އިންޑޮނީޝިޔާ ގެ ބައެއް ޖަޒީރާ ތަކުގެ ޖައްވުގައި މިވަގުތުވަނީ އިންސާނުންގެ ދިރި ތިބުމަށް ގެއްލުންވާވަރަށް ބޯ ދުން ފެތުރިފައެވެ.މިތަންތަނުގެ ތެރޭގައި ކަލިމަންތާން އަދި ސުމަޓްރާ ހިމެނެއެވެ. މިގޮތަށް ޖައްވު ދުމުން ތަޢައްޔަރުވަނީ ވައިލްޑް ފަޔާ ނުވަތަ ޖަންގަލީގެ އެކިތަންތަނުގައި ރޯވެ ނުވަތަ ރޯކޮށްފައިވާ އަލިފާން ގަނޑު ތަކުގެ ސަބަބުންނެވެ.
އިންޑޮނީޝިޔާގައި ފެތުރެމުންދާ ދުން މިހާރު އަވަށްޓެރި އެހެން ބައެއް ގައުމުތަކަށްވެސް ވަނީ ފެތުރިފައެވެ. މިގޮތުން ސިންގަޕޫރު އަދި މެލޭޝިޔާ ގެ މަލަ ގެއްލޭވަރަށް ދުންފެތުރި ސްކޫލްތައް ބަންދުކުރާ ހަމަޔަށްވެސް ވަނީ ހާލަތު ގޯސްވެފައެވެ.
ހާލަތު މިވަރަށް ގޯސް ވުމުން އާންމުންގެ ގިނަބަޔަކު ވަނީ ނަފްރަތު ގެ ޝުއޫރުތައްފާޅު ކުރަން ފަށާފައެވެ. އަގުހެޔޮކޮށް ދަނޑުބިން ހޯދުމަށް ޖަންގަލީގެ ތަންތަނުގައި ރޯކުރަމުންދާ ކުންފުތަކަށް އަމާޒު ކޮށެވެ.އަދި މިފަދަ އަމަލުތައް ހުއްޓުވުމުގައި ސަރުކާރުތައް ފެއިލް ވެފައިވާތީ ސަރުކާރަށްވެސް އާންމުން ގެ ނުރުހުން ދަނީ އަމާޒު ވަމުންނެވެ.
މޫސުމީ ފިނޯމިނާ، އަލްނީނޯގެ ސަބަބުން މިއަހަރުގެ ހޫނުމޫސުންވެސް ވަނީ މާބޮޑަށް ހޫނު ވެފައެވެ.ނަތީޖާއެއްގެ ގޮތުން ހޫނު ގަދަވެގެން ރޯވާ ރޯވުންތައް ވެސް މިއަހަރު އިތުރުވެފައިވާ ކަމަށް ޚަބަރުލިބެއެވެ.
މިފަދަ ކަންކަން މޮނިޓަރކުރާ ފަރާތެއް ކަމަށްވާ ނުސަންތަރަ އެޓްލަސް ބުނާ ގޮތުން އިންޑޮނީޝިޔާގެ އެކިތަންތަނުގައި މިވަގުތުވެސް 1،043،377 ތަނުގައި އަލިފާން ރޯވެ އަނދަމުން އެދެއެވެ.އަދި މިއަލިފާނުގެ ސަބަބުން 900،000ހެކްޓަރުގެ ސަރަހައްދު ވަނީ އަނދާފައެވެ.
މީހުންގެ ސިއްހަތަށް ގެއްލުން ވާއިރު ދަނޑު އެންދުން ހުއްދަވަނީ ކީއްވެ؟
އައު ދަނޑުބިންތައް ހަދާ ފަރާތްތަކުންނާއި އަދި ކުރިން ބޭނުން ކުރަމުން އަންނަ ދަނޑުތަކުގައިވެސް އެތަނެއްގައި ހުންނަ ތަކެތި އަންދާލަނީ އެފަދަ އަޅިއާއި ދެއްޔަކީ ގަސްކާނާގެ ގޮތުގައި ދަނޑުތަކުގައި ބޭނުން ކުރަން ރަގަޅު ބާވަތަކަށް ވާތީ ކަމަށް ވެއެވެ.ނަމަވެސް މިއަދު ދަނޑު އެންމުމުގެ ކަންތައް ކޮމާޝަލް ފެންވަރެއްގައި މާބޮޑަށް ފުޅާވެފައި ވުމާއި އެކު މިކަން މިހާރުވަނީ ކޮންޓްރޯލުން ބޭރުވެފައި ކަމަށް ވެއެވެ. އެކްޓިވިސްޓުން މިކަމާ ދެކޮޅަށް އަޑުއުފުލާ،އަދި ސަރުކާރުގެ އިދާރާތަކުން ތަކުރާރުކޮން ކުންފުނިތަކާއި ދެކޮލަށް ފިޔަވަޅު އަޅަމުން ދިޔަނަމަވެސް މިކަން ހުއްޓުވޭ ގޮތްވަނީ ނުވެފައެވެ.
ދަނޑު ހެއްދުމުގައި ބިޔަ ގަސްތައް ކެނޑުމަކީ އިންޑޮނީޝިޔާގައި ގާނޫނީ ގޮތުންވެސް މަނާ ކަމެކެވެ. އަދި ރައީސް ޕްރަބޯވޯ ސިފަކުރައްވާފައިވަނީ އެއީ އީކޮލޮޖިކަލް ޓެރަރިޒަމް ކަމުގައެވެ.
އިންޑޮނީޝިޔާގެ އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި ޖަންގަލީގައި ރޯވެފައިވާ ތަންތަނާ ގުޅުން ހުރިކަމަށް ބެލެވުނު 26 ކުންފުންޏެއްގެ ލައިސަންސް މިހާރުވެސް ވަނީ ހިހައްޓާފައެވެ.އަދި ޖަރީމާ ހިންގިކަން ސާބިތުވާ ފަރާތްތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
ޖައްވު ތަޢައްޔަރު ވުމުގެ މައްސަލައިގައި ޝާމިލުވަނީ ހަމައެކަނި އިންޑޮނީޝިޔާގެ ކުންފުނި ތަކެއް ނޫނެވެ.
ގްރީންޕީސް ޖަމިއްޔާއިން މިމަހު ނެރުނު ރިޕޯޓެއް ބުނާގޮތުން ސިންގަޕޫރު އަދި މެލޭޝިޔާގެ ބައެއް ވިޔަފާރި ކުންފުނި ތަކާވެސް، އިންޑޮނީޝިޔާގެ ޖަންގަލީގައި ރޯކުރުމާއި ގުޅުމެއްވެއެވެ. މިގޮތުން ސިންގަޕޫރުގައި ބޭސްވެފައިވާ ޕާމް އޮއިލް އުފައްދާ ކުންފުނި ފަރސްޓް ރިސޯސަސްގެ އިންޑޮނީޝިޔާ ސަބްސިޑިއަރީ އިން ބަލަހައްޓާ ބިމުގައި 30 ތަނެއްގައި އަނދަމުން ދާކަމަށް އެފަރާތުން ބުނެފައި ވެއެވެ.
މީގެ އިތުރުން މެލޭޝިޔާގެ ޕްލާންޓޭޝަން ގްރޫޕް ކުއާލަލަންޕޫރު ކޭޕޮންގް އާއި ވެސް ގުޅުން ހުރިކަމަށް ބެލެވޭ 19 އަލިފާނަގަނޑުވަނީ ފާހަގަ ކުރެވިފައެވެ.
އިންޑޮނީޝިޔާގެ އާންމުން މިހާރުވަނީ ސަރުކާރާ އަދި ރައީސް ޕްރަބޯވޯ އާއި ދެކޮޅަށް ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.ދައުވާއަކީ ”ގްރޮސް ނެގްލިޖަންސް“ ނުވަތަ މާބޮޑަށް ފަރުވާ ކުޑަވުމެވެ.
އާންމުން ބޭނުންވަނީ ސަރުކާރުން މިކަމަށް އިތުރަށް ސަމާލުކަންދީ މިއީ ނެޝަނަލް ޑިޒާސްޓާ އެއްގެ ގޮތުގައި އިއުލާން ކުރުމަށެވެ.މިގޮތަށް ކަންތައް ކޮށްފިނަމަ ދުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަ ތަކަށް ހިލޭ ބޭސްފަރުވާ ލިބޭނެތީއެވެ.
ސަރުކާރާއި ރައީސް އާއިދެކޮޅަށް މިދިޔަ އަހަރުވެސް ކޯޓަށް މައްސަލަ ހުށަހެޅިކަމަށް ވެއެވެ.ނަމަވެސް މައްސަލަ ވަނީ ބޭރު ކޮށްލާފައެވެ.
ކޮންމެ އަކަސް އާންމު ފަރުދުންގެ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބެމުންދާ ދުމުގެ މައްސަލަޔަށް އަވަސް ހައްލެއް ހޯދަން ޖެހޭކަން މިއީ އެންމެންވެސް އިއްތިފާޤް ވާ ހަގީގަތެކެވެ.
![]()
