރި ދޭނީ؟“

”މިއޮތީ ފަސްލާރި. އަވަހަށް ފަސްލާރި ކާލާ!“ ދަބަހުން ފަސްލާރި ނަގައި ޖޫލީ ފެން ވިއްކާ މީހާގެ ދަމާ ގާޑިއާގެ ތެރެއަށް އެއްލާލިއެވެ.

އެ ޒުވާން ފިރިހެން މީހާ މިނިވަން ވުމުން ޖޫލީއާ ދިމާއަށް ހައިރާންކަމުން ފުރިގެން ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ.

ނުނިމޭ

 

Loading

One Response

Leave a Reply to Anonymous Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް