ޔަމަނާއި ހަނގުރާމަކުރަން އިސްރާއީލުން ހުށަހެޅުމުން ސަޢުދީން ދިން ޖަވާބު!

Loading

Facebook
Twitter
WhatsApp

ޔަމަނުގައި ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ކުރިއަށްގެންދާ އަސްކަރީ ކެމްޕޭނުގައި ބައިވެރިވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހެޅުއްވި ހުށަހެޅުއްވުމަށް، ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ދެކޮޅުހައްދަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެމަނިކުފާނު މި ހުށަހެޅުމަށް ދެކޮޅުހެއްދެވީ އާންމުންގެ ފަރާތުން ނުރުހުމާއި ނުރަނގަޅު ރައްދެއް އަތުވެދާނެތީ ކަމަށް ބެލެވެއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ”ހާރެޓްޒް“ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ މަސައްކަތްކުރެއްވީ އެމެރިކާ މެދުވެރިކޮށް އިސްރާއީލުގެ އަސްކަރިއްޔާ މި ކަމުގައި ބައިވެރިވުމުގެ ހުއްދަ ހޯއްދެވުމަށެވެ. ޑިޕްލޮމެޓިކް މަސްދަރުތަކުން އެ ނޫހަށް މައުލޫމާތު ދިން ގޮތުގައި، ސައުދީގެ ލީޑަޝިޕުން މި ހުށަހެޅުމާ ދެކޮޅުހެދީ އިސްރާއީލާ ގުޅިގެން މަސައްކަތްކުރުމަކީ ސައުދީގެ އާންމު ރައްޔިތުންގެ މެދުގައި ނުރުހުން އުފެދިދާނެ ކަމަކަށް ވާތީއެވެ.

ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން އުންމީދުކުރީ ހޫތީންނާ ދެކޮޅަށް ގުޅިގެން އަސްކަރީ ފިޔަވަޅު އެޅުމަކީ، އެމެރިކާގެ މަދަދު ލިބޭ މި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެ، ކުރިއަށް އޮތް ތަނުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

ނަމަވެސް، ސައުދީ އަރަބިއްޔާއާއި އިސްރާއީލާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ނޯވެއެވެ. ރިޔާޟުން އަބަދުވެސް ބުނަމުންދަނީ ގުޅުން ގާއިމުކުރެވޭނީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބިގެން ކަމަށާއި، އޭގެ ތެރޭގައި މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ހިމެނޭ ކަމަށެވެ. އެހެންނަމަވެސް، ނަތަންޔާހޫ ވަނީ ތަކުރާރުކޮށް ފަލަސްތީނުގެ މިނިވަން ދައުލަތަކާ ދެކޮޅުހައްދަވާފައެވެ.

މި ހުށަހެޅުމަށް ދެކޮޅުހެދި ކަމަށް ރިޕޯޓުތައް މި އައީ، ހޫތީންގެ ހަމަލާތައް މެދުނުކެނޑި ކުރިއަށްދާތީ ސައުދީ އަރަބިއްޔާގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާ ދަނޑިވަޅެއްގައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ރިޔާޟުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ބަންދުކޮށްފައި އޮތް އޮތުން ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށްފައި ކަމަށް ޚަބަރުތައް ބުނާއިރު، އެއާލައިންތަކުން ވަނީ ދަތުރުތައް ކެންސަލްކޮށްފައެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން ސައުދީގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި ފާޅުގައި އެއްޗެއް ބުނެފައެއް ނުވެއެވެ.

ސައުދީގެ ވަލީއަހުދުގެ އިތުރުން ބޮޑުވަޒީރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މުޙައްމަދު ބިން ސަލްމާނަކީ ގައުމުގެ މުހިންމު ނިންމުންތައް ނިންމެވުމުގެ ބާރު އޮތް އެންމެ އިސް ވެރިޔާއެވެ. އެހެންކަމުން، އެމަނިކުފާނުގެ ރުހުމެއް ނެތި މި ކެމްޕޭނުގައި އިސްރާއީލު ބައިވެރިވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

ފަލަސްތީނުގެ މައްސަލައިގައި އޮތް ޚިޔާލުތަފާތުވުންތަކަކީ ގުޅުން ބަދަހިކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި ވީނަމަވެސް، ނަތަންޔާހޫ އަދިވެސް ގެންދަވަނީ ރިޔާޟާއެކު ގުޅުން ގާއިމުކުރުމަށް މަސައްކަތްކުރައްވަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް