ޖަޕާންގެ އެއާޕޯޓްތަކުގައި ބެގެޖް ހެންޑްލް ކުރާ މީހުންނަކީ މަސައްކަތަށް ފަރުވާތެރިކަމަށް ދުނިޔެއަށް މަޝްހޫރު ބައެކެވެ. ނަމަވެސް ޖަޕާން ހަނޭޑާ އެއާޕޯޓްގައި ބެގެޖް ހެންޑްލް ކުރުމަށް ރޮބޮޓުން ބޭނުން ކުރަން ތައްޔާރު ވަމުން ދާކަމަށް ޚަބަރު ލިބެއެވެ.
މިގޮތުން މޭ މަހުގެ އެއްވަނަ ދުވަހުންފެށިގެން ޖަޕާން އެއާލައިންސް އިން އެއާޕޯޓްގެ ގްރައުންޑް ހެންޑްލިންގ މަސައްކަތް ތަކުގައި ރޮބޮޓުން ބޭނުން ކުރަން ވަނީ ނިންމާފައެވެ.
މިގޮތުން ރޮބޮޓް ބޭނުން ކުރަން ނިންމީ މިހާރު މިމަސައްކަތުގައި އުޅޭ މީހުންނަށް ނުކުރެވޭ ވަރަށް މަސައްކަތް ގިނަވެފައިވުމާއި އެކު އެމީހުންނަށް ލުއި ދިނުމަށެވެ.
ޗައިނާގައި އުފައްދައިގެން ގެނެސްފައިވާ ރޮބޮޓްތައް ބޭނުން ކުރާނީ ދެއަހަރު ދުވަހުގެ ޓްރަޔަލް އަކަށެވެ. ރޮބޮޓް ބޭނުންކޮށްގެން ފުރަތަމަ ކުރާނެ މައިގަނޑު މަސައްކަތަކީ ކާގޯ ކޮންޓެއިނަރުތައް ލޯޑް ކޮށް އަންލޯޑް ކުރުމެވެ.
ޖަޕާނަށް ދަތުރު ކުރާ ބޭރު ޓުއަރިސްޓިންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައި ވުމާއި އެކު އެވިއޭޝަން އިންޑަސްޓްރީ އަށް ވަނީ ވަރަށް ބޮޑަށް ބުރަ އިތުރު ވެފައެވެ.މިއާއި އެކުއެކީ މަސައްކަތް ކުރާ އުމުރުގެ އާބާދީ މަދު ވަމުން ދާތީވެސް މީހުން ނުލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
ޖަޕާން އެއާލައިންސް އިން މިހާރުވެސް ހަތަރުހާސް ގްރައުންޑް ހެންދްލިންގ ސްޓާފް ގެންގުޅެއެވެ.
މަތިންދާބޯޓުތަކުގެ ކެބިން ސާފު ކުރުމަށާއި ގްރައުންޑް ސަޕޯޓް އާލާތްތައް އޮޕަރޭޓް ކުރުމަށްވެސް ރޮބޮޓް ބޭނުން ކުރުމަށް ޖަޕާން އެއާލައިންސުން އުންމީދު ކުރެއެވެ.
ޖަޕާނުގެ ބައެއް އެއާޕޯޓްތަކުގައި މިހާރުވެސް ސެކުރިޓީ ޕެޓްރޯލް ތަކުގައި އަދި ރީޓެއިލް ވިޔަފާރީގައި މިހާރުވެސް ރޮބޮޓުން ގިނަ އަދަދަކަށް ބޭނުން ކުރެއެވެ.
މިއަހަރުގެ ފުރަތަމަ ދެމަސް ދުވަހުގެ ތެރޭގައި އެކަނިވެސް ޖަޕާނަށް ހަތް މިލިއަނަށްވުރެ ގިނަ ޓުއަރިސްޓުން ދަތުރު ކޮށްފައިވާ ކަމަށް ވެއެވެ.
ޖަޕާން އެއާލައިންސްގެ ގްރައުންޑް ސަރވިސް މެނޭޖަރ ބުނެފައިވާ ގޮތުގައި ސޭފްޓީ މެނޭޖްމަންޓް ކަހަލަ ކަންތަކަކީ އިންސާނުންނަށް ނޫނީ ނުކުރެވޭނެ ކަންތަކެވެ.
![]()
